ހަބަރު

ޕީޕީއެމްގެ ދިދަ ބޭނުންކުރި މައްސަލާގައި ފާރިސްއަށް ދައުވާކުރަނީ

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވައިފި އެވެ. ފާރިސްއަށް ދައުވާކުރަނީ ވެރިކަން ކުރާ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުންކުރި ކަމަށް ބުނާ މައްސަލާގަ އެވެ.

އެ މައްސަލާގައި ފާރިސްގެ މައްޗަށް ދައުވާކޮށްދިނުމަށް ފޮނުވާފައިވާ ކަމަށް ފުލުހުން ޔަގީންކޮށްދެ އެވެ.

ބައެއް މީޑިއާތަކުގައި މިރޭ ވަނީ ފާރިސްގެ މައްޗަށް ދައުވާކޮށް މައްސަލަ ކުރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ. ނަމަވެސް އެކަން ޕީޖީ އޮފީހުން ކަށަވަރެއް ނުކޮށްދެ އެވެ.

މި މައްސަލާގައި ފާރިސް ވަނީ ފުލުހަށް ހާޒިރުކޮށް، ބަޔާން ނަގާފަ އެވެ.