ހަބަރު

އިއްސެ މަރާލި ކަމަށް ބަންގްލަދޭޝް މީހާ އެއްބަސްވެއްޖެ

  • އިތުރު ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފައިވޭ
  • ތޫނު އެއްޗަކުން ހަމަލާދީފައިވޭ
  • ކުށްވެރިން އިންސާފުގެ ކުރި މައްޗަށް ގެންނާނެ

މިދިޔަ ހުކުރު ދުވަހު މަރާލާފައި އޮތްވާ ފެނުނު އިސްމާއިލް އުމަރު (އިއްސެ) މަރާލި ކަމަށް އޭނާއާއެކު މަސައްކަތް ކުރި ބަންގްލަދޭޝް މީހާ އެއްބަސްވެއްޖެ އެވެ.

ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އިއްސެގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވޭ 27 އަހަރުގެ ޝުމޮން މިއާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ވަނީ އިއްސެއަށް ހަމަލާދީ، މަރާލާފައި ކަމަށް އިއުތިރާފުވެފައިވާ ކަމަށެވެ.

އިއްސެއަށް ހަމަލާދިން ވަޅި އާއި ހަމަލާދިން އިރު ޝުމޮން މިއާ ލައިގެން ހުރި އަންނައުނު ފުލުހުން މިހާރު ހޯދާފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. ފުލުހުން ބުނީ، އިއްސެގެ ހަށިގަނޑު ބެލިބެލުމުން ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ފާހަގަކުރެވުނު ކަމަށެވެ.

އިއްސެ މަރާލުމުގައި އިސްކޮށް ހަރަކާތްތެރިވި ޝުމޮން މިއާގެ އިތުރުން ވެސް ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ، މި މައްސަލަ ތަހުގީގުކުރަމުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އަދި، މައްސަލާގައި ޝާމިލުވާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.