ހަބަރު

5.8 މިލިއަން ރުފިޔާ ހަރަދުކޮށް، ދެ ރަށެއްގެ އާ އިންޖީނުގެ އަޅަނީ

ބ. އަތޮޅު ފެހެންދޫ އާއި ހއ. މާރަންދޫގެ އާ އިންޖީނުގެ އިމާރާތް ކުރަން ދެ ކުންފުންޏަކަށް ފެނަކަ ކޯޕަރޭޝަނުން މަސައްކަތް ހަވާލުކޮށްފި އެވެ. މި ދެ މަޝްރޫއަށް ޖުމްލަ 5.8 މިލިއަނެއްހާ ރުފިޔާ ހަރަދުވެ އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ފެހެންދޫއަކީ އެންމެ އަވަހަށް އިންޖީނުގެ ބަދަލު ކުރަން ޖެހިފައިވާ ރަށް ކަމަށާއި އެ ކަންބޮޑުވުން ރައްޔިތުން ވެސް ފާޅުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ތްރީ ބްރަދާޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިޔަށް އޮތް 90 ދުވަސް ތެރޭގައި އާ އިންޖީނު އަޅާ ނިންމާނެ ކަމަށެވެ.

އޭގެ އިތުރުން މާރަންދޫއަކީ ވެސް އާ އިންޖީނުގެއަކަށް ބޭނުންވެފައިވާ ރަށެއް ކަމަށާއި 160 ދުވަސް ތެރޭގައި އެ ރަށުގައި އިންޖީނުގެ އެޅުމަށް ލަތީފް ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.

"އިންޖީނުގެ އަޅާ ނިމުމުން އެ ދެ ރަށުގެ ރައްޔިތުންނަށް ވެސް ފުރިހަމަ ހިދުމަތެއް ދޭން ފަށާނެ. އަދި ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި ރައްކާތެރި ގޮތަކަށް އެ ހިދުމަތް ފޯރުކޮށްދެވިގެން ދާނެ،" ޝަރީފް ވިދާޅުވި އެވެ.

ފެހެންދޫއާއި މާރަންދޫގައި އިންޖީނުގެ އަޅަން ހަވާލުކޮށްފައިވާ އިރު ބައެއް އެހެން ރަށްތަކުގައި އިންޖީނުގެ އެޅުމަށް ބިޑް ކުރުމުގެ މަސައްކަތް ކުރިޔަށް ދެއެވެ.