ހަބަރު

ޝަލަބީގެ ދެވަނަ މަދަހަ އަލްބަމް ނެރެފި، ވަރަށް ހިތްގައިމު

މިދިޔަ ރޯދަމަހު ޝަލަބީ ނެރުނު މަދަހަ އަލްބަމަށްފަހު އޭނާގެ ފޭންބޭސް ވަރަށް ބޮޑުވި އެވެ. އެތައް ބައެއްގެ ހިތްތަކަށް ޝަލަބީ ވާސިލްވި އެވެ. އެތައް ބަޔަކު އޮންލައިންކޮށް އެ މަދަހަތައް އަޑުއެހި އެވެ. މިހާރުވެސް އެތައް ބަޔަކު އެންމެ ގިނައިން އަޑުއަހާ މަދަހަތަކަކަށް އެ މަދަހަތައް ވެއްޖެ އެވެ. އެއާއެކު އެންމެ ބާރަށް ދައްކަން ފެށި ވާހަކަ އަކީ މިއަހަރު ޝަލަބީ މަދަހަ އަލްބަމެއް ނުނެރެނީހެއްޔޭ އެވެ. އެ ސުވާލުގެ ޖަވާބު ވެސް ލިބިއްޖެ އެވެ. ޝަލަބީ މިއަދު ވަނީ އޭނާގެ ދެވަނަ މަދަހަ އަލްބަމް "ހިދާއީ ނޫރު 2" ރިލީޒްކޮށްފަ އެވެ.

މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މަދަހަ އަލްބަމް ނެރެދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދެވެ. މަދަހަ އަލްބަމް ނެރެދެއްވުމަށްފަހު އުއްތަމަ ފަނޑިޔާރުވަނީ ޝަލަބީގެ ހުނަރާއި މަސައްކަތްތަކަށް ތައުރީފްކޮށް މިފަދަ މަދަހަ އަލްބަމްތަކުން ހިތްތައް ހުޅުވަން ފުރުސަތު ލިބޭ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ އަމަންއަމާންކަމާއި ހިންހަމަ ޖެހުމާއި އެއްބައިވަންތަަކަމާއި އުހުއްވަތްތެރިކަމުގެ ޝުއޫރުތައް އާލާވުމުގެ ޒަރިއްޔާއެއް ކަމުގައި އެ މަދަހަތައް ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ދީނީ ޅެން ހަދައި މަދަހައިގެ ގޮތުގައި ކުރިންސުރެ ދިވެހިންގެ މެދުގައި ކިޔުމުގެ ސަގާފަތް ދިރުވުމަށް ޒުވާނުން ކުރާ މަސައްކަތްތައް އުފަލާއެކު ފާހަގަކުރާ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ޝަލަބީގެ މި މަދަހަ އަލްބަމްގައި ވެސް ހަތް މަދަހަ ހިމެނެ އެވެ. އެ މަދަހަތަކުގެ ރާގު ހަދާފައިވަނީ ވެސް ޝަލަބީ އެވެ. މަދަހަތައް ރިކޯޑުކޮށްފައިވަނީ ހައުސް އޮފް މިއުޒިކްގެ އެހީތެރިކަމާއި އެކީގަ އެވެ.

އެ އަލްބަމްގެ އެންމެ ހާއްސަ އެއް ކަމަކީ އޭގައި ހިމެނެނީ ހަމައެކަނި މަދަހައަށް ނުވުމެވެ. އޭގައި ފިކުރީ އަދި މާނަވީ ނަސޭހަތްތައް ވެސް ހިމެނެ އެވެ. މިފަހަރުގެ މަދަހަ އަލްބަމްވެސް ވަނީ ހިލޭ ބަހަން ނިންމާފަ އެވެ.

މި އަލްބަމަށް މަދަހަ ރިކޯޑްކޮށްފައިވަނީ އެއްވެސް މިއުޒިކެއް ނުހިމަނަ އެވެ. އަނެއްކާވެސް ޝަލަބީގެ އަޑު މިއުޒިކާ ނުލާ އަހާލަން ލިބުނު ރަނގަޅު ފުރުސަތެކެވެ.