ވިޔަފާރި

ކަނޑުތަކުގެ ދުވަސް ފާހަގަ ކުރަން ލެޓްސްގޯއިން ކުނި ނަގައިފި

Jun 12, 2017

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރަން ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނި ކަމަށްވާ، "ލެޓްސްގޯ މޯލްޑިވްސް" އިން ހާއްސަ ހަރަކާތެއް ހިންގައިިފި އެވެ.

ލެޓްސްގޯ ކުންފުނީގެ ވެރިޔާ، މުހައްމަދު ރިޔާޒު (ލެޓްސްގޯ ރިރާޒު) ވިދާޅުވީ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގައި ޓޫރިޒަމް އިންޑަސްޓްރީގެ ގިނަ ކުންފުނިތަކުން ބައިވެރިވެފައިވާ ކަމަށާއި މުސްތަގުބަލުގައި ވެސް މިފަދަ ހަރަކާތްތައް ހިންގަން ރާވާފައިވާ ކަމަށެވެ.

"ކަނޑުތަކަކީ ރާއްޖޭގެ ތިމާވެއްޓާއި ހާއްސަކޮށް އިގްތިސޯދަށް ވަރަށް މުހިންމު ތަންތަން. ރާއްޖޭގެ 99 ޕަސެންޓަކީ ކަނޑު ނުވަތަ މޫދު އެހެންވެ މި ތަންތަނުގެ މުހިންމުކަން ރާއްޖެއަށް ބޮޑު. އެހެންވެ އެކަމަށް ބަލައި ހާއްސަ އިސްކަމެއް ދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއް މިއީ،" ރިޔާޒު ވިދާޅުވި އެވެ.

ލެޓްސްގޯއިން ކުރިއަށް ގެންދިޔަ ހަރަކާތުގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި ކޮންޑްރެޑް މޯލްޑިވްސް ރަންގަލި ރިސޯޓާއި ޗަމްޕާ ސެންޓްރަލް އަދި ރޮބިންސަން ކްލަބް މޯލްޑިވްސް ފަދަ ކުންފުނިތައް ހިމެނެ އެވެ.

ލެޓްސްގޯ މޯލްޑިވްސްއިން ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތުގައި އާޓިފިޝަލް ބީޗް ސާފުކޮށްފައިވެ އެވެ. މިގޮތުން މި ހަރަކާތުގެ ދަށުން ގިނަ އަދަދެއްގެ ކުނި އާޓފިޝަލް ބީޗުން ނަގާފައިވެ އެވެ. މި ހަރަކާތުގެ ދަށުން ނަގާފައިވާ ކުނިތައް ވަކިކޮށް، ވަނީ ރީސައިކަލް ކުރަން ވަނީ ހަވާލުކޮށްފަ އެވެ.