ހަބަރު

ރާއްޖެ އެތެރެކުރި 1.2 ކިލޯގެ ޑްރަގް އަތުލައިފި

ރާއްޖެއަށް އެތެރެކުރަން އުޅުނު 1.2 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

އެތަކެތި އަތުލައިގެންފައިވަނީ މިމަހު 12 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 30 އަހަރުގެ ސްރީލަންކާ ފިރިހެނެއްގެ އަތުންނެވެ. ކަސްޓަމްސް އިން ބުނީ އެމީހާގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން ކަސްޓަމްސްގެ އޮފިސަރުން އޭނާ ހިފަހައްޓައި ޗެކް ކުރި އިރު، އޭނާގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި އަޅާފައި ހުރި ދަޅަކާއި ޕްލާސްޓިކް ފުޅިއެއް ފެނިފައިވާ ކަމަށެވެ.

ކަސްޓަމްސް އިން ބުނީ އެތަކެތި ޓެސްޓް ކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެ މީހާ އާއި އެތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސްއިން ވަނީ މި މަހު ހަ ވަނަ ދުވަހު ރާއްޖެ އެތެރެކުރަން އުޅުނު ހަތް ކިލޯގެ މަސްތުވާތަކެތި ވެސް އަތުލައިގެންފަ އެވެ.

ގާނޫނުގައިވާ ގޮތުން މަސްތުވާތަކެތު ރާއްޖެ އެތެރެކުރުމަށް ނުވަތަ ބޭރުކުރުމުގެ ކުށުގެ އަދަބަކީ އުމުރަށް ޖަލަށް ލުމާއެކު އެއް ލައްކަ ރުފިޔާ އިން ފެށިގެން އެއް މިލިއަނާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.