ހަބަރު

އެކި ފަރާތްތަކުން ސިއްހީ ނިޒާމަށް ހަރަދު ކުރާވަރު ބަލަނީ

ރާއްޖޭގެ ސިއްހީ ކަންކަމަށް ހަރަދުކުރާ މިންވަރު ނުވަތަ ޑޭޓާ އެކަށީގެންވާ ރަނގަޅު ގޮތެއްގައި ހޯދުމަށް ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމަށާއި އެ ޑޭޓާ ހޯދުމަށް ސަރުކާރުގެ ބަޖެޓްގައި ހިމެނުމަށް ނިންމަވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި "މޯލްޑިވްސް ނެޝަނަލް ހެލްތް އެކައުންޓްސް (އެންއެޗްއޭ) 2014" އިފްތިތާހް ކޮށްދެއްވައި ފިނޭންސް މިނިސްޓަރު ވިދާޅުވި ސިއްހީ ކަންކަމަށް ހަރަދުކުރާ މިންވަރާއި ބެހޭ ރަނގަޅު މައުލޫމާތު ހޯދޭނެ ގޮތެއް ބަލަން ޖެހިފައިވާ ކަމަށާއި އެކަމަށް ވަރަށް ބޮޑު ހަރަދެއް ކުރަން ޖެހޭނެ ކަމަށެވެ. އަދި ސަރުކާރުން މުޅިން އަލަށް މިއަންނަ އަހަރުގެ ބަޖެޓްގައި ޑޭޓާ ހޯދުމުގެ ހަރަދު ހިމަނަން ނިންމާފައިވާނެ ކަމަށާއި ނަމަވެސް އެ ޑޭޓާ ފޯރުކޮށްދޭ ފަރާތްތަކުން އެއްބާރުލުން ދިނުމަށް މުހިންމު ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ މި ރިޕޯޓުން ސިއްހީ ނިޒާމަށް ކުރާ ހަރަދުތައް ވަރަށް ފުރިހަމަ އަށް އެނިގެންދާ ކަމަށާއި އެގޮތުން ސިއްހީ ނިޒާމުގެ ހަރަދުތަކަށް ޖީޑީޕީގެ ނުވަ އިންސައްތަ ހިމެނޭ ކަމުން ދޭހަކޮށްދެނީ މި ސަރުކާރުން ސިއްހީ ނިޒާމަށްދޭ އަހަންމިއްޔަތު ކަމަށެވެ. އަދި ބަޖެޓްގެ ބޮޑުބައެއް ހޭދަކުރުމަށް ހަމަޖެހިފައިވަނީ ސިއްހީ ނިޒާމަށް ކަމަށާއި އެގޮތުން އައިޖީއެމްއެޗް ގެ 25 ބުރީގެ އިމާރާތަކީ އެކަމުގެ ހެއްކެއް ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

"ސިއްހަތަށް ގެއްލުންދޭ ތަކެތިން މުޖުތަމައު ރައްކާތެރި ކުރުމަށް ވަރަށް ބޮޑު ހެދައެއް ކުރަން ޖެހިފައިވޭ. އެގޮތުން ޒުވާނުން ހޭލުންތެރިކަން އިތުރު ކުރުމަށް ޕްރޮގްރާމް ތައް ހިންގުން މުހިންމު. އެފަދަ ޕްރޮގްރާމްތައް ހިންގުމަށް ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭ. އެކަމަށް ޑަބްލިޔުއެޗްއޯ ގެ އެހީ ލިބޭނެ ކަމަށް އުންމީދު ކުރަން." ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ. "ރާއްޖެއަކީ ޓެކްނޮލޮޖީ ގޮތުން ވަރަށް ބޮޑަށް ކުރިއަރާފައިވާ ގައުމެއް ކަމަށާއި އެހެން ކަމުން ސިއްހީ ނިޒާމާ ބެހޭ މައުލޫމާތު ޓެކްނޮލޮޖީ މެދުވެރިކޮށް ހޯދުމަށް މަސައްކަތް ތަކެއް ފަށަން ފެންނަ ކަމަށް."

އެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ރޭ އިފްތިތާހު ކުރެވުނު ރިޕޯޓުން ސިއްހީ ނިޒާމަށް ހަރަދު ކުރެވޭ ގޮތާއި ހަރަދު ކުރާ ފަރާތްތަކާއި އެފަރާތް ތަކުގެ ހަރަދުތަކުގެ މިސްރާބު ވަރަށް ރަނގަޅަށް ސާފުވެގެން ގޮސްފައިވާ ކަމަށެވެ. އަދި މި ހިސާބު ތަކަކީ ދުނިޔޭގެ ފެންވަރުގައި ގަބޫލު ކުރެވިގެންދާ ހިސާބު ތަކެއް ކަމަށް ވެސް ހެލްތް މިނިސްޓަރު ވިދާޅުވި އެވެ.

"ސިއްހީ ނިޒާމް ކުރިއަރަމުން ރަނގަޅުވަމުން އަންނަ ކަން ހަމަ އެކަނި ދޭހަކޮށްދެނީ ހަދަމުން އަންނަ 25 ބުރީގެ އިމާރާތަކުން ނޫން. ނޫނީ ރާއްޖެ ތެރޭގައި އޮޕަރޭޓް ކުރަމުންދާ 25 ސީ އެމްބިއުލާންސް އަކުން ނޫން. އެކަން އެންއެޗްއޭ ރިޕޯޓުން ވަރަށް ރަނގަޅަށް އެނގި ސާފުވެއްޖެ." ހެލްތް މިނިސްޓަރު ވިދާޅުވި އެވެ.

އެންއެޗްއޭ އަކީ ރާއްޖޭގެ ސިއްހީ ކަންކަމަށް ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުންނާއި ބައިނަލްއަގުވާމީ މުއައްސަސާތަކާއި ޖަމިއްޔާތަކުގެ އިތުރުން އެހީދޭ ފަރާތްތަކުން ކުރާ ހޭދަ އަންދާޒާ ކުރުމަށާއި ވަސީލަތްތައް ބެހިގެންދާ ގޮތް ދެނެގަތުމަށްޓަކައި އެކުލަވާ ލެވޭ ރިޕޯޓެކެވެ.