ހަބަރު

އެޗްއާރްސީއެމްގެ މެންބަރު ކަމަށް ޒާހިދު އައްޔަން ކުރަން ފާސްކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް، (އެޗްއާރުސީއެމް) ގެ މެންބަރު ކަމަށް މުހައްމަދު ޒާހިދު އައްޔަން ކުރަން ރައްޔިތުން މަޖިލީހުން ފާސްކޮށްފި އެވެ.

އެޗްއާރްސީއެމްގެ މެންބަރު ކަމަށް ޒާހިދު އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ވޯޓުގައި ބައިވެރިވެޑައިގަތް 67 މެންބަރުންގެ ތެރެއިން 57 މެންބަރުންނެވެ. ފަސް މެންބަރުން ނުފެންނަ ކަމަށް ވޯޓު ދެއްވިިއިރު ފަސް މެންބަރުން ވަކިކޮޅަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ.

ޒާހިދު މިހާރު ހުންނަވަނީ ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ. އޭނާ އެޗްއާރްސީއެމްގެ މެންބަރު ކަމަށް އައްޔަން މަޖިލީހުން ފާސްކުރި އިރު ޒާހިދަކީ އެޗްއާރްސީއެމްގެ ފުރަތަމަ ދައުރުގައި ވެސް އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

އެޗްއާރްްސީއެމްގެ މެންބަރު ކަމަށް ޒާހިދު އައްޔަން ކުރުމަށް ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މަޖިލީހަށް ސިޓީ ފޮނުވީ އެ ކޮމިޝަންގެ ނައިބު ރައީސް ކަމުގައި ހުންނެވި ޝިިފާގު މުފީދު (ހިސްޓޯ) މިދިޔަ މަހު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެވެ.

ޝިފާގްއަކީ މިހާރު ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ.