ހަބަރު

އިސްމާއިލްގެ އާއިލާގެ ބަޔާނުގައި ވަނީ ދޮގު: ފުލުހުން

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ފުލުހުން ތުހުމަތުކުރާ މ. ތާއިފް، އިސްމާއިލް ރަޝީދުގެ އާއިލާއިން ފުލުހުންނަށް ކުރި ތުހުމަތުތައް ދޮގުކޮށްފި އެވެ.

އެ އާއިލާއިން ނެރުނު ބަޔާނާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، އިސްމާއިލްގެ ރަޝީދުގެ އާއިލާއިން ކޮށްފައިވާ ހުރިހާ ތުހުމަތަކަށް އިންކާރު ކުރާ ކަމަށާއި އޭގައި ހަގީގަތެއް ނެތް ކަމަށެވެ. އެފަދަ ހަގީގަތާ ހިލާފު ވާހަކަތައް ދައްކައި ޔާމީން ރަޝީދުގެ މަރުގެ މައްސަލައަށް ހުރަސް ނޭޅުމަށް އިލްތިމާސްކުރާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ، ފުލުހުންގެ ތަހުގީގަށް ހުރަސްއެޅޭ ގޮތަށް އަމަލުތައް ބަހައްޓައި، އެފަދަ ވާހަކަތައް ދައްކާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

އިސްމާއިލް ރަޝީދުގެ އާއިލާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފުލުހުން ބުނާ ގޮތަކަށް ކަންތައްތައް ކުރުމަށް އިސްމާއިލް ރަޝީދަށް ހުށަހެޅި ކަމަށާއި އެގޮތަށް ކަންތައްތައް ކޮށްފިނަމަ އޭނާއަށް ދައުވާ ނުކުރާނެ ކަމަށް ވެސް ބުނެފައިވާ ކަމަށެވެ.

ފުލުހުން ބޭނުން ވަނީ ބަޔާނުގައިވާ ގޮތުން ފުލުހުން ބޭނުންވާ ގޮތަކަށް އިސްމާއިލް ބަޔާންދީ، ހެކި ބަސް ދިނުމެވެ. އެކަން ކޮށްފިނަމަ "ހަމަ ތި އާއިލާއާ ހަމައަށް، ގެނައި ގޮތަށް އޭނާ ހަވާލު ކުރާނެ" ކަމަށް ވެސް ފުލުހުން ބުނި ކަމަށް އާއިލާއިން ބުންޏެވެ. ނަމަވެސް މާތްﷲ ގަންދީ ހުވާކޮށް ދޮގު ހެކިބަސް ދިނުމަށް އިސްމާއިލް ރަޝީދު ބޭނުންނުވާ ކަމަށެވެ.

އެ އާއިލާާއިން ވަނީ އިސްމާއިލް ރަޝީދާމެދު ގާނޫނާ އެއްގޮތަށް އަމަލުކޮށް އޭނާގެ ތަހގީގު ގާނޫނީ ހަމަތަކުގެ މަތިން ކުރިއަށް ގެންދިޔުމަށް އިލްތިމާސްކޮށްފަ އެވެ.