ހަބަރު

ދުވާރުގައި ކުނި ބަހައްޓާނަމަ ފިޔަވަޅު އަޅާނަން: އީޕީއޭ

ގޭގެއިން އުކާލަން ނެރެފައި ހުންނަ ކުނި މަގުމައްޗާއި ދުވާރުމަތީގައި ބަހައްޓާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އީޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ މަހު 23 ގައި ނެރުނު ބަޔާނެއް މެދުވެރިކޮށް މަގުމައްޗަށް ކުނި ނާޅަން އިލްތިމާސް ކޮށްފައިވާނެ ކަމަށާއި ނަމަވެސް އަދިވެސް ބައެއް ފަރާތްތަކުން މަގުމައްޗަށް ކުނި ނެރެ ބަހައްޓާ ކަން އެ އޭޖެންސީ އަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ކުނި މެނޭޖު ކުރުމުގެ ގަވާއިދުގައިވާ ގޮތުން މާލޭގެ މަގުތަކަކީ ކުނި އެޅުން މަނާ ކަމަށް ކަނޑައަޅާފައިވާ ތަންތަނުގެ ތެރޭގައި ހިމެނޭ ތަނެއް ކަމުން ގަވާއިދާ ހިލާފަށް ކުނި އަޅާ ފަރާތްތަކާމެދު ގަނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އީޕީއޭ އިން މިއަދު ބުންޏެވެ.

އީޕީއޭ އިން ބުނީ މި ދުވަސްވަރަކީ ބޯކޮށް ވާރޭވެހޭ ދުވަސްކޮޅެއް ކަމުން މަގުމައްޗަށް ކުނި ނެރެ ތަންތަނަށް ޖަމާކޮށްފައި ހުރުމުގެ ސަބަބުން ނުސާފުވެ ކުނި ވަސްދުވާ ކަމުގެ ޝަކުވާތައް ވެސް ލިބެމުންދާ ކަމަށެވެ.