ވިޔަފާރި

ސްޕީޑު ބާރު ފެރީއެއް ހުޅުމާލޭ ފެރީގެ ހިދުމަތުގައި ބޭނުންކުރަން ފަށަނީ

Apr 8, 2015
4

މާލެ-ހުޅުމާލެ އާ ދެެމެދު 15 މިނެޓުން ދަތުރުކުރެވޭ ފެރީއެއް އެމްޓީސީސީން ބަނދެ، އަންނަ ހަފުތާގެ ތެރޭގައި ދަތުރުތަކުގައި ބޭނުންކުރަން ފެށުމަށް ތައްޔާރުވެއްޖެ އެވެ.

އެމްޓީސީސީގެ ޗީފް އެކްޒެކެޓިވް އޮފިސަރު (ސީއީއޯ) އަބްދުރައްޒާގު ހަލީމް މިއަދު ވިދާޅުވީ އަލަށް ބަނދެފައިވާ ފެރީ ގެނެސް ޓްރާންސްޕޯޓުން ނިންމަންޖެހޭ ބައެއް ކަންތައްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ފެރީ ގެނެސް މިހާރު ކުރަމުން ދަނީ ޓްރާންސްޕޯޓުން ކުރަން ޖެހޭ ބައެއް ކަންތައްތައް. މީގެ އިތުރުން ފެރީގެ ކުރީކޮޅު ހިޔާކުރަން ވެސް ޖެހޭ. އެފަދަ ބައެއް މަސައްކަތްތައް ކުރުމަށްފަހު ބޭނުން ކުރަން ފަށާނީ،" ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނިން ބަނދެގެން ގެންނަ މި ފެރީއަކީ އިށީނދެލައިގެން ތިބެލަން ވެސް ފަސޭހަ ދުވެލި ބާރު އުޅަނދެއް ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ މި ފެރީން ގާތްގަނޑަކަށް 15 މިނެޓުން މާލެއިން ހުޅުމާލެއަށް ދަތުރު ކުރެވޭނެ ކަމަށް. ފައިބަ ގްލާސް މި ފެރީގައި ފަސޭހަ ގޮނޑިތަކެއްވެސް ހުންނާނެ،" ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރު ތެރޭގައި އިތުރު ހަތް ފެރީއެއް ނެރުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ފެރީތައް ބަނުމުގެ މަސައްކަތާއި އެކު އެކީގައި މިހާރު ހުރި ފެރީތަކުގެ މަރާމާތުގެ މަސައްކަތްވެސް މިދަނީ ކުރަމުން. ފެރީގެ ގޮނޑިތައް ވެސް މިދަނީ ބަދަލު ކުރަމުން،" ހަލީމް ވިދާޅުވި އެވެ.

ހުޅުމާލޭގައި ބަހާއި ފެރީގެ ހިދުމަތް ދިނުމަށް އެމްޕީއެލް އާއި އެމްޓީސީސީ އަދި އެޗްޑީއެފްސީ ގުޅިގެން "ޓްރާންސް ޕޯޓް ފޯ މޯލްޑިވްސް" ގެ ނަމުގައި ކުންފުންޏެއް ސަރުކާރުން އުފައްދާފައިވެ އެވެ.

ހަލީމް ވިދާޅުވީ މިފަހަރު ނެރޭ ފެރީއަކީ އެ ކުންފުނީގެ ދަށުން ބަނދެފައިވާ ފެރީއެއް ނޫން ކަމަށެވެ.

"ކުންފުނި އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުން ދަނީ. ކުންފުނީގެ ބޯޑު އެކުލަވާލެވި މަސައްކަތް ފެށުމުން މި ހިދުމަތް އިތުރަށް ފުޅާވެގެން ދާނެ،" ހަލީމް ވިދާޅުވި އެވެ.