ތިމާވެށި

ތިމާވެށި ބާކީ ކޮށްފައި ދެމެހެއްޓެނިވި ތަރައްގީ ނުހޯދޭނެ: ތޯރިގު

ގުދުރަތީ ވެއްޓާ ބީރައްޓެހިވެފައިވާ ވުމަކީ، ތިމާވެށި ހިމާޔަތް ކުރަން އެޅިފައިވާ ވަރަށް ބޮޑު ހުރަހެއް ކަމަށާއި ތިމާވެށި ބާކީ ކޮށްފައި ގެނެވޭ ތަރައްގީއަކީ ދެމެހެއްޓެނިވި ތަރައްގީ ނޫން ކަމަށް ތިމާވެއްޓާބެހޭ މިނިސްޓަރު ތޯރިގު އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައެޅިފައިވަނީ "ކަނެކްޓިން ޕީޕަލް ޓު ނޭޗާ" އެވެ. ތިމާވެށީގެ ދުވަހަކީ ޖޫން މަހުގެ ފަސް ވަނަ ދުވަހެވެ.

މި އަހަރުގެ ތިމާވެށީގެ ދުވަހާ ގުޅުވައި މިނިސްޓަރު ތޯރިގު ނެރުއްވި ހިތޯބެއްގައި ވިދާޅުވެފައި ވަނީ މިހާރު އިޖްތިމާއީ އަދި އުމްރާނީ ވެށި ބިނާވެފައިވާ ގޮތުން ތިމާވެށީގެ ގުދުރަތީ ނިއުމަތުން ދުނިޔޭގެ އެތައް ބަޔަކު މަހުރޫމް ވެފައިވާ ކަމަށާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ މި ޒަމާނުގައި ގުުދުރަތީ ވެށީގެ މުއްސަނދިކަން ލޮލުން ފެނި އަތުން ބީހުމުގެ ނަސީބުން އެކަހެރިވާ ކަމަށެވެ.

ގުދުރަތީ ވެއްޓާ ބީރައްޓެހިވެފައިވާ ވުމަކީ، ތިމާވެށި ހިމާޔަތް ކުރަން އޮތް ބޮޑު ހުރަހެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަދި އެ ހިތޯބުގައި ވިދާޅުވީ ތިމާވެށި ބާކީ ކޮށްފައި ގެނެވޭ ތަރައްގީއަކީ ދެމެހެއްޓެނިވި ގޮތެއްގައި ގެނެވޭނެ ތަރައްގީ ނޫން ކަމަށާއި ކަނޑުތަކުގެ ދިރުމަށް ވެސް މީގެ ކުރިން ކުރިމަތި ނުވާ ވަރުގެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

".. އިންސާނުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް މިއައި ބަދަލުތަކާއެކު، އުފައްދާ ކުނީގެ އަދަދު އިތުރުވެފާވާއިރު، ހިތާމައަކީ މިކުނިތަކުގެ އާހިރު މަންޒިލަކަށް ކަނޑުތައް ވެފައިވާކަމެވެ. ނެތިދާން އެތައް ޒަމާނެއް ނަގާ ކުންޏާއި ސީދާގޮތުން ނޭދެވޭ އަސަރުކުރަނިވި ނުރައްކާތެރި ކުނިބުނިތަކުން މިއަދު މިވަނީ ނާޒުކު ފަރުތަކާއި ކަނޑުތައް ތަޣައްޔަރުވެފައެވެ. އުކާލެވޭ ޕްލާސްޓިކުތަކުން އަޅުގަނޑުމެންގެ ކަނޑުތައް މިދަނީ ދުވަހެއް ދުވަހަކަށް ގޮނޑުވަމުންނެވެ. މިކަމުގެ ނޭދެވޭ އަސަރުތައް ކަނޑުގެ ދިރުންތަކާއި ކަނޑުމަތީގެ ދޫނިތަކަށް ސީދާ ގޮތުން ކުރާއިރު، މީގެ ނޭދެވޭއަސަރު އަޅުގަނޑުމެންގެ ދުޅަހެޔޮކަމާއި ޞިއްޙަތަށް ކުރުމުގެ އިތުރުން ފަތުރުވެރިކަމާއި މަސްވެރިކަމަށް ވެސް މިކަމުން ވަރަށް ނޭދެވޭ އަސަރުތަކެއް ކުރަމުން އެބަދެއެވެ." ހިތޯބުގައި ވެއެވެ.