ހަބަރު

ތެލުގެ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަ ކުރާ އިސްލާހު ބަލައިގެންފި

ޕެޓްރޯލާއި ޑީސެލް ތެލުން ނަގާ ޑިއުޓީން ފަސް ޕަސަންޓު ކުޑަ ކުރަން ސަރުކާރުން ފަރާތުން ހުށަހަޅާފައިވާ އިސްލާހު ރައްޔިތުން މަޖިލީހަށް ބަލައިގަތުމަށް މިއަދު ފާސްވެއްޖެ އެވެ.

އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ސަރުކާރު ފަރާތުން ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު ހުށަހެޅި މި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 34 މެންބަރުންގެ އިއްތިފާގުންނެވެ. ބިލު ބަލައިގަތުުމުން ރިޔާސަތުން ނިންމެވީ އެ ބިލު މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށެވެ.

ބިލަށް އިސްލާހު ހުށަހެޅި ސަބަބު ބަޔާނުގައި ނިހާން ވިދާޅުވެފައިވަނީ އާންމު ބޭނުންތަކާއި އަސާސީ ހިދުމަތްތަކަށް ހިނގާ ހަރަދު ކުޑަ ކުރުމަށާއި ރައްޔިތުންނަށް ފަސޭހަގޮތް ހަމަޖައްސާދިނުމަށް ކަމަށެވެ. އެގޮތުން ރާއްޖެ އެތެރެކުރާ ތެލުގެ ބާވަތް ތަކުން ފަސް ޕަސެންޓް ކުޑަ ކުރުމަށް ހުށަހަޅާ ކަމަށެވެ.

މި އިސްލާހަށް މަޖިލީހުގެ އިދިކޮޅު މެންބަރުންވެސް ތާއީދު ކޮށްފައި ވެއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން އެދުނީ ކޮމިޓީ މަރުހަލާގައި އިސްލާހު އިތުރަށް ދިރާސާ ކުރާ އިރު އެ ޑިއުޓީގެ ގޮތުގައި ނަގާ މިންވަރު ސުން ޕަސަންޓަށް ކުޑަ ކުރުމަށެވެ. މި އިސްލާހަށް ޕީޕީއެމްގެ މެންބަރުން ވިދާޅުވީ މި ބަދަލާއެކު ކަރަންޓުގެ އަގަށާއި ދަތުރުފަތުރުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އައިސް ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ކުރާނެ ކަމަށެވެ. އަދި މި ބިލް ހުށަހަޅާފައިވަނީ ސިޔާސީ މަންފާއެއް ނުވަތަ ފައިދާއެއް ހޯދަން ނޫން ކަމަށް ޕީޕީއެމް މެންބަރުން ވިދާޅުވި އެވެ.