ބޭރު ކުޅިވަރު

ވޯލްޑް ކަޕް ދެވަނަ ޖާގަ އިރާން ކަށަވަރު ކޮށްފި

Jun 13, 2017

އަންނަ އަހަރު ރަޝިޔާގައި ބާއްވާ ދުނިޔޭގެ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގެ ދެވަނަ ޖާގަ އިރާން ކަށަވަރު ކޮށްފި އެވެ.

އޭޝިއާގެ ފުރަތަމަ ގައުމުގެ ގޮތުގައި، އިރާން ވޯލްޑްކަޕްގެ ކޮލިފައިން ޖާގަ ކަށަވަރު ކުރީ، ރޭ އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗު 2-0 ކާމިޔާބު ކޮށް، އޭޝިއާ ޒޯންގެ ގުރޫޕް އޭގެ ގެ އެއް ވަނައިގެ ގޮތުގަ އެވެ.

ކޮލިފައިންގެ ޖާގަ އެންމެ ފުރަތަމަ ކަށަވަރު ކުރީ ދެކުނު އެމެރިކާ ޒޯންގެ އެއް ވަނަ ޓީމް ބްރެޒިލް އެވެ. އިރާނަކީ ކޮލިފައިވި ދެވަނަ ޓީމެވެ. މުބާރާތް ބާއްވާ ގައުމު ރަޝިޔާއަށް ލިބެނީ އޮޓަމެޓިކް ޖާގަ އެވެ.

ވެރިރަށް ތެހެރާންގެ އާޒާދީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، އިރާންގެ ފުރަތަމަ ލަނޑު 23 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ، ރަޝިޔާގެ އެފްސީ ރޮސްޓޯވްގެ ފޯވަޑް ސަރުދަރު އަޒުމޫން އެވެ.

ދެ ވަނަ ހާފުގައި، އިރާން އަށް ވަނީ ޕެނަލްޓީ އެއް ލިބިފަ އެވެ. ނަމަވެސް މަސްއޫދު ޝޮޖެއީ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލް ހުރަސް ދަނޑި މަތިން ނެވެ. އިރާންގެ ދެ ވަނަ ލަނޑު 80 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މެހްދީ ތަރީމީ އެވެ.

މިހާރު ކުރިއަށްދަނީ ވޯލްޑްކަޕް ކޮލިފައިންގެ އޭޝިއާ ޒޯންގެ ތިން ވަނަ ބުރެވެ. ވޯލްޑް ކަޕް ޖާގަ ލިބޭނީ ބުރުގައި ހިމެނޭ، ދެ ގުރޫޕްގެ ގަދަ ދެ ޓީމަށެވެ.

ގުރޫޕް އޭ ގެ ދެ ވަނައިގައި އޮތީ ދެކުނު ކޮރެއާ އެވެ. އެ ޓީމު ދެ ވަނައިގައި އޮތީ 13 ޕޮއިންޓް ހޯދައިގެން ނެވެ. އެއް ޕޮއިންޓްގެ ތަފާތުން، އުޒްބެކިސްތާން އޮތީ، ތިން ވަނައިގަ އެވެ.

ގުރޫޕް ބީ ވާދަވެރިކަން މާބޮޑެވެ. އެ ގުރޫޕްގެ ގަދަ ތިން ޓީމު ކަމަށްވާ ޖަޕާނާއި ސައުދީ އަރަބިއްޔާ އާއި އޮސްޓްރޭލިއާއަށް ވެސް ޕޮއިންޓް ލިބިފައި ވަނީ އެއް އަދަކަށެވެ. ތިން ޓީމަށްވެސް ލިބިފައި ވަނީ 16 ޕޮއިންޓެވެ. ނަމަވެސް ލަނޑުގެ ތަފާތުން އެއް ވަނަ ލިބެނީ ޖަޕާނަށެވެ، ދެ ވަނަ ސައުދީ އަށެވެ. އޮސްޓްރޭލިއާ އަށް ތިން ވަނަ އެވެ.