ހަބަރު

އިހަވަންދޫގައި ބިދޭސީނަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފި

ރަހުމުކުޑަ މަރަކާއެކު ނުތަނަވަސްކަން ވެރިވެފައިވާ ހއ. އިހަވަންދޫ ކައުންސިލުން އެ ރަށުގައި ދިރިއުޅޭ ބިދޭސީންއަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފި އެވެ.

އިހަވަންދޫ ކައުންސިލުން މިއަދު ބޭއްވި ކުއްލި ބައްދަލުވުމުގައި ވަނީ އެ ރަށުގައި ބިދޭސީންއަށް މީގެ ފަހުން އުޅެވޭނެ ގޮތްތަކެއް ކަނޑައަޅާފަ އެވެ. އެގޮތުން ރޭގަނޑުގެ 10 ގެ ފަހުން ބިދޭސީން ގެއިން ބޭރަށް ނިކުމެ އުޅުން ވަނީ މުޅިން މަނާކޮށްފަ އެވެ. އަދި ހުކުރު ދުވަސްތަކުގެ މެންދުރުފަހު 2:00 އާއި ހަވީރު 5:00 އާ ދެމެދު ނޫނީ ބޭރަށް ގުރޫޕް ހަދައިގެން ނިކުމެ އުޅުން ވެސް ވަނީ މަނާކޮށްފަ އެވެ.

ކައުންސިލްގެ އިހުތިސޯސް އޮންނަ އެއްވެސް ސަރަހައްދެއްގައި ބިދޭސީން މަސްވެރިކަމުގެ މަސައްކަތްތައް ކުރުން ވެސް މަނާކޮށްފައިވާއިރު ވަލަށް ވަދެ، ކާށި ހޮވުމާއި ދަރު ހޮވުން ވެސް މަނާކޮށްފައި ވެއެވެ. މީގެ އިތުުރުން އެ ސަރަހައްދަށް ކުނި އުކަން ފިޔަވައި އެހެން ބޭނުމެއްގައި ދިޔުން ވެސް މަނަލެވެ.

އެ ރަށުގައި ދިރިއުޅޭ ހުރިހާ ބިދޭސީން ވެސް ކައުންސިލްގައި ރަޖިސްޓްރީވުމަށް ފަސް ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ. އެ ރަޖިސްޓްރީގައި ގަވައިދާ އެއްގޮތަށް އުޅޭ ބިދޭސީން ވެސް ރަޖިސްޓްރީ ވާން ޖެހޭނެ އެވެ. އެހެންނޫނީ ގަވައިދާ ހިލާފަށް އުޅޭ ކަމަށް ނިންމާ ރަށުން އެމީހުން ފޮނުވާލުމުގެ މަސައްކަތް ކުރާނެ އެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރަށުން ހުސްކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

ހުކުރު ދުވަހު މަރާލާފައި އޮތްވާ ފެނުނު އިސްމާއިލް އުމަރުގެ މަރުގެ ތަހުގީގު މިހާރު ކުރިއަށްދާތީ، އެ ރަށުން އެއްވެސް ބިދޭސީއަކު މިވަގުތު ފޭބުން ވެސް ވަނީ މަނާކޮށްފަ އެވެ.

އިސްމާއިލް އުމަރުގެ މަރުގެ އިތުރުން ވެސް 2002 ވަނަ އަހަރު ބިދޭސީއެއްގެ ރަހުމުކުޑަ ހަމަލާތަކެއްގެ ޝިކާރައަކަށްވެ އިހަވަންދޫ އަންހެއް ކުއްޖަކު މަރުވެފައިވެ އެވެ. އުމުރުން 16 އަހަރުގެ ފާތިމަތު ހަސަން މަރުވީ، އެ ރަށުގައި ދިރިއުޅުނު ބިދޭސީންގެ ފަރާތުން ގިނަ ފުރައްސާތަކެއް ކުރިމަތިވުމަށްފަހު އެވެ. އެ މައްސަލާގައި ތިން ބިދޭސީއަކު ކުށްވެރިވެ ޖަލަށްލި އެވެ. އިސްމާއިލް އުމަރުގެ މަރުގެ މައްސަލާގައި ވެސް މިހާތަނަށް ފަސް ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ، މިކަމުގެ ސަބަބުން އިހަވަންދޫގެ އަގު ވެއްޓި، ރަށް ވަރަށް ބޮޑަށް ބަދުނާމްވަމުންދާތީ ރައްޔިތުންގެ ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ. އެ ރަށުގެ ރައްޔިތުންނަކީ އަބަދުވެސް ރަށަށް އަންނަ މެހެމާނުންނާއި ކައިރި ރަށްރަށުގެ މީހުންނާއެކު ވެސް ވަރަށް ގާތް ރަހުމަތްތެރިކަން ގުޅުމެއް ބާއްވާ ބައެއް ކަމަށެވެ. ރަށުގެ ރައްޔިތެއްގެ އެއްވެސް ޝާމިލުވުމެއް ނެތި ބިދޭސީއެއްގެ އަތް ދަށުވެ ރަށުގައި ހުރި މެހެމާނެއް މަރުވެގެން ދިޔުމަކީ ރައްޔިތުންނަށް ވަރަށް ބޮޑު ނުތަނަވަސްކަމެއް ވެރިވެފައިވާ ކަމެއް ކަމަށް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

"މި ރަށުގަ ވަރަށް ގިނައިން ބިދޭސީން އެބައުޅޭ، މަސްވެރިކަމާއި ފައިބަރު ދޯނި ބަނުމުގެ މަސައްކަތްތައް މި ރަށުގައި ވަރަށް ފުޅާ ދާއިރާއެއްގައި ކުރާއިރު އެ ދެ މަސައްކަތުގައި ވެސް ގިނަ އަދަދެއްގެ ބިދޭސީން ދަނީ ހަރަކާތްތެރިވަމުން، ކޮންސްޓްރަކްޝަންގެ މަސައްކަތްތަކުގައި ވެސް ބިދޭސީން އެބައުޅޭ، އެ ބިދޭސީން އުޅެމުންދާ ގޮތާމެދު ރައްޔިތުންގެ ވަރަށް ބޮޑު ނުތަނަވަސްކަމެއް މިހާރު އެބަހުރި،" ރަޝީދު ވިދާޅުވި އެވެ.

މިފަދަ ތިންވަނަ ހާދިސާއެއް މި ރަށުގައި ހިނގާކަށް އެއްވެސް ރައްޔިތަކު ބޭނުމެއް ނުވޭ، ބިދޭސީއެއްގެ އަތް ދަށުވެ ލާއިންސާނީ އަމަލެއް ހިނގާ ރަށަށް ހަޑި ނަމެއް އަންނާކަށް އެއްވެސް ރައްޔިތަކު ނޭދޭ،"