ހަބަރު

މާފުށި ޖަލަށް ފޯނުތަކެއް ވައްދަން އުޅުނު މީހަކު ހައްޔަރުކޮށްފި

މާފުށި ޖަލަށް ގިނަ އަދަދެއްގެ ފޯނާއި މަސްތުވާތަކެތި ވައްދަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ މާފުށި ޖަލަށް ގިނަ އަދަދެއްގެ ތަކެތި ވައްދަން އުޅުނު ކަމަށް ހައްޔަރު ކޮށްފައިވަނީ އުމުރުން 22 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާގެ އަތުން ގިނަ އަދަދެއްގެ ފޯނާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ރަބަރު ޕެކެޓެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މި ހަފުތާގައި ވަނީ މާފުށި ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު އަންހެނަކު ވެސް ހައްޔަރުކޮށްފަ އެވެ. މީގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހު މާފުށި ފެރީ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި އަޅާފައިހުރި ފިލްމް ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެމައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.