މީހުން

ސްޓައިލް ކުޅުންތެރިޔާ މިހާރު ސްޓައިލް ވިޔަފާރީގައި!

Jun 11, 2017
1

ނަވާރަސްތޭކަ އަށްޑިހަ ހަތަރު ވަނަ އަހަރު، ކުރީގެ ފުޓްބޯޅަ ކުލަބު ލެގޫންސް ފުރަތަމަ ޑިވިޝަންގައި ވާދަ ކުރަން ފެށި އަހަރު، އުމުރުން 16 އަހަރުގެ ކުޅުންތެރިޔަކު، އެންމެންނަށް ފާހަގަ ވިއެވެ. ހަމައެކަނި ފާހަގަވީއަކީ ނޫނެވެ. އެހާ ބޮޑަށް އޭނާ މަޝްހޫރުވި އެވެ. އެ ކުޅުންތެރިޔާވީ މުހިންމު މެޗުތަކުގައި، ލަނޑުޖަހާ އަދި އެހާ ސްޓައިލް ވެސް ކުޅުންތެރި އެކެވެ. އެއީ މުހައްމަދު ހަމީދު ނުވަތަ އެންމެން ދަންނަ ހަމިއްޓެ އެވެ.

އޭރު ވެލެންސިއާއިން އޭނާ އަށް ފުރުސަތު ދިނީ، ވެލެންސިއާގެ މެނޭޖްމެންޓުން ބަލަހައްޓާ، އެކުލަބުގެ ޖޫނިއާ ކުލަބެއް ކަމަށްވާ ޖުވެންޓަސްއިން ނެވެ. އެއީ ވެލެންސިއާގެ ޓީމަށް އައުމުގެ މަރުހަލާ އެކެވެ. ޖުވެންޓަސްއާއެކު ދެވަނަ ޑިވިޝަންގެ ފައިނަލާ ހަމަޔަށް އޭނާ ދިޔަ އެވެ. ލަނޑު ލިބުނީ އޭރު އަތޮޅު ތެރެއިން އައި ފުޓްބޯޅައިގެ ވަރުގަދަ ބާރެއް ކަމަށްވާ، ބ. އޭދަފުށީ ޒުވާނުންގެ ޖަމއްިއްޔާ އަތްދަށުން ނެވެ.

"އޭދަފުށި އަތުން ބަލިވި ދުވަހަކީ ފުޓްބޯޅައިގައި ވަރަށް ހިތްދަތި ދުވަހެއް، އެއީ ގުރޫޕް ސްޓޭޖުގައި، އަޅުގަނޑުމެން އޭދަފުށި ކޮޅަށް ތިނެއް ނުވަތަ ހަތަރު ލަނޑު ޖެހިން،، ފައިނަލުގައި އެ ޓީމު މޮޅުވީ، މެޗު ތެރެއިން ލިބުނު ޕެނަލްޓީއެއް ވައްދާލައިގެން،" މީގެ 30 އަހަރު ކުރީގެ ހަނދާންތައް ހަމިއްޓޭ ހިއްސާ ކުރި އެވެ.

ދެ އަހަރު ޖުވެންޓަސްގައި ހޭދަ ކުރުމަށްފަހު، ދެން އޭނާ ބަދަލު ކުރީ ސީނިއާ ޓީމު، ވެލެންސިއާ އަށެވެ. އެއީ ފުޓްބޯޅައިގައި އޭނާގެ ރަން ދުވަސް ތަކުގެ ފެށުމެވެ. ވެލެންސިއާވީ އޭނާގެ ފުޓްބޯޅައިގެ އެންމެ ބޮޑު ކާމިޔާބު ލިބުނު، އޭނާގެ، ގެ ކަމުގަ އެވެ. އޭނާ ވެލެންސިއާ ބަދަލުވީ އެކުލަބު ތައްޓަކަށް ފެންބޮވައިގެންފައި އޮއްވަ އެވެ. އެކުލަބު އުފެދުނު ފަހުންވެސް ފުރަތަމަ ޑިވިޝަންގެ ތައްޓެއް އޭރު އޮތީ ނުލިބި އެވެ. އެފްއޭކަޕް 1988 ވަނަ އަހަރު ހޯދައި ވެލެންސިއާ، ފުޓްބޯޅައިގެ ފުރަތަމަ ތަށި ހޯދިއިރު، ހަމިއްޓޭއަކީ އެ ޓީމުގެ މުހިންމު ތަރި އެކެވެ.

އޭނާވީ ވެލެންސިއާގެ މުހިންމު ތަރިއަކަށް އެކަންޏެއް ނޫނެވެ. ހިތްތަކުގެ ތަރިއަކަށް ވެސް އޭނާ ވިއެވެ. އެހެން ނަމަވެސް އޭރުގެ އެވާހަކައިގެ ތެރެއަށް ދާކަށް ހަމިއްޓޭގެ ޝައުގުވެރިކަމެއް ނެތެވެ.

ހަމިއްޓެ ކުޅުން ހުއްޓާލީ، ޒަމާނީ ފުޓްބޯޅައިގެ އާ ބާބެއް ވެލެންސިއާ ހުޅުވަން ތައްޔާރު ވެފައި ވަނިކޮށް، 1991 ގެ ފަހު ކޮޅު އެވެ. ޖެހިގެން އައި 92 ވަނަ އަހަރަކީ، ދިވެހި ކުޅުންތެރިން، ސެމީ ޕްރޮފެޝަނަލް ގިންތިއަށް ގެންދިއުމަށް، ކުޅުންތެރިންނަށް އަގު ދީގެން ވެލެންސިއާ ކުޅުވަން ފެށި ސިޒަނެވެ. ނަމަވެސް، އެ ބޮޑު ބަދަލު ނުފެށެނީސް ހަމިއްޓޭ ދަނޑާ ވަކި ވެއްޖެ އެވެ.

"ކުޅެން އުޅެނިކޮށް އަތްވެސް ބިނދައިގެން ދިއުމުން ހުއްޓާލީ، ނަމަވެސް ހުއްޓާލި އެންމެ ބޮޑު ސަބަބަކީ، އާންމުދަނީއެއް ލިބޭނެ އެހެން މަސައްކަތެއް ކުރަން ވަގުތު ހުސް ކުރުމުގެ ގޮތުން، އޭރު ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން އެހެން މަސައްކަތެއް ކޮށްގެން ނޫނީ ކުރިއަށް ދެވެން ނެތީ،" ފުޓްބޯޅަ ކުޅުން ހުއްތާލި ސަބަބު އޭނާ ހިއްސާ ކުރި އެވެ.

އެއަށްފަހު، ދެން އާނާ ފެނުނީ އާ މަސައްކަތެއްގައެވެ. ކުޅުނުއިރު، ސްޓައިލިޝް ކުޅުންތެރިޔާ މިހާރުގެ މަސައްކަތަކީ، އެހެން މީހުން ސްޓައިލް ކޮށްދިނުމެވެ. ފެޝަންގެ ދުނިޔެއަށް އަންނަ އެންމެ އަވަސް، ޓްރެންޑްތައް ރާއްޖޭގެ ބާޒާރަށް ނެރެނީ ހަމިއްޓޭ މަޝްހޫރު "އެމްސީ ކަލެކްޝަން" އާއި "ހަމްސް ކްލޯތިން" ގެ ކުޑައިގެ ދަށުން ނެވެ.

ފެޝަންގައި، އަންހެން ކުދިންނަށް ހާއްސަކޮށްފައިވާ ފިހާރަ ހަމިއްޓޭ ހާއްސަކޮށްފައި ވަނީ އޭނާގެ ނަމަށެވެ. އެއީ "ހަމްސް ކުލޯތިން" އެވެ. އަންހެން ކުދިންގެ އަތްދައްބަހާއި ފެޝަންގެ ހުރިހާ ޓެރްންޑެއްވެސް ޒުވާނުންނަށް ކޭޓާ ކޮށްދޭ ބްރޭންޑަކީ "ހަމްސް ކުލޯތިން" އެވެ.

"އަޅުގަނޑަށް ދެންނެވިދާނެ، ފެޝަންގެ އާ ޓްރެންޑެއް އަިއސްފިއްޔާ އެންމެ ފުރަތަމަ އެ ސްޓައިލް ރާއްޖޭގައި ހުންނާނީ އެމްސީ ކަލެކްޝަން އިން ނުވަތަ ހަމްސް ކުލޯތިން އިން." ހަމިއްޓޭ ބުންޏެވެ.

ފުޓްބޯޅައިގެ މަސައްކަތަކަށް ދިއުމުގެ ވިސްނުމެއް، ހަމިއްޓޭގެ ނެތެވެ. އޭނާ ހުރީ މިހާރު 20 އަހަރު ވެފައިވާ އޭނާގެ ފެޝަން ބްރޭންޑް އިތުރު ގިޔަރަކަށް ހިއްލާލުމުގެ އުންމިދުގަ އެވެ.

"އެންމެ ފަހުން ކުޅުނު ލެޖެންޑުންގެ މެޗުގައި އަޅުގަނޑު ކުޅުނިން، އެކަހަލަ ހާއްސަ ހަރަކާތަކުން ފުޓްބޯޅައިން އަޅުގަނޑު ފެންނާނީ، ނަމަވެސް ވެލެންސިއާ އަށް އަބަދުވެސް ހިތުގައި ހާއްސަ ޖާގައެއް އޮވޭ،" ހަމިއްތޭ ބުންޏެވެ.

އޭނާ ބުނަ ގޮތުން، ފުޓްބޯޅައަށް ވަގުތު ދެވޭކަށްވެސް އޭނައަށް ނެތެވެ. އޭނާ ހުރީ ދުވަހުން ދުވަހަށް ދުނިޔޭގެ ފެޝަން އިންޑަސްޓްރީއަށް އަންނަ ބަދަލަށް ބަލަބަލަ އެވެ. އެބަދަލު އެންމެ އަވަހަށް ރާއްޖެއަށް ގެނެސް ދިނުމަކީ އޭނާގެ އަމާޒެވެ.