ހަބަރު

ދުންފަތަށް އަހަރަކު 1.1 ބިލިއަން ރުފިޔާ އިސްރާފުކުރޭ

ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެ ކުރަން އަހަރަކު 1.1 ބިލިއަން ރުފިޔާ ހަރަދު ކުރާ ކަމަށް ހެލްތު މިނިސްޓާ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި މިނިސްޓާ ދެއްވި ހިތޯބުގައި ވިދާޅުވީ ރާއްޖެއަށް އަހަރެއްގެ މައްޗަށް 462 މިލިއަން ސިގިރެޓު އެތެރެ ކުރާ ކަމަށާއި އެކަމަށް ބޮޑުު ހަރަދެއް އިސްރާފު ކުރާ ކަމަށެވެ.

ދުންފަތަކީ އޭގެ ސަބަބުން ނޭދެވޭ އަސަރާއި ގެއްލުން އެތައް ބަޔަކަށް ކުރާ ކަމެކެވެ. ދުންފަތުގެ ޝިކާރައަކަށްވެ އޭގެ ގެއްލުން ލިބިގަތުމާއި އެހެންމީހުންނަށް އެ ގެއްލުން ފޯރު ކޮށްދިނުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ހައްގެއް ނޫން ކަމަށް ވެސް މިނިސްޓާ ވިދާޅުވި އެވެ.

އިތުރަށް މިނިސްޓާގެ ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ މިންވަރު މަދު ކުރުމަށް ގިނަ މަސައްކަތްތަކެއް މީހާރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ދުންފަަށް އަލަށް ތައާރަފްވާ ކުދިންގެ ނިސްބަތް މަދު ކުރުމަށްޓަކައި ދުންފަތުން ނަގާ ޓެކްސް ބޮޑު ކޮށްފައި ވާއިރު ދުންފަތުގެ ވަބާގައި ޖެހިފައިވާ މީހުން އެކަމުން ސަލާމަތް ކުރުމަށްޓަކައި ދޭންޖެހޭ ފަރުވާތައް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ލިބޭނެ ގޮތް މިހާރު ހަދާފައި ވާނެ ކަމަށެވެ.