ރިޕޯޓް

"ވަތަން އެދޭ ގޮތަށް" އެއީ ކޮޕީއެއްތަ؟

May 31, 2017
5

ގައުމުވަންތަ އަޑަކުން ކިޔާފައި އޮންނަ މި ލަވަ އެންމެންގެ ދުލަށް ވެސް ވަރަށް ފަސޭހަ އެވެ. ގިނައިން ކިޔައިލެވޭ ރީތި، މަޝްހޫރުކަން ބޮޑު ލަވަ އެކެވެ. ގައުމުވަންތަކަން އަދި މާ ބޮޑު ލަވައެކެވެ.އެއް ދުވަސްވަރަކު ސްކޫލުތަކުގައި ދަރިވަރުން، ދިދަ ނަގާއިރު ކިޔަމުން އައި ލަވައިގެ މަތިން ހަނދާން ނެތި އަހަރުތަކެއް ދިއުމަށް ފަހު އަލުން އިވެން ފެށީ ރާއްޖެ މިހާރު ދެކެމުން އަންނަ އިސްލާހީ ބަދަލުތައް ފެށުނު ހިސާބުގަ އެވެ.

ހާއްސަކޮށް އެމްޑީޕީގެ ހަރަކާތްތަކުގެ ތެރެއިންނެވެ. ރާއްޖޭގެ ޒަމާނީ ޑިމޮކްރެޓިކް ވެށީގައި މި ލަވައިގެ މަޝްހޫރުކަން ވަކީން ބޮޑުވީ 2008 ގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިއްތިހާދުގެ ބައިވެރިންގެ ޝިޔާރެއްގެ ގޮތުގައި "ވަތަން އެދޭ ގޮތަށް" ބޭނުންކޮށް ލަވައިގެ އަޑު ގަދަ ކުރުމުންނެވެ.

ވަތަން އެދޭ ގޮތަށް ދަމާހެ ހެޔޮހިތުން މިޖާން ދޭން!
ވަތަންގެ އާ ޒުވާނުނޭ ފަށާށެ އަދު އިޖާބަދޭ!

މި ހާއްސަ ލަވައިގެ ހަގީގަތް އެނގެނީ ކޮން ބަޔަކަށް، ކިހާ ވަރަކަށް ހެއްޔެވެ؟ އެ ހާއްސަ ލަވަ އުފެއްދީ ކިހިނެއް ހެއްޔެވެ؟

"ވަތަން އެދޭ ގޮތަށް" މި ލަވަ ހެއްދެވީ ކުރީގެ ރައީސް މުހައްމަދު އަމީނެވެ. އެ މަނިކުފާނު އެ ލަވައިގެޅެން ހައްދަވާފައި ވަނީ "ވަތަންގެ ދަރީންނަށް ގޮވައިލުމެއް" މި ސުރުހީގެ ދަށުން، ދިވެހި ރައްޔިތުން ދިވެހި ގައުމު ދެކެ ލޯބިވުމަށް ކުރައްވާފައިވާ ހާއްސަ އިލްތިމާސެއް އަދި ވަސިއްޔަތެއްގެ ގޮތުގައިކަން ޅެމުގެ މާނައިން އެނގެ އެވެ.

އެ މަނިކުފާނުގެ އަރިހުގައި މަސައްކަތްކުރެއްވި ބައެއް ބޭފުޅުން ވެސް ވިދާޅުވަނީ އެއީ ގައުމީވަންތަކަމުގެ އަސަރުގައި ހެއްދެވި ޅެމެއް ކަމަށެވެ.
ރައީސް އަމީނުގެ ދަރިކަނބަލުން އަމީނާ މުހައްމަދު އަމީން އާ 2000 ވަނަ އަހަރު ބައްދަލުވެ ދެކެވުނު ވާހަކައިގައި ރައީސް އަމީންގެ ހަޔާތްޕުޅުގެ އެކި ދިމަދިމާ އިން ކުރިފަޅައިގެން ގޮސް "ވަތަން އެދޭ ގޮތަށް" އެ ލަވަ ހެއްދެވި ގޮތުގެ ވާހަކަ އަމީނާ ސިފަކޮށް ސާފުކޮށް ދެއްވި އެވެ. ވިދާޅުވީ ބައްޕާފުޅު އެ ލަވަ ހެއްދެވީ އިންޑިޔާގެ ސިނަމާއެއްގައި ފިލްމެއް ބެއްލެވުމަށް ފަހު އެނބުރި ގެއަށް ވަޑައިގެން އެންމެ ފަސް މިނެޓްގެ ތެރޭ ކަމަށެވެ. ސިނަމާގައި އިންނެވި އިރު ވެސް ހިތްޕުޅުގައި ޅެމުގެ އެމުނިއެކުލެވުން މުޅިން ތަރުތީބު ކުރައްވާފައިވާހެން ހީފުޅުވާ ކަމަށް ވެސް އަމީނާ ވިދާޅުވި އެވެ.

އަމީނާގެ ވާހަކައިން "ވަތަން އެދޭ ގޮތަށް" އެ ލަވަޔަކީ އަމީން ބެއްލެވި ހިންދީ ފިލްމުގެ ތެރޭން އައި އިހުސާސަކުން ހެއްދެވި ލަވައެއްކަން އެނގެ އެވެ.

އެއީ ކޮން ފިލްމެއް ހެއްޔެވެ؟ "ވަތަން އެދޭ ގޮތުގެ" ރާގަކީ އެ ފިލްމުގެ ރާގެއްގެ ނަކަލު ހެއްޔެވެ؟

ރައީސް އަމީނުގެ މި ހާއްސަ ލަވަޔަކީ އިންޑިޔާގައި ވަރަށް މަޝްހޫރުވި ފިލްމެއް ކަމަށްވާ "ޝަހީދު" ގައި ހިމެނޭ ލަވައެއްގެ ރާގެވެ. "ވަތަން އެދޭ ގޮތަށް" މި ލަވައިގައި ހިމެނޭ ބަސްތަކާއި ޖުމްލަ ވާހަކަތަކަކީ ވެސް އެ ލަވަ އެވެ. އެހެންކަމުން ރައީސް އަމީންގެ "ވަތަންގެ ދަރީންނަށް ގޮވައިލުމެއް" މި ލަވައިގެ އަސްލަކީ 1948 ވަނަ އަހަރު ނުކުތް "ޝަހީދު" ގައި ހިމެނޭ "ވަތަންކެ ރާހްމޭ ވަތަންކެ ނޯޖަވާން ޝަހީދުހޯ" މިލަވަ އެވެ.

"ވަތަން އެދޭ ގޮތަށް" އަލުން މަޝްހޫރުވީ މިހާރުގެ ސިޔާސީ ޕާޓީގެ ހަރަކާތްތަކުގެ ތެރެއިންނެވެ. ރާއްޖޭގައި ފުރަތަމަ ސިޔާސީ ޕާޓީއެއް އުފެއްދެވީ އަމީނެވެ. ބައެއް ތާރީހީ ބޭފުޅުން ވިދާޅުވާ ގޮތުގައި އަމީނު މި ލަވަ ހައްދަވާފައި ވަނީ ފުރަތަމަ ސިޔާސީ ޕާޓީ، މުތަގައްދިމް ޕާޓީ ނުވަތަ ޕީޕަލްސް ޕްރޮގްރެސިވް ޕާޓީ (ޕީޕީޕީ) އުފެއްދެވި ދުވަސްވަރު އެ ފޯރީގެ ތެރޭގަ އެވެ. ޕީޕީޕީ އުވާލާފައި ވަނީ އޯގަސްޓް ،22 1943 ގަ އެވެ. އަމީނު ނަކަލު ކުރައްވާފައިވާ ރާގު ހިމެނޭ ހިންދީ ފިލްމު ނުކުތީ 1948 ގަ އެވެ. އެހެންކަމުން ޕީޕީޕީގެ ހަރަކާތްތަކާ މި ލަވަޔާ ގުޅުމެއް ނެތެވެ.

"ޝަހީދު" ފިލްމަކީ އިނގިރޭސީންގެ އަތްދަށުން އިންޑިޔާ މިނިވަންވުމަށް ކުރި ހަނގުރާމައިގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. އަމީންގެ ގާތް ބޭފުޅެއް ކަމަށްވި އަބްދުﷲ ސޯދިގު (ސޯދުބޭ) ވިދާޅުވާ ގޮތުގައި ރައީސް އަމީން މި ލަވަ ހެއްދެވީ ފިލްމެއް ބެއްލެވުމަށް ފަހު އެ ފިލްމުގެ އަސަރުގައި ވަރަށް ބޮޑަށް ޖެހިވަޑައިގެނެވެ.

"އަބަދުވެސް އެ ވާހަކަފުޅު ދައްކަވާ ހައްދަވާނެ، އެކަމަކު އަމީނާ އެހެން ވިދާޅުވާ ކަމަށްވަންޏާ އެގޮތަށް ކަމަށް އެވާނީ، އެއީ އަމީނާގެ ހަނދާނުގައި އެކަން ވަރަށް ރަނގަޅަށް ހުރީ،" ސޯދިގު ވިދާޅުވި އެވެ.

ފިލުމުގެ އަސަރުގައި ހައްސާކޮށް އެފިލްމުގައި ހިމެނޭ ލަވައިގެ ބަސްތަކުން އަމީންގެ ހިތްޕުޅަށް އަސަރު ކުރުވައިގެން ލަވަ ހެއްދެވިކަން އެނގޭ އަނެއް ކަމަކީ މުޅި "ޝަހީދު" ފިލްމުގެ ވާހަކަ ސަރުކާރު ހަބަރުގައި އަމީނުގެ ގަލަމުން ލިޔުއްވާފައި އޮތުމެވެ.

އަމީން އަސްލަކަށް ބައްލަވާފައިވާ ހިންދީ ލަވައިގެ ޅެން ހަދާފައި ވަނީ އިންޑިޔާ މަޝްހޫރު ޅެންވެރިއެއް ކަމަށްވާ ގަމަރު ޖަލާލު އާބާދީ އެވެ. އޭނާ އަކީ ޕާކިސްތާނުގެ ޖަލާލު އާބާދުގައި 1919 ވަނަ އަހަރު އުފަންވި ވަރަށް މޮޅު ވަރަށް ގަދަރުވެރި ޅެންވެރިއެކެވެ. އަވަހާރަވީ ޖެނުއަރީ 9، 2003 ގަ އެވެ. އޭނާގެ ޅެމުގައި ބުނަނީ މިހެނެވެ:

ގައުމުގެ ޒުވާނުން ގައުމަށްޓަކައި ޝަހީދުވާންވީ އެވެ.
މި އުޑާއި މިބިން ޝަހީދުވުމަށް ގޮވާލަ އެވެ.

ޝަހީދުންނޭވެ! ތިޔަބައި މީހުންގެ ޝަހީދުވުމަކީ ގައުމުގެ ދިރުމެވެ.
މި ގައުމުގެ ރޫހް ދިރިގެންދާނީ ތިޔަބައި މީހުންގެ ލެއިންނެވެ.
ތިޔަބައި މީހުން ޝަހީދުވެގެން ދިޔަ ބިމުގައި މާމެލާމެލި ފަރިވެ ފޮޅޭނެ އެވެ.

އަޅުވެތި ވެފައިވާ މީހުންނޭވެ. ތެދުވާށެވެ. ގައުމުގެ ދުޝްމަނުންެގެ ކިބައިން ބަދަލު ހިފާށެވެ.
ތިޔަބައި މީހުންގެ ތިޔަ ދެ މުލައްދަނޑިން ހަންޖަރުގެ ބޭނުން ހިފާށެވެ.
މި ގުލްޝަނަށްޓަކައި ގުލްޝަން ބަލަހައްޓާ މީހުން ޝަހީދު ވާންވީ އެވެ.

ތިޔަބައި މީހުންގެ ޖޯޝުގެ ވަރުގަދަކަމުން ފަރުބަދަތައް ވެސް ތުރުތުރު އަޅާވަރު ކޮށްލާށެވެ.
ތިޔަބައި މީހުންގެ ލެއިން އުޑުމަތީގައި އިންގިލާބު ލިޔެލާށެވެ.
ޝަހީދުންނޭވެ! ތިޔަބައި މީހުންގެ ވަޒަނަކީ ބިމެއް ނޫނެވެ. އުޑެވެ.

އަމިއްލަ ފުރާނައަށް ވުރެ ގައުމުގެ އަބުރަށް ލޯބިކުރާ މީހާ އެވެ.
އެޒުވާނުން މިއަދު އެދަނީ ކިހާ ފަހުރުވެރި ކަމާއެކުގައި ހެއްޔެވެ؟
އެޒުވާނުންނަށްޓަކައި ހުރިހާ ޒުވާނުން ޝަހީދުވާން ވީ އެވެ.

މިއަލިގަދަ ބައްތިތަކުގެ މައިންނަކީ ކޮންފަދަ ނަސީބު ގަދަ ބައެއް ހެއްޔެވެ؟
މި ތާޖުތައް އެޅިގެންވާ ބޯތަކުގެ ވެރިންވީ ކޮން ތާކު ހެއްޔެވެ؟
ތިޔަބައި މީހުން ޝަހީދުވެގެން ދިޔަ ގައުމަކީ ބާއްޖަވެރި ގައުމަކަށް ނުވާންވީ ކީއްވެގެން ހެއްޔެވެ؟

އަމީނު އަބަދުވެސް ވިދާޅުވާ ވާހަކައެއް އޮވެ އެވެ؛ އެ މަނިކުފާނަކީ ޅެންވެރިއެއް ނޫން ކަމަށާއި އެ މައިދާނުގައި ފަސްބާޑިޖެހި މީހެއް ކަމަށެވެ. އެހެންނަމަވެސް މިހާރުގެ ޅެންވެރިން ވެސް ކުރީގެ ޅެންވެރިން ވެސް ބުނަނީ ޅެންވެރިކަމުގެ މައިދާނުން އަމީނު ކޮންނެވީ މުޅިން ވެސް ރީތި ފަސް ކަމަށެވެ.

ގަމަރު ޖަލާލް އާބާދީގެ ލަވަޔާ އަމީނުގެ ލަވަޔަށް ބަލާއިރު ވެސް އިހުސާސަކީ އެކައްޗެކެވެ. އަސްލު ލަވަޔަށް ގަމަރު ޖަލާލް އާބާދީ ގެނުވާފައިވާ ގައުމީ އިހުސާސް ދިވެހިންނާއި ދިވެހި ގައުމަށް ނިސްބަތްވާ ގޮތަށް ރައީސް އަމީނު ވެސް ސިފކޮށްދެއްވާފައި ވަނީ މޮޅަށެވެ.