ހަބަރު

އެމްބީއެސް އަށް އަހަރަކު 9000 ޔުނިޓްގެ ލޭ ބޭނުންވޭ

މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) އަށް އެވްރެޖްކޮށް އަހަރެއްގެ މައްޗަށް 9000 ޔުނިޓްގެ ލޭ ބޭނުންވާ ކަމަށް އެމްބީއެސް އިން ބުނެފި އެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރާއްޖޭގައި އެންމެ ގިނައިން ލޭ ބޭނުންވާ ތަނަކީ އެމްބީއެސް އެކަަމަށާއި އެތަނަށް އެވްރެޖް ކޮށް ހަފްތާ އަކު 150 ޔުނިޓުގެ ލޭ ބޭނުންވާ ކަމަށެވެ. އަދި މާލޭގައި ސިއްހީ ހިދުމަތްދޭ އެހެނިހެން އެހެނިހެން ހޮސްޕިޓަލް ތަކަށް އެވްރެޖްކޮށް ހަފްތާއަކު 50-75 ލޭ ބޭނުންވާ ކަމަށާއި އަތޮޅުތެރޭ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް ވެސް އަހަރެއްގެ މައްޗަށް 10000 ޔުނިޓްގެ ލޭ ބޭނުންވާ ކަމަށް އެމްބީއެސް އިން ބުންޏެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ ޖޫން މަހުގެ 14 ވަނަ ދުވަހެވެ. ދުނިޔޭގެ ލޭ ހަދިޔާކުރާ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ކޮށްދެވޭނީ ކޮން ކަމެއް؟ ލޭ ހަދިޔާ ކުރައްވާ- މިހާރު ލޭ ހަދިޔާ ކުރައްވާ- ގަވައިދުން ލޭ ހަދިޔާ ކުރައްވާ" އެވެ.

އެމްބީއެސް ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ލޭ ހަދިޔާ ކުރާ މީހުންގެ ތެރެއިން ދަރުމައަށް ލޭ ހަދިޔާ ކުރަނީ 33 ޕަސެންޓް މީހުން ކަމަށާއި ބާކީ 67 ޕަސެންޓް މީހުން ލޭ ހަދިޔާކުރަނީ ވަކި ފަރާތަކަށް ހާއްސަކޮށްގެން ކަމަށް ބަޔާނުގައި ވެއެވެ. އެމްބީއެސް އިން ބުނީ ޑަބްލިޔުއެޗްއޯގެ ވިހިވިހީގެ ތަސައްވުރަކީ ދަރުމައަށް ލޭ ހަދިޔާ ކުރާވަރު 100 ޕަސެންޓް އިތުރުކުރުން ކަމަށެވެ.

އެމްބީއެސް އިން ބުނީ ލޭގެ ހިދުމަތްދޭ ތަންތަނުގައި ލެއާއި ލޭގެ ބާވަތްތައް ލިބެން ހުރުމަކީ ހަރުދަނާ ސިއްހީ ނިޒާމެއްގެ ވަރަށް މުހިންމު ކަމަށެވެ. އަދި އެކަށީގެންވާ ވަރަށް ރައްކާތެރި ލޭ ފޯރުކޮށް ދިނުމުގެ ޔަގީންކަން ދެވޭނޭ ގައުމީ ފެންވަރުގައި އަޑު އުފުލާ ދަރުމައަށް ލޭ ހަދިޔާކުރާ ފަރާތްތައް އިތުރުވެގެން ކަމަށެވެ.