ސިނަ މާލެ ބްރިޖް

ތަނބުތަކުގެ ކޮންކްރީޓް ކުރިއަށް ދަނީ ތަވާލާ އެއްގޮތަށް: މުއިއްޒު

މާލެ އާއި ހުޅުލެ ގުޅުވާލައި، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ތަނބުތަކުގެ ކޮންކްރީޓް އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ ތާވަލާ އެއްގޮތަށް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ތަނބުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތުގައި ފޮޓޯތަކެއް ޓްވިޓާގައި ޕޯސްޓް ކުރައްވަމުން މުއިއްޒު ވިދާޅުވީ، ބްރިޖްގެ އިތުރު ތަނބުތަކުގެ ކޮންކްރީޓް އެޅުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.

މިހާރު ވެސް މައި ބްރިޖަށް ދިޔުމަށް އޮންނަ އެޕްރޯޗް ބްރިޖްގެ ތަނބުތަކުގެ ކޮންކްރީޓް މަސައްކަތް ކުރަމުންދާއިރު ބައެއް ތަނބުތަކުގެ މަސައްކަތް ނިމި، މިހާރު ލޮނުގަނޑު މައްޗަށް ފެންނަން ހުރެ އެވެ.

މިނިސްޓަރު ކުރިން ވިދާޅުވެފައިވަނީ، މައި ތަނބުތަކުގެ ކޮންކްރީޓް މަސައްކަތް ވެސް ކުރިއަށްދާ ކަމަށާއި އެ ތަނބުތަކުގެ ކޮންކްރީޓް މަސައްކަތް ނިމި، އަންނަ މަހުގެ ތެރޭގައި ލޮނުގަނޑު މައްޗަށް ފެންނަން ހުންނާނެ ކަމަށެވެ. މި އަހަރު ނިމުމުގެ ކުރިން ހުރިހާ ތަނބެއް ލޮނުގަނޑު މައްޗަށް ފެންނަން ހުންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ބްރިޖް މަސައްކަތް ހަވާލުކޮށްފައި ވަނީ، ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަ އިންޖިނިއަރިންއާ އެވެ. އެ ކުންފުނިން ބްރިޖްގެ މަސައްކަތް ކޮށްދެނީ 200 މިލިއަން ޑޮލަރަށެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެހީ އެވެ. އަނެއް ބައި ދެނީ ލުއި ލޯނުގެ ގޮތުގަ އެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑިޝިޕް ބްރިޖްގެ ދިގު މިނުގައި ޖުމްލަ ދެ ކިލޯމީޓަރު ހުންނަ އިރު، އެއީ 20.3 މީޓަރު ފުޅާ ބްރިޖެކެވެ. ބްރިޖުގެ ދަށުން 12 މީޓަރުގެ އުސް އުޅަނދު ތަކަށް ދަތުރު ކުރެވޭއިރު މެދު ދިޔައިގައި ބްރިޖްގެ އެންމެ އުސް ހިސާބާ ހަމައަށް 20 މީޓަރު ހުންނާނެ އެވެ. ބްރިޖުން 15 މިނެޓް ތެރޭގައި 6500 އަށްވުރެ ގިނަ މީހުންނަށް މާލެއިން ހުޅުލެއަށް ދެވޭނެކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.