ހަބަރު

އޯޝަން ޕްލާސްޓިކް މަދުކުރުމުގެ މަސައްކަތް ވަނީ ފެށިފައި: ތޯރިގު

އޯޝަން ޕްލާސްޓިކް މަދުކުރުމުގެ ގޮތުން ކުރެވެން ހުރި ކަންކަމާމެދު މަޝްވަރާކުރެވި އެކަން މަދުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ފެށިފައިވާ ކަމަށް އެންވާރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ސްޓެލްކޯގެ މައި އިމާރާތުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ތިމާވެށިގެ ދުވަހާއި ގުޅިގެން ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުމުގެ ގޮތުން މިއަދު ކެމްޕޭނެއް ފަށާފައިވާ ކަމަށެވެ. ކެމްޕޭނުގެ ދަށުން ކުރިއަށް އޮތް ތަނުގައި މޫދަށް އެޅޭ ޕްލާސްޓިކް މަދުކޮށް އެކަންކަން ހުއްޓުވަން ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އޯޝަން ޕްލާސްޓިކަކީ ފަރުތަކާއި ކަނޑުތަކަށް ވަރަށް ބޮޑެތި ގެއްލުން ތަކެއްދޭ އެއްޗެއް ކަމަށާއި އެކަމުގެ ސަބަބުން އެކޮނޮމީއަށް ވަރަށް ބޮޑެތި ގެއްލުން ތަކެއް ލިބެމުންދާ ކަމަށެވެ. އަދި މިއަދު ފެށުނު ކެމްޕޭނުގެ ދަށުން ރާއްޖެއަށް ކިހާ ވަރަކަށް ޕްލާސްޓިކް ކޮތަޅު އެތެރެކުރޭތޯ ބަލާނެ ކަމަށާއި އެ ކޮތަޅުގެ ބަދަލުގައި ބޭނުން ކުރާނީ ކޮން އެއްޗެއްތޯ ބަލައި ދިރާސާ ކުރަމުންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ފެށި ކެމްޕޭނުގެ ޝިއާރަކީ "ކަނޑުތަކަށް އަޅާ ޕްލާސްޓިކް ހުއްޓުން، އުކާލާ ޕްލާސްޓިކް މަދުކުރުން" އެވެ. ދުނިޔޭގެ ތިމާވެށިގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހަކީ ޖޫން މަހުގެ ފަސް ވަނަ ދުވަހެވެ. މިއަހަރުގެ ޝިއާރަކީ "ކަނެކްޓިން ޕީޕަލް ޓު ނޭޗާ" އެވެ.

"މި ކެމްޕޭނުގެ ލޯގޯ ހެދުން ސުކޫލުތަކުގެ ދަރިވަރުންނަށް އާންމުކޮށް ހުޅުވާލެވިފައިވާނެ. ރާއްޖޭގެ ކޮންމެ ސުކޫލެއްގެ ދަރިވަރަކަށް މި ފުރުސަތު އެބަ އޮތް. ގްރޭޑް 10 ފެށިގެން ކޮންމެ ދަރިވަރަކަށް މި ލޯގޯ ހެދުމުގެ ފުރުސަތުގައި ބައިވެރި ވެވޭނެ." މިނިސްޓަރު ވިދާޅުވި އެވެ.