ދުނިޔެ

މުމްބާއީ ހަމަލާގެ މޭސްތިރި ކަމަށް ބެލެވޭ މީހާ ކަފާލާތުގެ ދަށުން މިނިވަންކޮށްފި

Apr 10, 2015

އިންޑިއާގެ މުމްބާއީ އަށް 2008 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާތަކުގެ މޭސްތިރި ކަމަށް ޝައްކުކުރެވޭ ޒާކިރުއް ރަހްމާން ލަޚްވީ ކަފާލާތުގެ ދަށުން މިއަދު މިނިވަންކޮށްފި އެވެ.

ޕާކިސްތާނުގެ ރާވަލްޕިންޑީގެ ޖަލު އޮފިޝަލުން ވިދާޅުވީ ލަޚްވީ މިނިވަންކުރީ މިއަދު ހެނދުނު ކަމަށެވެ. އޭނާ ދޫކޮށްލުމާ އެކު އިންޑިއާގެ ހޯމް މިނިސްޓަރު ރަޖްނަތު ސިންގް އެކަމާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ލަޚްވީ އަށް މިދިޔަ ޑިސެމްބަރު މަހު ވަނީ ކަފާލާތު ހަމަޖެހިފަ އެވެ. ނަމަވެސް އޭނާ ހައްޔަރުކޮށްފައި ބަހައްޓާފައި ހުރީ އާންމު ސަލާމަތާ ބެހޭ ގާނޫނަކުން ލިބިދޭ ބާރުގެ ދަށުންނެވެ. ނަމަވެސް މިއަދު ލަޚްވީ ދޫކޮށްލީ ޑިސެމްބަރު މަހުން ފެށިގެން އޭނާ ބަންދުގައި ބަހައްޓާފައި ހުންނަނީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ނިންމުމުންނެވެ.

ލަޚްވީ އަކީ މުމްބާއީގެ އެކި ތަންތަނުގައި ހަމަލާދީ 166 މީހަކު މަރާލި މައްސަލާގައި ދައުވާ ލިބޭ ހަތް މީހުންގެ ތެެރެއިން އެކަކެވެ. ތަހުގީގުން ނިންމާފައި ވަނީ މުމްބާއީ އަށް ހަމަލާ ދިނީ ލަޚްވީ އިސްވެ ހުރެގެން ހިންގާ ލަޝްކަރޭ ތާއިބާ އިން ކަމަށެވެ. އަދި އެ ޖަމާއަތަށް ޕާކިސްތާނުގެ ޖާސޫސީ އިދާރާ އިން އެހީތެރިކަން ދީފައިވާ ކަމަށް ވެސް އިންޑިއާ އިން ތުހުމަތުކުރެ އެވެ.

ހަމަލާގެ ތުހުމަތުގައި ލަޚްވީ ހައްޔަރުކޮށްފައި ވަނީ އޭނާ އަށް ތުހުމަތުކުރެވޭ ކަމަށް އިންޑިއާ އިން ބުނިތާ ހަތަރު ދުވަސް ފަހުން ޑިސެމްބަރު 7، 2008 ގަ އެވެ. --ބީބީސީ