ހަބަރު

ޔާމީން މަރާލުމުގައި ބައިވެރިވި އެންމެންނާ ދެކޮޅަށް ހެކި ލިބިއްޖެ: ޕޮލިސް

ރަހުމުކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވި އެންމެން ހައްޔަރު ކުރެވިފައިވާ ކަމަށާއި އަދި އެމީހުން އެ އަމަލު ހިންގިކަން ސާބިތުވާ ކަމުގެ ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔާމީންގެ މަރުގެ މައްސަލައިގެ ތަހުގީގު ފެށުމާއި ގުޅިގެން ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވެ ބައެއް ފަރާތްތަކުން މައްސަލައިގެ ފޯކަސް ގެއްލުވާލަން މަސައްކަތް ކޮށްފައިވާ ކަމަށާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ވަރަށް ބޮޑަށް ޕްރެޝަރު ކޮށްފައިވާ ކަމަށެވެ. އަދި އެ ހުރިހާ ގޮންޖެހުންތަކާ ކުރިމަތިވި ނަމަވެސް ޔާމީންގެ މަރުގެ މައްސަލާގައި ޝާމިލްވާ އެންމެން ހޯދުމުގެ މަސައްކަތް މެދު ނޭޅި ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ގޮންޖެހުންތަކާއި ކުރިމަތިވި ނަމަވެސް ފުލުހުންވަނީ ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވާ އެންމެން ހޯދުމަށް ފުލުހުންގެ މުއައްސަސާގެ ހުރިހާ ވަސީލަތެއް ބޭނުން ކޮށްފައި ކަމަށާއި އަދި އެ އިދާރާއިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އެންމެން ހައްޔަރު ކޮށްފައިވާ ކަމަށާއި އެމީހުން އެ އަމަލު ހިންގި ކަން ސާބިތުވާ ވަރަށް ހެއްކާ ގަރީނާ ލިބި މައްސަލަ ޕްރޮސިކިއުޓް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަމުންދާ ކަމަށެވެ.

ޔާމީން މަރާލާފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ކައިރީގަ އެވެ. ތޫނު އެއްޗަކުން އޭނާއަށް ވަނީ ގިނަ ހަމަލާތަކެއްދީފަ އެވެ. ޔާމީން މަރާލި މައްސަލާގައި މިހާތަނަށް ހަތް މީހަކު ހައްޔަރު ކޮށްފައި ވެއެވެ. އޭގެ ތެރޭގައި ޔާމީން މަރާލުމުގައި އަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ވެސް ހިމެނެ އެވެ.