މީހުން

ބޮޑުބެރުން ލޭ ކައްކުވާލި ލޭ އަޅާ ޒުވާނާ!

ޓީވީއެމުން 2010 ވަނަ އަހަރު ބޭއްވި ބޮޑުބެރު ޗެލެންޖް ވެގެން ދިޔައީ ރާއްޖޭގެ އަޑު ކެނޑެމުންދިޔަ ބޮޑުބެރުގެ އަޑު ގަދަވެ ބޮޑު ބެރަށް އިންގިލާބެއް ގެނެސްދިން މުބާރާތަކަށެވެ. އޭގެ ސަބަބުން އުވެމުންދިޔަ ބޮޑުބެރުގެ ސަގާފަތް ދިރުނެވެ. ހުރިހާ އުމުރު ފުރައިގެ މީހުންގެ ހިތްތަކުގައި ބޮޑުބެރުގެ ވިންދު އަލުން ޖަހާލި އެވެ. ހާއްސަކޮށް ޒުވާނުންގެ ހިތްތަކުން ބޮޑުބެރަށް ހާއްސަ ޖާގައެއް ލިބުނެވެ. އޭގެ ފަހުން މަޝްހޫރު އެތައް ބޮޑުބެރު ގުރޫޕް ތަކެއް ވުޖޫދަށް ވަނީ އައިސްފަ އެވެ. ހުނަރުން ފުރިފައިވާ އެތަކެއް ޒުވާނުންނެއްވެސް އަތު ވެއްޖެވެ. މިއީވެސް އެފަދަ ހުނަރުވެރި ޒުވާނެކެވެ.

މޯލްޑިވިއަން އައިޑޮލް ގެ ފުރަތަމަ ސީޒަނުން ތިން ވަނަ އަށް ދިޔަ މުހައްމަދު އިޝާން ފަދަ ހުނަރުވެރިން ނެރުނު ރާޅުގަނޑު ބޮޑުބެރު ގުރޫޕްގައި މިހާރު ފިޔަ ޖަހަމުން އަންނަ އެންމެ ޒުވާން އެއް ތަރިއަކީ އަލީ މައުލޫމް (މައުއްކޮ) އެވެ. މައުއްކޮ މަޝްހޫރު ވެގެން ދިޔައީ މިދިޔަ އަހަރު ރާޅުގަނޑު ބޮޑުބެރު ގުރޫޕުން ނެރުނު ބޮޑުބެރު ލަވަ ކަމަށްވާ "ބާރަށް ދުއްވާ" އެ ލަވައިން ނެވެ. މައުލޫމުގެ ރީތި އަދި ވަރުގަދަ އަޑުން ކިޔާފައިވާ އެ ލަވައިން އޭނާ ވަނީ ގިނަ ބައެއްގެ ހިތްތަށް އަތުލާފަ އެވެ. ޔޫޓިއުބުގައި އެ ލަވައިގެ "ވިއުވާސް" ނުވަތަ ބެލުން ތެރިންގެ އަދަދު 180،000 އަށްވުރެ މައްޗަށް އަރާފައި ވެއެވެ. މައުއްކޮ ދެކެނީ އެއީ އޭނާގެ ކެރިއަރަށް ލިބުނު އެންމެ ބޮޑު ކުރިއެރުން ކަމަށެވެ.

އުމުރުން 22 އަހަރުގެ މައުއްކޮ ލަވަ ކިޔުމުގެ ދާއިރާއަށް ވަނީ އަމީރު އަހުމަދު ސުކޫލުގައި ކިޔެވި އިރު އެވެ. އޭރު އެސުކޫލުގައި އަލަށް އުފެއްދި ބޮޑުބެރު ގުރޫޕްގައި ލަވަ ކިޔަން ފެށުން ވެގެން ދިޔައީ އެ ދާއިރާ އަށް މައުއްކޮ އަށް ވަދެވެނު ސަބަބަށެވެ. އޭރު ލަވަ ކިއުމުގެ ދާއިރާއިން މާ ބޮޑު އެއްޗެއް އެނގިފައި ނެތް ކަމުގައިވިޔަސް އެދުވަހުން ފެށިގެން ލަވަ ކިޔަން ބޭނުންވި އެވެ.

"ލަވަކިޔުމުގެ ދާއިރާއަށް ވަދެވުނީ އަމީރު އަހުމަދުގެ ގްރޭޑް އަށަކަށް ދިޔަ އަހަރު ކަލްޗަރަލް ކްލަބަކުން ހިންގި ބޮޑުބެރު ގުރޫޕެއްގެ ތެރެއިން. އޭރު މާ ބޮޑަކަށް ނޭންގެ ބޮޑުބެރަކީ ކޯންޗެއް ކަމެއް. ލަވަ ކިޔާކަށް ވެސް މާ ރަނގަޅަކަށް ނޭނގޭ. އޭގެ ފަހުން ކިޔަވާ ނިމިގެން ޖޮއިން ކުރީ ރާޅުގަނޑު ބޮޑުބެރު ގުރޫޕަށް. ކަޒިން އެއްގެ ފަރާތުން އެ ގުރޫޕަށް ވަންނަން ޗާންސް ލިބުނީ،" މައުއްކޮ ބުންޏެވެ.

ބޭރުގެ މޮޅު ލަވަ ކިޔުންތެރިންގެ ލަވަތައް އަޑުއަހައި އަމިއްލަ އަށް ކުރިއެރުން ހޯދަމުން އަންނަ މައުއްކޮއަށް ހުރަސްތަކަކާ ކުރިމަތިލާން ޖެހިފައި ވެއެވެ. މައުއްކޮ އަކީ ތެލަސީމިއާއަށް ލޭ އަޅާ ޒުވާނެކެވެ. ކޮންމެ މަހަކު ދެ ފަހަރު ލޭ އަޅަން ޖެހެއެވެ. އޭގެ ސަބަބުން ބައެއް ކަހަލަ އުނދަގޫ ތަކާ ކުރިމަތި ވެ އެވެ. ބޮޑެތި ޝޯތަކާއި ދިމާކޮށް ލޭ އަޅަން ޖެހުމުން ވަރުދެރަވެ ލަވަ ކިޔަން އުނދަގޫ ވެއެވެ.

"މަހަކު ދެފަހަރު ލޭ އަޅަން ޖެހޭ. އަބަދު ވެސް ގަވާއިދުން ބޭސް ކާން ޖެހޭ. ބޮޑު ޝޯ އަކާ ދިމާކޮށް ލޭ އަޅަން ޖެހޭ ފަހަރަކު ވަރަށް ވަރުބަލިވޭ. ހައި ނޯޓުން ކީމަ ވަރަށް ވަރުވަލިވާ ގޮތްވޭ." މައުއްކޮ ބުންޏެވެ. "އޯ ޕޮޒިޓިވް ލޭ އަޅަނީ. އެއީ އެންމެ އާންމު ލޭ. ލޭ ލިބުމުގެ މާ ބޮޑު ދަތިކަމެއް ދިމައެއް ނުވޭ."

"ބާރަށް ދުއްވާ" އެ ރީތި ލަވައިން މައުއްކޮ ވަނީ ވަރަށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފަ އެވެ. ވުމާއެކު މައުއްކޮގެ އާ ލަވަ އަކަށް އިންތިޒާރު ކުރާނެ އެތައް ބަޔަކު ތިބޭނެކަން ޔަގީނެވެ. އެހެންވެ މައުއްކޮ ވަނީ އޭނާގެ ފޭނުންނަށް އުފާވެރި ހަބަރެއް ދީ، އޭނާގެ އަޑުން އާ ލަވައެއް ގެނެސް ދިނުމުގެ މަސައްކަތް ފަށާފަ އެވެ. ރޯދައިގެ ފަހުން އެލަވައިގެ މަސައްކަތް އެއްކޮށް ނިމި ރިލީސް ވާނެ އެވެ.

"ބެލުން ތެރިންނާ ހަމަޔަށް އިތުރު ލަވަ އެއް ގެނެސް ދިނުމުގެ މަސައްކަތް އެބަ ކުރަން ރޯދައިގެ ފަހުން އަދި އިތުރު ދެ ލަވަ އެއްގެ ރެކޯޑިން ވެސް ފަށާނަން. ބޮޑުބެރު ލަވައިގެ އިތުރުން އާދައިގެ ލަވަ އެއް ވަރަށް އަވަހަށް ގެނެސްދޭނަން،" މައުއްކޮ ބުންޏެވެ.

އަޒުމަކާއެކު ނުކުތް މައުއްކޮ އަށް އެންމެ ބޮޑު އެހީތެރިކަމެއް ދެނީ އޭނާގެ ރައްޓެހީންނެވެ. ހާއްސަކޮށް ރާޅުގަނޑު ބޮޑުބެރު ގުރޫޕެވެ. މައުއްކޮ ހުރީ ލަވަކިޔުމުގެ ދާއިރާއިން ދެވެން ހުރި އެންމެ ކުރިއަށް ދާން އަތުކުރި އޮޅާލައިގެނެވެ.