ޔާމީން ރަޝީދުގެ މަރު

ޔާމީންގެ މަރާ ގުޅިގެން އެޗްއާރްސީއެމަށް 454 ސިޓީ

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން މަރާލި މައްސަލާގައި ހިއުމަން ރައިޓް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ގާނޫނީ ޒިންމާ އަދާ ކުރުވަން ކަމަށް ބުނެ 454 ސިޓީ އެ ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އެޗްއާރްސީއެމްއަށް ސިޓީ ހުށަހެޅުމަށް ފަހު އެ އާއިލާ ފަރާތުން މިއަދު ނެރުން ބަޔާނުގައި ބުނެފައި ވަނީ ޔާމީން މަރާލުމުގެ ކުރިން އޭނާއަށް އިންޒާރުތަކެއް ދީފައިވާ ކަން ފުލުހަށް ހުށަހަޅާފައިވީ ނަމަވެސް އެކަމަށް އެދެވޭ ގޮތަކަށް މަސަައްކަތްކޮށްފައި ނުވާ ކަމަށާއި އެހެންކަމުން ފުލުހުން އެކަމަށް އިހުމާލުވެފައިވޭތޯ ބަލައި ދިނުމަށް އެދޭ ކަމަށެވެ. ޔާމީންގެ މަރުގެ ތަހުގީގަށް ސަމަލު ކަމެއް ދިނުމަށާއި މީހުންނަށް އިންޒާރު ދިނުމާއި މެރުމުގެ ސަގާފަތް ނިމުމަކަށް ގެނައުމަށް އެޗްއާރްސީއެމްގެ ގާނޫނީ ޒިންމާ އަދާ ކުރުމަށް ގޮވާލާ ކަމަށް އެ ސިޓީތަކުގައި ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން އެޗްއާރްސީއެމްގެ ރަސްމީ ބަހެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް އެ ކޮމިޝަނަށް ހުށަހަޅާ އެފަދަ ސިޓީތައް ބަލައިގަންނަން ފެނޭތޯ ނުވަތަ ނޫންތޯ މިއަދު ނިންމާނެ އެވެ.

ޔާމީންގެ އާއިލާއިން މީގެ ކުރިން ވެސް ވަނީ އެ މައްސަލާގެ ތަހުގީގު އަވަސްކޮށްދިނުމަށް އެދި ފުލުހުންގެ އިދާރާއަށް 800 ސިޓީ ހުށަހަޅާފަ އެވެ. ނަމަވެސް ސިޓީތައް ހުށަހަޅާފައި ވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ ފުލުހުން އެ ބަލައެއް ނުގަތެވެ.

މި ބަޔާން ނެރުނު އިރު މި މަހުގެ ފަސްވަނަ ދުވަހު ފުލުހުން ބުނެފައި ވަނީ ޔާމީން މަރާލުމުގައި ބައިވެރިވި އެންމެން ހައްޔަރު ކުރެވިފައިވާ ކަމަށާއި އެމީހުން އެ އަމަލު ހިންގިކަން ސާބިތުވާ ކަމުގެ ހެއްކާއި ގަރީނާ ވެސް ލިބިފައިވާ ކަމަށެވެ. އަދި ބުނެފައިވަނީ ޔާމީންގެ މަރުގެ މައްސަލައިގެ ތަހުގީގު ފެށުމާއި ގުޅިގެން ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވެ ބައެއް ފަރާތްތަކުން މައްސަލައިގެ ފޯކަސް ގެއްލުވާލަން މަސައްކަތް ކޮށްފައިވާއިރު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ވަރަށް ބޮޑަށް ޕްރެޝަރު އައިސްފައިވާ ކަމަށެވެ.