ވިޔަފާރި

އުރީދޫ ހިއްސާގެ ބޮޑު ބައި ވިކި، 421 މިލިއަން ރުފިޔާ!

Jun 18, 2017

އުރީދޫ ވިއްކަން ހުޅުވައިލި ހިއްސާގެ ބޮޑު ބައެއް ވިކި، ހިއްސާ އިން 421 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އުރީދޫން އާއްމުކޮށްފައިވާ ނޫސް ބަޔާނެއްގައި ބުނީ އުރީދޫގެ ހިއްސާ ގަތުމުގެ މުއްދަތު ނިމިފައިވާއިރު، ހުށަހަޅާފައިވާ އެޕްލިކޭޝަން ތަކުގެ ތެރެއިން ކުންފުނިން އެކަށައެޅުމަށް ނިންމާފައިވަނީ 8219 ޙިއްޞާދާރުންނަށް 14،044،870 ހިއްސާ (ޖުމްލަ 421،346،100 ރުފިޔާ) ވަނީ ލިބިފަ އެވެ. މިއީ ދޫކުރެވިފައިވާ ހިއްސާގެ 9.5 ޕަސެންޓެވެ.

އުރީދޫން ކުންފުނިން ހިއްސާ އަކަށް 30 ރުފިޔާގެ ގެ ރޭޓުން ފުރަތަމަ ވިއްކަން ހުޅުވައިލީ ހިއްސާގެ 15 ޕަސެންޓް ކަމަށްވާ 22,170,060 ހިއްސާ އެވެ. އަދި ދޫކޮށްފައިވާ އާންމު ހިއްސާގެ 15 ޕަސެންޓަށް ވުރެ އިތުރަށް ހިއްސާ ގަންނަން ހުށަހައިފިނަމަ ގިނަވެގެން 40 ޕަސެންޓް ( 59,120,160 އާންމު ހިއްސާ) ވިއްކާނެ ކަމަށް ބުނެފައިވެ އެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި އުރީދޫ ހިއްސާ ވިއްކަން ހުޅުވައިލުމާއެކު ގިނައިން ހިއްސާ ގަނެފައިވަނީ އާއްމު ފަރުދުންނެވެ. މިގޮތުން އިންޑިވިޖުއަލްސްގެ ގޮތުގައި 8،000 އަށްވުރެ ގިނަ މީހުން ހިއްސާ ގަނެފައިވެ އެވެ.

އުރީދޫން ބުނެފައިވާ ގޮތުގައި ލިސްޓިން ރޫލް އިން ލާޒިމުކުރާ ގޮތުގެ މަތިން ހިއްސާ އެކަށައަޅާފައިވާ ލިސްޓު މިހާރު "މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ" އަށް ހުށަހަޅާފައިވާ ކަމަށާއި ރަސްމީ ބަންދު ނޫން 14 ދުވަހުގެ ތެރޭގައި (13 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް) ޑިޕޮސިޓް ރިކުއެސްޓެއް ފޮނުއްވުމަށް އެދިފަފައިވާ ކަމަށެވެ.

"... މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީއިން ޑިޕޮސިޓް ރިކުއެސްޓް އަޅުގަނޑުމެންނަށް ލިބޭތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި (20 ޖުލައި ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް) ހުއްދަ ދިނުމަށްފަހު، ހުއްދަ ދީފައިވާ ލިސްޓު މޯލްޑިވްސް ސެކިއުރިޓީޒް ޑީޕޮސިޓަރީއަށް އަނބުރާ ހުށަހެޅޭނެއެވެ. ޙިއްޞާދާރުންގެ ޑިޕޮސިޓަރީ އެކައުންޓުތަކަށް ޙިއްޞާ ޖަމަޢުވިކަން މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ އިން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި [31 ޖުލައި 2017 ވާ ހޯމަ ދުވަހުގެ ނިޔަލަށް] އަޅުގަނޑުމެންނަށް އެންގެވުމާއެކު، އެކަން ރަސްމީ ބަންދު ނޫން 5 ދުވަސް ތެރޭގައި [7 އޮގަސްޓް 2017 ވާ ހޯމަ ދުވަހުގެ ނިޔަލަށް] އަޅުގަނޑުމެން ޢާންމުކޮށް އަންގާ އިއުލާނުކުރާނަމެވެ. މީގެ އިތުރުން، ޖަމަޢުކުރެވިފައިވާ ހިއްސާގެ އަދަދާއި އެމްއެސްޑީ އެކައުންޓުގެ މައުލޫމާތު ހުރިހާ ޙިއްޞާދާރުންނަށް ލިޔުމުން ވެސް އެންގޭނެ ވާހަކަ ދަންނަވަމެވެ،" އުރީދޫގެ ހިއްސާދާރުންނަށް ހާއްސަކޮށް ނެރެފައިވާ ބަޔާނުގައިވެ އެވެ.

އުރީދޫ މޯލްޑިވްސް އިން ރާއްޖޭގައި ހިދުމަތް ފަށާފައިވަނީ 2005 ވަނަ އަހަރު އެވެ. ދެހާސް ހަ ވަނަ އަހަރު އުރީދޫން ފުރަތަމަ ފަހަރަށް އެސްއެމްއެސް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށް ދޭން ފެށިއެވެ. އުރީދޫ ގްރޫޕުން ފަލަސްތީނާއި އޮމާން އަދި އަލްޖީރިއާ އާއި ޓިއުނީޝިޔާ އަދި އިރާގާއި އަލްޖީރިއާ އަދި އިންޑޮނޭޝިޔާގައި ހިދުމަތް ދޭއިރު، އެ ކުންފުނީގެ ކަސްޓަމަރުންގެ އަދަދު 138 މިލިއަނަށް އަރަ އެވެ. އަދި އުރީދޫ ގްރޫޕުގެ ރައުސުލްމާލުގެ އަގު 3.1 ބިލިއަން ޑޮލަރަށްވުރެ މައްޗެކެވެ.