ވިޔަފާރި

މައިގަނޑު ވިޔަފާރިތަކަށް އެސްޓީއޯގެ އަމާޒު ހިފަހައްޓާނަން: ޝަހީރު

Apr 11, 2015

އެސްޓީއޯގެ އަމާޒު ކުންފުނީގެ މައިގަނޑު ވިޔަފާރިތަކަށް ހިފެހެއްޓުމަށް މަސައްކަތްތަކެއް ކުރާނެ ކަމަށް އާ އެމްޑީ އަހުމަދު ޝަހީރު ވިދާޅުވެއްޖެ އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ޝަހީރު ވިދާޅުވީ އެސްޓީއޯގެ އެމްޑީ ބަދަލުވި ނަމަވެސް އެ ކުންފުނީގެ މައިގަނޑު ވިޔަފާރިތައް ހިނގަމުންދާ ގޮތަށް ކުރިއަށްދާ ކަމަށެވެ. މިހާރު އެންމެ ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވަނީ މައިގަނޑު ވިޔަފާރިތައް ދެމެހެއްޓުމާއި ބާރަށް ކުރިއަށް ގެންދިއުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ ކަމަކަށް ވެސް އެންމެ މުހިންމު ކަމަށް މި ބަލަނީ ކޮންޓިނިއުޓީ އާއި ސްޓެބިލިޓީ އަށް. ކުދިކުދި ބަދަލުތައް ގެނަން. އެކަމަކު ބޮޑަށް މި ބަލަނީ މިހާރު ފެށި މަސައްކަތް ވީހާ ރަނގަޅަށް ނުވަތަ އެ ޓައިމްލައިންތަކަށް ނިންމޭތޯ،" ޝަހީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެސްޓީއޯގެ އެމްޑީން ބަދަލުވިނަމަވެސް މައިގަނޑު ވިޔަފާރިތައް ރޭވިފައި ހުރިގޮތަށް ކުރިއަށްދާނެ ކަމަށާއި، ކުރިން ވެސް ރޭވިފައިވާ ގޮތަށް މި އަހަރު ނިމުމުގެ ކުރިން ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ހުޅުވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަހީރު ވިދާޅުވީ އެސްޓީއޯއ ިން ހުޅުމާލޭގައި ތަރައްގީ ކުރަމުން ގެންދާ ހޮޓަލުގެ މަސައްކަތް ވެސް ލަސްވެގެން ދަނީ، މައިގަނޑު ވިޔަފާރިތަކަށް ކުންފުނިން އިސްކަންދޭތީ ކަމަށާއި ނަމަވެސް އެ މަސައްކަތް ވެސް ނިންމަން ހިފާފައިވާ ކަމަށެވެ.

" ހުޅުމާލެ ހޮޓާ މިހާރު ވެސް ކުރިއަށް ދޭ. ރާއްޖޭގައި ވޭތުވެދިޔަ ދުވަސްތަކަށް ބަލައިލިނަމަވެސް ޓޫރިޒަމްގެ ގިނަ ޕްރޮޖެކްޓް ތަކަކަށް ދަތިތަކާއެކު ކުރިއަށް ދޭ. މިހާރު ކުރަނީ ސްޓަކްޗަރަލް ވޯކްސް ނިމި، އިންޓީރިއާ މަސައްކަތް. ދީފައި ހުރި ގިނަ ރަށްތަކަށް ބަލާއިރު ގިނަ ރަށްތައް މިވަރު ވެސް ނުވޭ. އެހެންވެ އަޅުގަނޑު ނުދަންނަވާނަން މި ޕްރޮޖެކްޓަކީ އެހެން ޕްރޮޖެކްޓްތަކާ ބަލާއިރު ލަހުން ނިމޭ ޕްރޮޖެކްޓެކޭ،" ޝަހީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހޮޓާ ނިންމަން ގިނަ ތާރީހު ތަކެއް ދީފައިވާ 250 ކޮޓަރީގެ ހުޅުމާލެ މި ހޮޓަލުގެ މަޝްރޫއަކީ ބޮޑު ޕްރޮޖެކްޓެއް ކަމަށެވެ.

" ފުދޭވަރެއްގެ ބޮޑު ޕްރޮޖެކްޓެއް މިއީ. 250 ރޫމްސް. ފުދޭވަރެއްގެ ގިނަ ގޮންޖެހުންތަކެއް ފައިނޭޝަލީ ކުރިމަތިލާން ޖެހުނު. އެހެން ނަމަވެސް އިރާދުކުރެއްވިއްޔާ މި އަހަރު ތެރޭ ގޮތްތަކެއް ނިންމާނަން،" ޝަހީރު ވިދާޅުވި އެވެ.

ޝަހީރު ވިދާޅުވީ އުފެއްދުންތައް އިތުރުކޮށް އަގުތައް ހެޔޮ ކުރުމަށް އިސްކަމެއް ދޭނެ ކަމަށެވެ.

" އަޅުގަނޑުމެން ޕްރޮޔޯރިޓީ ދޭން ޖެހޭ އެހެން ދާއިރާތަކެއް ވެސް ހުރޭ. ހާއްސަކޮށް އަޅުގަނޑުމެންގެ ކޯ ބިޒްނަސްތަކަށް. މި [ހުޅުމާލެ ހޮޓާ] ޕްރޮޖެކްޓަށް ޕްރޮޔޯރިޓީ ތަންކޮޅެއް ދަށްވެގެން މި އުޅެނީ. ކޯ ބިޒްނަސްތަކަށް ބޮޑަށް ކޮންސަންޓްރޭޓް ކުރަނީ މިހާރު،" ޝަހީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރީގެ އެމްޑީ އާދަމް އާޒިމް ވިދާޅުވެފައިވާ ގޮތަށް، ތެޔޮ ރައްކާ ކުރުމުގެ ގާބިލްކަން އިތުރު ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މީގެ އިތުރުން ބައެއް ބާވަތްތައް ރާއްޖެ ގެނެސް ބަންދު ކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން ދިރާސާތަކެއް ކުރަމުންދާ ކަމަށެވެ.

"މި އަހަރު ތެރޭގައި ބޮޑަށް ހަތަރު ދާއިރާއަށް ކޮންސަންޓްރޭޓް ކުރުމުގެ އިތުރުން އުފެއްދުންތަކާއި އަގުތައް މިހާރަށް ވުރެ ހެޔޮކޮށް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދޭން އިސްކަން ދޭނަން،" ޝަހީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުސްތަގުބަލުގައި އެސްޓީއޯ އާ ވިޔަފާރިތަކަށް ދާން ބޭނުންވާ ކަމަށާއި، ނަމަވެސް ކުންފުނި ސްޓޭބަލް ކުރުމަކީ ފުރަތަމަ ކަންތައް ކަމަށެވެ. އަދި މި ކަންތައްތަކާއިއެކު ހިއްސާދާރުންނާއި ރައްޔިތުންނަށް ފައިދާހުރި ކުންފުންޏަކަށް ހަދައިދޭނެ ކަމުގެ ޔަގީންކަން ޝަހީރު ދެއްވި އެވެ.