ވިޔަފާރި

މިދިޔަ މަހު ޓޫރިޒަމަށް ކުޑަ ކުރިއެރުމެއް!

Jun 21, 2017

މި ދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރީ 93،491 ޓޫރިސްޓުންނެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މެއި މަހު ރާއްޖެއަށް ޒިޔާރަތް ކުރި 93،228 މީހުންނާ އަޅާ ބަލާއިރު 0.3 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމު ކުރި މެއި މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މުއްދަތުގައި މުޅި ޔޫރަޕުން އައި ޓޫރިސްޓުންގެ އަދަދު މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު ވަނީ 1.5 ޕަސެންޓް ދަށްވެފަ އެވެ. މިދިޔަ މަހު ޒިޔާރަތް ކޮށްފައިވަނީ 35،739 ޓޫރިސްޓުންނެވެ. ނަމަވެސް އޭގެ ކުރީ އަހަރުގެ އެ މުއްދަތުގައި އައިސްފައިވަނީ 36،279 ޓޫރިސްޓުންނެވެ. މި މުއްދަތުގައި ރާއްޖޭގެ އެންމެ ދުވަސްވީ މާކެޓު ކަމަށްވާ އިނގިރޭސިވިލާތުން 7،151 ޓޫރިސްޓުން އައިސްފައިވެ އެވެ. ނަމަވެސް މި އަދަދަކީ މިދިޔަ އަހަރު އައި 7،253 މީހުންނާ އަޅާ ބަލާއިރު 1.4 ޕަސެންޓް ދަށްވުމެކެވެ. އަދި ރާއްޖެއަށް އެންމެ ފުރަތަމަ ޓޫރިސްޓެއް ޒިޔާރަތް ކުރި ގައުމު ކަމަށްވާ އިޓަލީވިލާތުން މިދިޔަ މަހު 3،131 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މި އަދަދަކީ މިދިޔަ އަހަރު ޒިޔާރަތް ކުރި 2،746 މީހުންނާ އަޅާ ބަލާއިރު 14 ޕަސެންޓް އިތުރުވުމެކެވެ.

އެހެން ގައުމުތަކަށް ބަލާއިރު ރަޝިޔާ އިން މިދިޔަ މަހު 3،564 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މި އަދަދަކީ މިދިޔަ އަހަރު އައި 3،077 މީހުންނާ އަޅާބަލާއިރު 15.8 ޕަސެންޓް އިތުރުވުމެކެވެ. އަދި ޖަރުމަނުވިލާތުން މިދިޔަ މަހު 8،746 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މި އަދަދަކީ އޭގެ ކުރީ އަހަރު ޒިޔާރަތްކުރި 10،141 ޓޫރިސްޓުންނާ އަޅާ ބަލާއިރު 13.8 ޕަސެންޓް ދަށް އަދަދެކެވެ. އަދި ފްރާންސުން މިދިޔަ މަހު 2،161 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މި އަދަދަކީ މިދިޔަ އަހަރު އައި 2،286 މީހުންނާ އަޅާ ބަލާއިރު 5.5 ޕަސެންޓް ދަށްވުމެކެވެ.

މީގެ ދެ އަހަރު ކުރިން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރި ޗައިނާ މާކެޓުން މިދިޔަ މަހު 23،225 މީހުން ޒިޔާރަތް ކުރި އެވެ. މި އަދަދަކީ މިދިޔަ އަހަރު އައި 25،005 މީހުންނާ އަޅާބަލާއިރު 7.1 ޕަސެންޓް ދަށް އަދަދަކެވެ.

މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދަށް ކުޑަ އިތުރުވުމެއް އައިނަމަވެސް މި އަހަރުގެ މިހާތަނަށް ބަލާއިރު ޓޫރިޒަމަށް ވަނީ ރަނގަޅު ކުރިއެރުމެއް ލިބިފަ އެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 572،318 މީހުން ޒިޔާރަތް ކުރި އެވެ. މި އަދަދަކީ އޭގެ ކުރީ އަހަރު އައި 540،887 މީހުންނާ އަޅާ ބަލާއިރު 5.8 ޕަސެންޓް އިތުރުވުމެކެވެ.