ވިޔަފާރި

ރިސޯޓު މުވައްޒަފުންގެ ހައްގު ހޯދައިދޭން އެދޭ ޕެޓިޝަނެގައި ސޮއިކުރަން ފަށައިފި

Apr 11, 2015
1

ޓީމްގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާކިރު ވިދާޅުވީ ފަސް ޑިމާންޑެއް ފުރިހަމަކޮށް ދިނުމަށް އެދި ސަރުކާރަށް ހުށަހަޅާ މި ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް 40 އަށް ވުރެ ގިނަ ރިސޯޓުގައި ކުރިއަށްދާ ކަމަށެވެ. އަދި މި ޕެޓިޝަނަށް ރިސޯޓުތަކުގެ މެނޭޖުމަންޓްތަކުން ވެސް އެއްބާރުލުން ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގިނަ ރިސޯޓުތަކުން ދެކޮޅު ވެރިކަމެއް ނެތް. ހާއްސަކޮށް ބޭރުގެ އިންޓަނޭޝަނަލް މެނޭޖުމަންޓް އޮންނަ ރިސޯޓުތަކުން އެއްބާރުލުން ލިބޭ. ނަމަވެސް ދިވެހި މެނޭޖުމަންޓް އޮންނަ ރިސޯޓުތަކުގެ މެނޭޖުމަންޓްތަކުން ލިބޭ އެއްބާރުލުން ކުޑަ،" މައުރޫފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޮޑެތި ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރު ފެންވަރުގެ ބޭފުޅުން ވެސް މި ޕެޓިޝަނުގައި ސޮއިކުރަމުންދާ ކަމަށެވެ.

"މެނޭޖުމަންޓްތަކުން ވެސް ދެކޭ މުވައްޒަފުންގެ ކަންތައް މިހާރަށްވުރެ ރަނގަޅު ވާން ޖެހޭނެ ކަމަށް. އެކަމަކު އެ ބޭފުޅުން ދެކެނީ އެކަން ކުރެވެން ޖެހޭނީ ގާނޫނެއްގެ ތެރެއިން ކަމަށް،" މައުރޫފު ވިދާޅުވި އެވެ.

އޭގެ ތެރޭގައި ރިސޯޓު ތަކާއި ސަފާރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަކީ 600 ޑޮލަރު ކަމުގައި ހަމަޖެއްސުމާއި ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ދިވެހިންގެ ނިސްބަތް 80 ޕަސެންޓަށް ބަދަލު ކުރުމަށް ކަނޑައަޅައި މަސައްކަތްތެރިންގެ ބައިވެރިވުމާއިއެކު އެކަން ތަންފީޒު ކުރަން ފެށުން ހިމެނެ އެވެ. މީގެ އިތުރުން އިންޑަސްޓްރިއަލް ރިލޭޝަން ގާނޫނެއް ފާސްކޮށް ތަންފީޒު ކުރަން ފެށުމާއި ސާވިސް ޗާޖު 12 ޕަސެންޓަށް ބަދަލުކޮށް ތަންފީޒު ކުރަން ފެށުމާއި މި ސަރުކާރުގެ ވައުދެއް ކަމަށް "ރިސޯޓު ހިއްސާ ރިސޯޓު މުވައްޒަފުން" ނަށް ދިނުމުގެ ވައުދު ފުއްދުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު ލިބުމާއި، މި ވައުދު ފުއްދުމަށް މުވައްޒަފުންގެ ފަރާތުން ކޮށްދެވޭނެ ކަންކަން ދެނެގަތުން ހިމެނެ އެވެ.