ހަބަރު

ގަތަރާ ގުޅުން ކަނޑައިގެން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ރާއްޖެއިން ގަތަރާއި ދެމެދު އޮތް ސިޔާސީ ގުޅުން ކަނޑާލުމުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ. ރާއްޖެއިން ގަތަރާއި ދެމެދު އޮތް ސިޔާސީ ގުޅުން ކަނޑާލީ ޓެރަރިޒަމަށް އެ ގައުމުން ތާއީދު ކުރާކަމަށް ބުނެ މިދިޔަ ހޯމަ ދުވަހު އެވެ.

އެ މައްސަލާގައި މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލީ އެ މައްސަލަ އަށް ބަހުސް ކުރަން ފެނޭތޯ ވޯޓަށް އެހުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި 62 މެންބަރުންގެ ތެރއިން 40 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

އެ މައްސަލަ ހުށަހަޅުއްވަމޔން ހުސައިން މުހައްމަދު ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް މައްސަލައެއް ނުވަތަ ދެބަސްވުމެއް ކުރިމަތިވެފައި ނުވާ ކަމަށެވެ. އަދި ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަން ރައްކާތެރިކުރުމާއެކު، ރާއްޖެއާ އެކުވެރިކަން އުފައްދަން ބޭނުންވާ ގައުމުތަކާ ޑިޕްލޮމެޓިކް ގުޅުން ކުރިއަށް ގެންދިއުން ކަަމަށްވާއިރު، ގަތަރާއެކު އޮތް ގުޅުން ކުއްލި ގޮތަކަށް ކަނޑާލުމަކީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ނަން ކިލަނބުވެދާނެ ކަމެއް ކަމަށާއި އަދި އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅުއްވީ ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކަމަށެވެ.

ގަތަރާއެކު އޮތް 33 އަހަރުވީ ސިޔާސީ ގުޅުން ކަނޑާލުމުން ގިނަ ބައެއްގެ ފާޑު ކިއުންތައް ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ. ގަތަރާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 26 މޭ 1984 ގައެވެ.