ހަބަރު

"ދި އޯޝަން ކޮންފަރަންސް" ގައި ރާއްޖެއިން ބައިވެރިވެއްޖެ

ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން އދ. ގެ ފަރާތުން އިއްޔެ ފެށި "ދި އޯޝަން ކޮންފަރަންސް 2017" ގައި މިނިސްޓަ އޮފް ފިޝަރީޒް އެންޑް އެގަރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ ބައިވެރިވެ ތަގުރީރު ކުރައްވައިފި އެވެ.

ނިއުޔޯކުގައި ހުންނަ އ.ދ ގެ މައި މަރުކަޒުގައި، ދެމެހެއްޓެނިވި ތަރައްގީގެ 14 ވަނަ ލަނޑުދަނޑި ކަމަށްވާ "ފެނުއަޑީގެ ދިރުން" އަށް އަމާޒުކޮށްގެން އިއްޔެ ފެށި ދި އޯޝަން ކޮންފަރެންސްގެ މައިގަނޑު އަމާޒަކީ ކަނޑުތަކާއި މޫދާއި ކުޅި އަދި ކަނޑުފަޅުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް އެހީތެރިވުމެވެ. އެގޮތުން ކޮންފަރެންސްގައި ގައުމުތަކުން އެއްބަސްވާ ކަންތައްތަކަަށް ގޮވާލައި "ކޯލް ފޯ އެކްޝަން" އެއް ފާސްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮންފަރެންސްގައި 'ވޮލަންޓަރީ ކޮމިޓްމަންޓްސް'ގެ ނަމުގައި ކޮމިޓްމެންޓެއް އިއުލާނު ކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ރާއްޖޭގެ ފަރާތުން ހަތް ކޮމިޓްމަންޓެއް ހުށަހަޅާފައި ވެއެވެ. އެއީ ލައިސެންސް ނަގައިގެން ކަނޑުގެ މަސްވެރިކަން ކުރާ އުޅަނދުފަހަރު ތަކުން ޕްލާސްޓިކް ބޭނުން ކުރުން މަދުކޮށް ހުއްޓާލުމަށާއި މަސްވެރިކަމުގައި އުޅޭއިރު ކަނޑުމަތިން ފެންނަ ޕްލާސްޓިކް ހޮވައިގެން މަސްކިރާ ކުންފުނި ތަކަަށް ގެނައުމެވެ.

މީގެ އިތުރުން ކަނޑު ތަކުގެ ވެށި ބެލެހެއްޓުމާއި ރާއްޖޭގެ ކަނޑުތަކުން ކުރާ މަސްވެރިކަމުގެ ހަރަކާތްތައް ބެލުމާއި އިތުރަށް ހަރުދަނާ ކުރަން ކުރާނެ ކަންކަން ބެލުމާއި އަދި ކަނޑުގެ ވެށި ތަގައްުޔަރުވުން ކުޑަކުރަން އަޅާނެ ފިޔަވަޅުތަކާއި ބެހޭ ކޮމިޓްމެންޓް ތަކެވެ.

މި ކޮންފަރެންސްގެ މަޝްވަރާތައް ބިނާވެފައިވަނީ މައިގަނޑު 7 ޕާޓްނަރޝިޕް ޑައިލޮގްގެ މައްޗަށެވެ. އޭގެތެރޭގައި ޕްލާސްޓިކް މަދުކުރުމާއި، ދެމެހެއްޓެނިވި މަސްވެރިކަމާއި މެރިން ޓެކްނޮލޮޖީ އަދި ގުޅޭ ސައިންޓިފިކް ޢިލްމު އިތުރުކުރުން ހިމެނެއެވެ.

ކޮންފަރެންސް ގައި ދުނިޔޭގެ 14 ގައުމެއްގެ އެންމެ އިސްވެރިންނާއި 23 ގައުމެއްގެ މިނިސްޓަރު ފެންވަރު ބޭފުޅުން ބައިވެރިވެއެވެ. މި ކޮންފަރެންސް ކުރިއަށް ދާނީ މިމަހު ނުވަވަނަ ދުވަހާ ހަމައަށެވެ.