ހަބަރު

ބޭސްފަރުވާއަށް ނާޒިމް ސިންގަޕޫރަށް ފުރައިފި

Apr 10, 2015

ހަތިޔާރު ގެންގުޅުމުގެ ކުށުގައި 12 އަހަރަށް ޖަލަށް ލާފައިވާ، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް، ކަރެކްޝަނަލް ސާވިސަސްގެ ހުއްދައާ އެކު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފި އެވެ.

މިއަދު މެންދުރުފަހުގެ ވަގުތެއްގައި ނާޒިމް ސިންގަޕޫރަށް ފުރާވަޑައިގެންނެވީ، އަނބިކަބަލުންނާއި އޭނާގެ ކޮއްކޮ އެސްޓީއޯގެ ކުރީގެ އެމްޑީ އާދަމް އާޒިމްއާ އެކު އެވެ.

ނާޒިމް ފަރުވާ ހޯއްދަވަނީ ކޮންބައްޔަކާ ގުޅިގެންކަން ނޭނގޭ އިރު، އޭނާ ބޭސްފަރުވާއަށް ދިޔުމަށް ހުއްދަދީފައި ވަނީ ހަމައެކަނި ސިންގަޕޫރަށެވެ. އެގޮތުން 45 ދުވަހުގެ މުއްދަތަކަށް ނާޒިމް ސިންގަޕޫރުގައި ހޭދަ ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ކޯޓުގައި ޝަރީއަތްތައް ހިނގަމުން ދިޔައިރުވެސް، ނާޒިމް ވަނީ ބޭސްފަރުވާއަށް ބޭރަށް ދިޔުމަށް ހުއްދައަކަށް އެދިފަ އެވެ. ނަމަވެސް ކޯޓަށް ހާޒިރުނުވެވޭ ވަރުގެ ބައެއްޔެއް ނެތް ކަމަށް ބުނެ، އެ ހުއްދަ ދީފައެއް ނުވެ އެވެ. ނާޒިމް ވިދާޅުވެފައި ވަނީ ފުރާނައަށް ނުރައްކާ ވެދާނެ ފަދަ ބައްޔަކަށް ފަރުވާ ހޯދަން ޖެހިފައިވާ ކަމަށެވެ.