ހަބަރު

މޭ މަހު އެކްސްޕޯޓް 34 ޕަސެންޓް މައްޗަށް

މިދިޔަ މޭ މަހު ރާއްޖެއިން އެކްސްޕޯޓް ކުރި މުދަލުގެ އަގު މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު 34 ޕަސެންޓް މަތި ވެފައިވާ ކަމަށް ތަފާސްހިސާބުން ދައްކައިފި އެވެ.

ކަސްޓަމްސްގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު މޭ މަހު ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވަނީ 373 މިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިއަހަރު އެ އަދަދު ވަނީ 498 މިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ. ރާއްޖެއިން މައިގަނޑު ގޮތެއްގައި ބޭރުކުރަނީ މަހުގެ ބާވަތްތައް ކަމަށާއި މިދިޔަމަހު އެކްސްޕޯޓް މުދަލުގެ 68 ޕަސެންޓް އެކްސްޕޯޓް ކޮށްފައިވަނީ ތައިލޭންޑަށެވެ.

މިދިއަ މޭ މަހު ރާއްޖެއަށް އިމްޕޯޓް ކުރި މިންވަރު ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު 3 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރު އޭޕްރީލް މަހު 3.3 މިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެ ކޮށްފައިވާއިރު މިއަހަރު އޭޕްރީލް މަހު އެ އަދަދު ވަނީ 3.4 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން 19 ޕަސެންޓް އެކުވެރި އަރަބި އިމާރާތުން އިމްޕޯޓްކޮށްފައިވާއިރު، 16 ޕަސަންޓް ޗައިނާއިން އަދި 13 ޕަސެންޓް އެތެރެކޮށްފައިވަނީ ސިންގަޕޫރުންނެވެ.

އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު 16 ޕަސެންޓް އިތުރުވެފަ އެވެ. އަދި މިއަހަރުގެ މޭ މަހު އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 239 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރު އޭޕްރީލް މަހު ލިބިފައިވަނީ 206 މިލިއަން ރުފިޔާއެވެ.