ހަބަރު

ޔާމީން މާރިލި ކަމަށް ތުހުމަތުވާ ތިން މީހެއްގެ ވަނަވަރު ހާމަކޮށްފި

ބްލޮގާ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލި ކަމަށް ތުހުމަތުވާ ތިން މީހުންގެ ފޮޓޯ ފުލުހުން އާންމުކޮށްފި އެވެ. އެ ތިން މީހުންނަކީ ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ތިން މީހުންނެވެ.

ފުލުހުން މިރޭ ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން އެ ތިން މީހުންނަކީ މ. ތާއިފް، އިސްމާއިލް ރަޝީދާއި ހ. އަންނާރުމާގެ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކްގެ އަހުމަދު ޒިހާން އިސްމާއިލެވެ.

މީގެތެރެއިން އިސްމާއިލް ހައިޝަމް ރަޝީދަކީ ފުލުހުން މައުލޫމާތު ދިން ގޮތުގައި ހަތިޔާރު ބޭނުންކޮށްގެން ފޭރުމުގެ ކުށުގެ ރިކޯޑް އޮތް މީހެކެވެ. ފޭރުމުގެ މައްސަލައެއްގައި ހުކުމެއް ވެސް އޭނާ ތަންފީޒުކޮށްފައިވެ އެވެ. އިސްމާއިލް ރަޝީދަކީ ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގެ ރެކޯޑް އޮތް މީހެކެވެ.

މައްސަލާގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ ޖުމްލަ ހަތް މީހުންނެވެ. ބާކީ ތިބި ހަތަރު މީހުންގެ މައުލޫމާތު ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ، މައްސަލާގެ ތަހުގީގަށް މާލޭ އެކި ސަރަހައްދުތަކުން ނެގި ސީސީޓީވީ ފުޓޭޖާއި މާލޭގައި ހަރުކޮށްފައިވާ ފުލުހުންގެ ސީސީޓީވީ ކެމެރާތަކުގެ ފުޓޭޖްތައް ހިމެނޭ ގޮތަށް ޖުމްލަ 1850 ގަޑިއިރަށްވުރެ ގިނަ ވަގުތުގެ ފުޓޭޖްތައް އެނަލައިޒްކޮށް ބަލާފައިވާ ކަމަށެވެ. އޭގެ އިތުރުން 20 އަހަރާއި 40 އަހަރާ ދެމެދުގެ 40،000 އަށްވުރެ ގިނަ މީހުންގެ ފޮޓޯތައް ބަލައި އެނަލައިޒްކޮށްފައިވާ ކަމަށެވެ.

އޭގެއިތުރުން ވެސް ސަރުކާރުގެ އެކި އިދާރާތަކުގެ ޑޭޓާ ބޭސްތައް މެދުވެރިކޮށް ވެސް ގިނަ މައުލޫމާތުތަކެއް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ، މިކަމުގައި އިސްކޮށް ތިބި ފަރާތްތައް ދެނެގަނެ ތަހުގީގުކުރިއަށްދާ ކަމަށެވެ.

ތަހުގީގުކުރިއަށް ދިޔަސް ބޮޑެތި އުނދަގޫތަކާއި ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން ހާދިސާއާ ގުޅޭ މައުލޫމާތު ތަހުގީގާ ގުޅުން ނެތް ފަރާތްތަކުން އެ ބައެއްގެ އަމިއްލަ ރައުޔު މީޑިއާގައި ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ގާނޫނީ ވަކީލުންގެ ފަރާތުން ވެސް ހުރަސްތައް ކުރިމަތިވި ކަމަށެވެ.

ނަމަވެސް އެ ދަތިތަކާއި ހުރަސްތައް ފުލުހުންނަށް ކުރިމަތިކުރުވިނަމަވެސް ފުލުހުން މަސައްކަތްކުރަމުން ގޮސްފައި ވަނީ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ޝާމިލްވާ ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ފުލުހުންގެ މުއައްސަސާގައިހުރި ހުރިހާ ވަސީލަތްތައް ބޭނުންކޮށްގެން ކުރުމަށް ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

މައްސަލާގައި ދައުވާކުރަންޖެހޭ ފަރާތްތަކަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ، ފުލުހުން އަބަދުވެސް މަސައްކަތްކުރަމުން ދާނީ ސުލްހަ މަސަލަސްކަމާއި އިންސާފު ރައްޔިތުންނަށް ހޯދައިދިނުމުގެ މާތް މަގުސަދުގައި ކަމަށާއި ހަގީގަތާ ހިލާފަށް ފާޅުކުރަމުންދާ ޝުއޫރެއްގެ އަޑުއަހައި އެއަށް ރައްދުދިނުމުގެ ބަދަލުގައި ފުލުހުން ކުރިއަށްދާނީ ކަަމުގެ އަސްލަށް ވާސިލުވުމަށްޓަކަ ކަމަށެވެ.