ވިޔަފާރި

ދުބާއީގެ ލަގްޒަރީ ހޮޓާ އަޅާ ކުންފުނިން ރާއްޖޭގައި އިންވެސްޓް ކުރަން ޝައުގުވެރި ވެއްޖެ

ލަގްޒަރީ ބޮޑެތި އިމާރާތްތަކާއި ބިޔަ ހޮޓާތައް ހެދުމުގައި ދުނިޔެއަށް މަޝްހޫރު ދުބާއީގެ "ސެވަން ޓައިޑްސް" ކުންފުނިން ރާއްޖޭގެ ޓޫރިޒަމްގައި އިންވެސްޓް ކުރަން ޝައުގުވެރިވާ ކަމަށް ބުނެފި އެވެ.

ދުބާއީގެ ބައެއް ނޫސްތަކުގައިވާ ގޮތުން ދުބާއީގެ ޕާމް އައިލެންޑުގައި "ޑިއުކްސް އޯޝޭނިޔާ ހޮޓެލް" ބްރޭންޑުގައި ހަދާ ހޮޓަލާ ބެހޭ ގޮތުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ސެވަން ޓައިޑްސް ކުންފުނީގެ ސީއީއޯ އަބްދުﷲ ބިން ސުލްޔާމް ވިދާޅުވީ އެ ކުންފުނިން މި އަހަރު ޓޫރިޒަމްގެ އިތުރު މަޝްރޫއުތަކުގައި އިންވެސްޓް ކުރަން ބަލަމުން ދާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ކުންފުނިން ޓޫރިޒަމް ދާއިރާގައި މި އަހަރު 50 މިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް ނިންމާފައިވާ ކަމަށާއި ޖޮއިންޓް ވެންޗާ އުސޫލުން ނުވަތަ ވަކިން ނަމަވެސް ރާއްޖޭގައި އިންވެސްޓް ކުރުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށެވެ. ނަމަވެސް މީގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ސެވަން ޓައިޑްސް ކުންފުންޏަކީ 1985 ވަނަ އަހަރުން ފެށިގެން ރިއަލް އެސްޓޭޓް ވިޔަފާރީގައި ހަރަކާތްތެރި ވަމުން އަންން ކުންފުންޏެކެވެ. މި ކުންފުނީގެ ޕާޓްނަރު ބްރޭންޑުތަކުގެ ތެރޭގައި ރާއްޖޭގައި ރިސޯޓު ހިންގާ އަންނަންތަރާ ހޮޓެލްސް ގްރޫޕާއި މޫވް އެންޑް ޕިކް ހޮޓެލްސް އަދި އިނގިރޭސިވިލާތުގެ ޑިއުކްސް ބްރޭންޑު ހިމެނެ އެވެ.