ހަބަރު

"އެމްޑަބްލިޔުއެސްސީ ރިސައިކަލްސް" ގެ ނަމުގައި މައުރަޒެއް

ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން "އެމްޑަބްލިޔުއެސްސީ ރިސައިކަލްސް" ގެ ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން މައުރަޒެއް ބާއްވަން އެމްޑަބްލިޔުއެސްސީން މިއަދު އިއުލާން ކޮށްފި އެވެ.

ފެން ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މައުރަޒު ބާއްވަން އިއުލާނުކޮށް އެމްޑަބްލިޔުއެސްސީ ރިސައިކަލްސްގެ ރަސްމީ ވެބްސައިޓް ހުުޅުވައިދެއްވައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ މިފަދަ މައުރަޒެއް ބޭއްވުމުގެ މަގުސަދަކީ ރައްޔިތުން ތިމާވެއްޓާމެދު އަހުލުވެރި ކުރުން ކަމަށެވެ. އަދި މިފަދަ ހަރަކާތަކުން ފަރުދީ ޒިންމާ އިތުރުކޮށް ފަހި މާދަމާ އަކަށް މަގުފަހި ކުރުން ކަމަށް ފަޒުލް ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވީ ރާއްޖެ މީގެކުރިން ނުދެކޭފަދަ ކުރިއެރުން ތަކެއް ތިމާވެށީގެ ދާއިރާއިން އަންނަނީ ހޯދަމުން ދާ ކަމަށާއި އަދި ކުންފުންޏެއްގެ ހައިސިއްޔަތުން ކުރަން ޖެހޭ ހުރިހާ ކަމެއް ގުޅިގެން ކުރަމުންދާ ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް ރިސައިކަލް ކުރުމަށް ބާރުއަޅާ އެކަންމުން ލިބިދޭ އެންވަޔަރުމަންޓް ބެނެފިޓްސް އާއި ބެހޭ މައުލޫމާތު ހިއްސާ ކުރަމުން ގެންދާނަން." ފަޒުލް ވިދާޅުވި އެވެ.

އެ މައުރަޒަކީ ބޭނުން ކުރެވިފައިވާ ޕްލާސްޓިކް ބޭނުން ކޮށްގެން އުފެއްދުންތަކެއް ތައްޔާރުކޮށް އެ ތަކެތި ދައްކާލުމުގެ މައުރަޒެކެވެ. މައުރަޒު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ކެޓެގަރީ އަކަށް ބަހާލައިގެންނެވެ. އެގޮތުން ކެޓެގަރީ އޭ ގައި ހިމެނެނީ ވަކި ވަކި ފަރުދުންގެ ގޮތުގައި ބައިވެރި ވުމުގެ ފުރުސަތާއި ސްކޫލު ތަކާއި ކުންފުނިތަކަށް ބައިވެރިވުމުގެ ފުރުސަތެވެ. އަދި ކެޓަގަރީ ބީ ގައި ހިމެނެނީ ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ބައިވެރިވުމުގެ ފުރުސަތެވެ.

މި މައުރަޒުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 20ން 24 އަށެވެ. އަދި ބައިވެރިވުމަށް ފޯމް ލުމުގު ފުރުސަތު މިއަދުން ފެށިގެން އަންނަ މަހު 31 ވަނަ ދުވަހާއި ހަމަޔަށް ހުޅުވާލާފައި ވެއެވެ. އަދި އެ ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 13ން 16 އަށެވެ. އެ މައުރަޒާއި ގުޅިގެން މިއަދު އިފްތިތާހު ކުރި ވެބްސައިޓް (www.recycles.mwsc.com.mv) އިން އެކަމާއި ގުޅުންހުރި ހުރިހާ މައުލޫމާތު ލިބެން ހުންނާނެ އެވެ.