ބޮލީވުޑް

އެކްސިޑެންޓުވި ކާރު ދުއްވީ ސަލްމާން ކަމުގެ އެއްވެސް ހެއްކެއް ނެތް

Apr 11, 2015

މީގެ 13 އަހަރުކުރިން، ސެޕްޓެމްބަރު 28، 2002 ވަނަ ދުވަހުގެ ރޭ މުމްބާއީ ބަންދްރާގެ ރަށްފުށު ސަރަހައްދެއްގައި ހުރި ބޭކަރީއެއްގެ ޕޭވްމަންޓް މަތީގައި ނިދާފައި ތިބި ބައެއްގެ ގައިމަތިން ވެހިކަލް ދިއުމުގެ ސަބަބުން، އެކަކު މަރުވެ ހަތަރު މީހަކަށް އެކިވަރުގެ ޒަހަމަތްކެއް ލިބުނު އެކްސިޑެންޓްގައި ކާރު ދުއްވީ ސަލްމާން ނޫންކަމަށް އިއްޔެ ބޭއްވި ހުލާސާ ބަޔާން އިއްވުމުގެ ޝަރީއަތުގެ މަޖިލީހުގައި ސަލްމާންގެ ވަކީލް ސްރިކާންތް ޝިވާދޭ ވިދާޅުވެއްޖެ އެވެ.

އިއްޔެ އޮތް މި މައްސަލައިގެ ޝަރީއަތުގައި ސަލްމާންގެ ވަކީލް ވިދާޅުވީ އެކްސިޑެންޓް ހިނގި ވަގުތު ޓޮޔޯޓާ ލޭންޑް ކްރޫޒާ ކާރު ދުއްވަމުން ދިޔައީ ސަލްމާން ނޫންކަމަށާއި ސަލްމާންގެ ޑްރައިވަރު އަޝޯކް ސިންގް ކަމަށެވެ.

މީގެއިތުރުން ސަލްމާންގެ ވަކީލް ވިދާޅުވެފައި ވަނީ އެކްސިޑެންޓް ހިނގުމަށްފަހު ސަލްމާން ޑްރައިވަރު އިންނަ ފަރާތުން ނިކުތީ އެކްސިޑެންޓް ވުމުގެ ސަބަބުން އޭނާ އިން ފަޅީގެ ދޮރު ތާށިވެ، އެ ދޮރު ނުހުޅުވިގެން ކަމަށެވެ. އެހެންކަމުން ޑްރައިވަރު އިންނަ ފަރާތުން ސަލްމާން ނިކުތުމުގެ މާނައަކީ އެކްސިޑެންޓް ހިނގި ވަގުތު ކާރު ދުއްވީ ސަލްމާނަށް ވުން ނޫން ކަމަށް ވިދާޅުވި އެވެ.

އަދި މި އެކްސިޑެންޓް ހިނގި އިރު ސަލްމާން އަތުގައި ލައިސަންސް ނޯންނަކަމަށާއި، ސަލްމާން ލައިސަންސް ނަގާފައި ވަނީ އޭގެ ދެ ތިންއަހަރު ފަހުން ކަމަށް މީގެ ކުރިން ބޭއްވި ޝަރީއަތުގައި ބުނެފައިވެ އެވެ.

އަދި އެކްސިޑެންޓް ހިނގި ވަގުތު ސަލްމާން ހުރީ މަސްތުގެ ހާލަތުގައި ކަމަށް ދައުލަތުން ކުރި ތުހުމަތު ވެސް ވަނީ ދޮގުކޮށްފަ އެވެ.

އެކްސިޑެންޓްވުމުގެ ކުރިން ސަލްމާން އާއި އޭނާގެ ކޮއްކޮ ސުހެއިލް ޚާން ރެސްޓޯރެންޓެއްގެ ބާއެއްގައި ތިބިކަމަށް ސަލްމާން ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް އެތަނުން އޭނާ ރާ ނުބޯ ކަމަށާއި ބުއީ ފެންތައްޓެއް ކަމަށް ވަނީ މީގެ ކުރިން ބުނެފަ އެވެ.

ދައުލަތުގެ ދައުވާގައި ހަމަނުޖެހޭ އެތައް ކަމައް ހިމެނޭކަމަށް ބުނަމުން ޝިވްދޭ ވިދާޅުވީ ސަލްމާންގެ ޑްރައިވަރު އަޝޯކް އަމިއްލައަށް ހުރިހާ ޒިންމާއެއް ނަގާފައިވާއިރު، އަދި އެކްސިޑެންޓް ހިނގި ވަގުތު ކާރު ދުއްވަމުން ދިޔައީ އޭނާ ނޫންކަމަށް ސަލްމާން ވެސް ބުނެފައިވާއިރު ދައުލަތުން މިވާހަކަތައް ގަބޫލުނުކުރަންވީ ސަބަބެއް ނޭނގޭ ކަމަށެވެ.

އެކްސިޑެންޓް ހިނގުމުގެ ކުރިން ސަލްމާން ކާރު ދުއްވަމުން ދިޔައީ 90 އާއި 100 ކިލޯމީޓަރުގެ ބާރުމިނެއްގައި ކަމަށްވެސް ދައުލަތުން ވަނީ ބުނެފަ އެވެ. މިކަން ވެސް ދޮގު ކުރަމުން ސަލްމާންގެ ވަކީލް ވިދާޅުވީ ޖޭ ޑަބްލިޔު މެރިޔޮޓް ހޮޓަލާ އެކްސިޑެންޓް ހިނގި ސަރަހައްދާ ދެމެދު ހަތެއް ނުވަތަ އަށްވަރަކަށް ކިލޯމީޓަރުގެ ދުރުމިނެއް ހުންނަކަމަށާއި އެކަމަކު ހޮޓަލުން އެކްސިޑެންޓް ހިނގި ސަރަހައްދަށް ދެވުނީ 30 މިނިޓުންކަމަށް ވާތީ ކާރު ދުއްވާފައި ދިޔައީ ބާރަށް ކަމަށް ބުނެވެން ނެތްކަމަށެވެ.

މީގެއިތުރުން އެކްސިޑެންޓް ހިނގި ވަގުތު ކާރުގައި ތިބީ ހަތަރު މީހުންކަމަށާއި އެއީ ސަލްމާނާއި އޭނާގެ ރައްޓެއްސެއްކަމަށްވާ ކަމަލް ހާން އާއި ސަލްމާންގެ ބޮޑީގާޑް ރަވިންދުރަ ޕާޓިލްގެ އިތުރުން ޑްރައިވަރު އަޝޯކް ސިންގް ކަމަށް ވެސް ބުނެފައިވެ އެވެ. ކާރުގައި ހަތަރު މީހަކު ތިބިކަން މިއެކްސިޑެންޓް ހިނގިއިރު އިރު ކާރު ކޮންޓްރޯލް ނުކުރެވި ގޮސް އެރި ބޭކަރީގެ ވެރިމީހާ ވެސް ވަނީ ބުނެފަ އެވެ، އެހެންނަމަވެސް ދައުލަތުން ބުނެފައިވަނީ އެވަގުތު ކާރުގައި ތިބީ ތިން މީހުން ކަމަށެވެ. އޭގެ ތެރޭގައި ސަލްމާންގެ ރައްޓެއްސެއް ކަމަށްވާ ކަމަލް ނުހިމެނޭ ކަމަށް ބުނެ އެވެ.

އެހެންނަމަވެސް އެންމެ ފުރަތަމަ ފުލުހުން ދިން ބަޔާނުގައި ބުނެފައި ވަނީ ސަލްމާންގެ ޑްރައިވަރު ސިންގް އެވަގުތު ކާރުގައި ނެތްކަމަށެވެ.

އުމުރުން 49 އަހަރުގެ ސަލްމާންގެ މައްޗަށް މި ކުށް ސާބިތުވެއްޖެނަމަ 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.