ވިޔަފާރި

ޑެލްގެ އެންމެ ފަހުގެ ޓެކްނޮލޮޖީ މެކްސްކޮމް އިން ރާއްޖެއަށް ތައާރަފުކޮށްފި

Apr 9, 2015

ރާއްޖޭގައި ޑެލްގެ އުފެއްދުންތައް ވިއްކާ އޮތޮރައިޒް ޑިސްރިބިއުޓާ ކަމަށްވާ މެކްސްކޮމް އިން ރާއްޖެއަށް ތައާރަފު ކޮށްފައިވާ އުފެއްދުންތަކުގެ ތެރޭގައި ޑެލްއިން ބޮޑެތި ވިޔަފާރިތަކަށް ހާއްސަކޮށްގެން ނެރެފައިވާ ބިޔަ ސްޓޯރޭޖް ސިސްޓަމްތަކާއި ބިޔަ ސާވާތައް ހިމެނެ އެވެ. މި އުފެއްދުންތަކަކީ ވިޔަފާރީގެ މަސައްކަތްތައް ފަސޭހަކޮށްދޭ އާލާތްތަކެވެ.

މެކްސްކޮމްއިން ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ނައިބު މުހައްމަދު އަޝްމަލީ ވިދާޅުވީ ރާއްޖެއަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރާ ގައުމެއް ކަމަށާއި މިފަދަ ޓެކްނޮލޮޖީ ރާއްޖެއަށް މުހިންމު ކަމަށެވެ.

"މިއީ ފަހުގެ ޓެކްނޮލޮޖީ ތައާރަފުކުރާ ފަރާތްތަކަށް އެންމެ ރަނގަޅު ވަގުތު. ސަރުކާރުން ދަނީ މި އަހަރު ނިމެންވާއިރު މުޅިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުން،" އަޝްމަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީއަށް އިންވެސްޓް ކުރެވޭނެ ދާއިރާތަކެއް އެބަހުރި ކަމަށެވެ.

"ހުޅުމާލޭގައި ޒުވާނުންނަށް ހާއްސަކޮށްގެން އައިޓީ ޕާކެއް ހެދުމަށް ވެސް ކަނޑައަޅާފައި ވޭ،" އަޝްމަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައިސީޓީ އިންޑަސްޓްރީ ތަރައްގީ ކުރުމުގެ ގޮތުން ސަރުކާރާއި ސާކް ޑިވްލޮޕްމަންޓް ފަންޑު ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 50 އީ- ކޮމިއުނިޓީ ސެންޓަރު ގާއިމްކޮށްފައިވާ ކަމަށެވެ.

"އީ ސެންޓަރުތައް މެދުވެރިކޮށް ޒުވާނުނަށް އެކި ޕްރޮގްރާމްތައް ހިންގޭނެ. މީގެ އިތުރުން މި ތަންތަނުން ހިލޭ އިންޓަނެޓުގެ ހިދުމަތް ވެސް ލިބޭ،" އަޝްމަލީ ވިދާޅުވި އެވެ.