ހަބަރު

ތެލުގެ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަ ކުރަން ފާސްކޮށްފި

ޕެޓްރޯލާއި ޑީސެލް ތެލުން ނަގާ ޑިއުޓީން ފަސް ޕަސަންޓު ކުޑަ ކުރަން ސަރުކާރުން ފަރާތުން ހުށަހަޅާފައިވާ އިސްލާހު ރައްޔިތުން މަޖިލީހަށް ހާޒިރުވި 73 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފި އެވެ.

އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ސަރުކާރު ފަރާތުން ހުށަހެޅި މި އިސްލާހު ދިރާސާ ކުރެއްވި މުޅި މަޖިލީހުގެ ކޮމިޓީގައި ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަހުމަދު އަސްލަމް ވަނީ ތެލުން ނަގާ ޑިއުޓީ ސުން ޕަސަންޓަށް ބަދަލު ކުރުމަށް ހުށަހަޅައިފަ އެވެ. ނަމަވެސް އެ ބަދަލު ގެންނަން ނުފެންނަ ކަމަށް 42 މެންބަރުން ވޯޓު ދިނުމުން އަސްލަމް ހުށަހެޅި އިސްލާހު ބާތިލުވި އެވެ.

ބިލަށް އިސްލާހު ހުށަހެޅި ސަބަބު ބަޔާނުގައި ނިހާން ވިދާޅުވެފައިވަނީ އާންމު ބޭނުންތަކާއި އަސާސީ ހިދުމަތްތަކަށް ހިނގާ ހަރަދު ކުޑަ ކުރުމަށާއި ރައްޔިތުންނަށް ފަސޭހަގޮތް ހަމަޖައްސާދިނުމަށް ކަމަށެވެ. އެގޮތުން ބަހުސް މަރުހަލާގައި ޕީޕީއެމްގެ މެންބަރުން ވިދާޅުވީ މި އިސްލާހާއެކު ކަރަންޓުގެ އަގަށާއި ދަތުރުފަތުރުގެ އަގަށް އަދި ތެލާ ގުޅޭ އެހެނިހެންކަން ކަމުގައި ވެސް ހަރަދު ކުޑަވެގެން ދާނެ ކަމަށެވެ.