ރޯދަ މަހާ ރޯއްޖާ

އަސްރަފީ: 40 އަހަރުވީ ރަންފައުނެއް!

ބޮޑު ޗުއްޓީގައި އެންމެ ކިޔޫ ދިގުކޮށް އެންމެ ގިނަ އަދަދަކަށް ވިޔަފާރި ކުރާނީ މާލޭގެ ބޮކްޝޮޕްތަކުންނެވެ. ބެލެނިވެރިންނާއި ދަރިވަރުންގެ އިތުބާރު ހޯދަން ބުކްޝޮޕްތަކުން މަސައްކަތް ކުރާއިރު މާލޭގައި އެންމެ ފުރަތަމަ ހުޅުވި އެންމެންގެ މަގުބޫލުކަން ހޯދައިފައިވާ "އަސްރަފީ" ބުކްޝޮޕަކީ އެންމެ އިތުބާރު ބޮޑު ނަމެވެ. އަސްރަފީ ބުކްޝޮޕް ނޭނގޭ މީހަކު ވެސް އެތަނުގެ ފައިދާ ކޮންމެވެސް ސިފައެއްގައި ނުކުރާ މީހަކުވެސް ރާއްޖޭގައި ނޫޅޭނެ އެވެ. އަސްރަފީގެ މާނައަކީ ރަން ފައުނެވެ. މިއަދު އަޝްރަފީ ބުކް ޝޮޕްގެ އުމުރުން 41 އަހަރުވެފައިވާއިރު އެތަނާއި އެ ނަން އުފެދިގެން އައި ގޮތް ފިހާރައިގެ ޖެނެރަލް މެނޭޖާ މުހައްމަދު ތޯހާ ވިދާޅުވެ ދެއްވަނީ އެވެ.

"އަސްރަފީ ބުކްޝޮޕް އެންމެ ފުރަތަމަ ހުޅުވީ 1976 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު، އެއީ އަސްރަފީގެ މުހިންމު ދުވަހެއް،" އޭނާ ވިދާޅުވި އެވެ.

ދިވެހިންގެ އެންމެ ބޮޑު އެއް އެހީތެރިޔާގެ ގޮތުގައި ބެލެވިފައިވާ ފިހާރައަށް "އަސްރަފީ" ގެ ނަން ދެވުނީ ކިހިނެއް ހެއްޔެވެ؟

"އެއީ އެންމެ ފުރަތަމަ މި ފިހާރަ ހުޅުވީ އަސްރަފީގޭގައި، އަސްރަފީ ގެޔަކީ ފިހާރައިގެ ވެރިމީހާ އާދަމް އިބްރާހިމްގެ އަމިއްލަފުޅު ގެ. މީގެ 41 އަހަރު ކުރިން ފިހާރަ އެންމެ ފުރަތަމަ ހުޅުވި އިރު ގޭގެ ނަމަށް ނިސްބަތްކޮށް ދިން ނަމުގަ އަދި ވެސް ފިހާރަ ހިންގަމުން މިގެންދަނީ." ފިހާރަ ފުރަތަމަ ހުޅުވުމާއި ފިހާރައަށް ނަން ކީ ގޮތުގެ ވާހަކަތައް ތޯހާ ހިއްސާ ކުރެއްވި އެވެ.

ނަވަރާސަތޭކަ ހަތްދިހަ ހަވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށް މިއީ މެދުކެނޑުމެއްނެތި އަސްރަފީގެ ހިދުމަތް ދިވެހިންނަށް ލިބެއެވެ. ރާއްޖޭގެ އެ ހިދުމަތް ދޭ އެންމެ މަތީ ފެންވަރުގަ އެވެ. އަސްރަފީ ރާއްޖޭގައި ކިޔެވުމަށް ބޭނުންވާ ތަކެތި ވިއްކުމަށް ހާއްސަކޮށްގެން ހުޅުވި ފުރަތަމަ ފިހާރަ އެވެ. ފިހާރައަށް ފަންސާސް އަހަރުވާން ދާއިރު ފިހާރައަށް ބޮޑެތި ބަދަލުތަކެއް ވެސްވަނީ އައިސްފައެވެ.

"ފުރަތަމަ ފިހާރަ ހުޅުވީ ކުރިން ބުނިހެން އަސްރަފީ ގޭގަ. އޭރު ވަރަށް ކުޑަ ތަންކޮޅެއްގަ ވިޔަފާރި ފެށީ. މުދާ ގެންނަ ވަރުވެސް ވަރަށް މަދުވާނެ. އޭރު ގެންނަނީ ވެސް ގިނައިން ފޮތް. އެންމެ ބޭސިކް އެއްޗެހި... ފަންސުރު ގަލަން ފަދަ އެއްޗެސް ވިއްކަނީ. އޭރު ދުވާލެއްގެ މައްޗަށް ފިހާރަޔަށް ލިބެނީ ގާތްގަނޑަކަށް ފަންސާހަކަށް ރުފިޔާ." ތޯހާ ވިދާޅުވި އެވެ. "އެކަމަކު މިހާރު ސުކޫލަށް ބޭނުންވާ ހަމަ ހުރިހާ އެއްޗެއް ލިބެން ހުންނާނެ. އަދި އޮފީސް ސްޓޭޝަނަރީޒް ވެސް ލިބޭނެ މިހާރު. ހަމަ އެއާއެކު ފިހާރައަށް ލިބިފައިވާ ކުރިއެރުމަށް ބެލިޔަސް މާލޭގަ އެކަނި ވެސް މިހާރު އަޝްރަފީ ބުކްޝޮޕްގެ ތިން ފިހާރަ ހުންނާނެ. ޖާގައަށް ބެލާނަމަ ތިން ފިހާރަ ވެސް އެކަށިގެންވާ ވަރުގެ ބޮޑު ތަނެއްގަ މިހިންގަނީ. އަދި މާލޭގެ އިތުރުން ފުވައްމުލަކާއި ގދ. ތިނަދޫގަ ވެސް ހުންނާނެ އަސްރަފީ ގެ ފިހާރަ."

އަސްރަފީ ބުކްޝޮޕް މިއަދާ ހަމައަށް ކާމިޔާބު ކަމާއެކު ހުޅުވިފައި ހުރީ ފިހާރައިގެ ފުރިހަމަ ހިދުމަތާއި ކަސްޓަމަރުންގެ ސަބަބުންނެވެ. އަސްރަފީން އެންމެ ބޮޑަށް އަމާޒު ކުރާ ކަމަކީވެސް ކަސްޓަމަރުން އުފާކޮށްދިނުމެވެ.

"އަޅުގަނޑުމެން އަބަދުވެސް ބަލަން އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ލޯތްބާއި އިތުބާރު ހޯދޭތޯ. ކަސްޓަމަރުން ހިތްހަމަ ޖެހޭފަދަ ހިދުމަތެއް ދިނުން އަޅުގަނޑުމެންގެ އެންމެ ބޮޑު ގޯލަކީ. ސަބަބަކީ އަޅުގަނޑުމެންނަށް ލިބޭ ކުރިއެރުމަކީ ކަސްޓަމަރުންނަށް އަޅުގަނޑުމެންގެ ފަރާތުން ފޯރު ކޮށްދެވޭ ހިދުމަތްތައް އެންމެ ފުރިހަމައަށް ބަލައިގަތުން. ކަސްޓަމަރުން އަޅުގަނޑުމެންނަށް މިހާރު ވެސް ކުރަމުން އަންނަ އިތުބާރު ކުރާތީ ވަރަށް ހިތްހަމަ ޖެހޭ. އަޅުގަނޑު ކަސްޓަމަރުންނަށް ދޭން ބޭނުންވާ މެސެޖަކީ އަޅުގަނޑުމެންނަށް މިހާރު ވެސް ތިޔަ ކުރައްވާ އިތުބާރު ތިގޮތުގައި ދަމަހައްޓާށޭ. ތިބޭފުޅުން ހިތްހަމަ ޖެހޭފަދަ ހިދުމަތްތައް ދިނުމަށް އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރާނަމޭ."