ކުޅިވަރު

އީގަލްސްގެ ތިން ކުޅުންތެރިޔަކު ސަސްޕެންޑް ކޮށްފި

Jun 22, 2017

ފުޓްސަލް މުބާރާތެއްގައި ކުޅެން ދިޔަ، އީގަލްސްގެ މުހިންމު ތިން ކުޅުންތެރިޔަކު އެ ކުލަބުން ސަސްޕެންޑް ކޮށްފި އެވެ. ޓީމުގެ މެނޭޖުމެންޓުން ވަކި ގޮތެއް އަންގަންދެން ޓީމުގެ ހަރަކާތަކުގައި ބައިވެރި ނުވެވޭ ގޮތަށް އެޓީމުން ފިޔަވަޅު އެޅީ، އިބްރާހިމް މުބީން (މުއްކި) އާއި ހަސަން ރާއިފް (ހަންނަ) އާއި މުހައްމަދު ރިހާމް (ބޮބީ) އެވެ.

މި ތިން ކުޅުންތެރިންނަކީ، އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ފުޓްބޯޅައިގެ ކުރިމަގުގައި، ވަރުގަދަ ތަރިންނަށް ވާނެ ކަމަށް ލަފާ ކޮށްފައިވާ ކުޅުންތެރިން ނެވެ.

"ފުޓްބޯޅައިގައި ފުރަތަމަ އަޅުގަނޑަށް އަންނާނީ ޑިސިޕްލިން ނަތީޖާ އެއީ ފަހުގެ ކަމެއް،" ސާންތީ އޭނާގެ ނިންމުން ދިފާއުކޮށް މީޑިއާގައި ބުންޏެވެ. އޭނާ ބުނީ، އެ ތިން ކުޅުންތެރިން ދެ ވަނަ ބުރުގައި އެެއްގޮތަކަށްވެސް އީގަލްސްއިން ވެސް ނުފެންނާނެ ކަމަށެވެ.

"ކުޅުންތެރިޔަކަށް ޑެސިޝަނެއް ނަގަން، ކުލަބު މެނޭޖްމެންޓަށް އަޅުގަނޑު މަޖުބޫރު ކުރާނީ އަޅުގަނޑަށް އެކަން ނުވީމަ ތަކުރާރަުކޮށް އެކަން (އިސްލާހް ކުރުމަށް) މަސައްކަތް ކުރަން އަޅުގަނޑު އެހިސާބުން މަޖުބޫރުވީމަ ފިޔަވަޅު އަޅަނީ، ކިތަންމެ މޮޅު ކުޅުންތެރިޔަކަށްވިޔަސް، އީގަލްސްގައި އަޅުގަނޑު ހުންނަހާ ދުވަހަކު އެ ކްރައިޓީރިއާއަށް ނުފެތޭ ކުޅުންތެރިޔެއް ވިއްޔާ ނުބައްޓާނަން ޓީމަކު."

ފުޓްސަލް އޮތްގޮތުން ފުޓްބޯޅައަށް އަސަރު ކުރޭ

ސާންތީ ބުނީ އޭނާ އެވާހަކަ ދައްކާތީ ބައެއް ފަރާތްތަކުން ހިތްހަމަ ނުޖެހުން އޭނާއާ މެދު އެބައޮތް ކަަމަށާއި ނަމަވެސް، އޭނާ އެވާހަކަ ދައްކަނީ ކުޅުންތެރިން އުފެއްދުމަށް ކުލަބު އީގަލްސްއިން ކުރާ ހަރަދު އޭނާ އަށް އެނގޭތީ ކަމަށެވެ.

"އަޅުގަނޑުމެން ކުޅުންތެރިން ތަކެއް އުފައްދާފަ، އަޅުގަނޑުމެން އެ ކުޅުންތެރިން ފިޓްކޮށްފައި، އެހުރިހާ ކަމެއް ކޮށްފަ، އެހެން ބަޔަކު އެޑްވާންޓޭޖު ނާގަތަން އަޅުގަނޑުމެންނަށް މި ފެންނަނީ،" ސާންތީ ބުންޏެވެ. އޭނާ ބުނީ ފުޓްސަލް އާއި ފުޓްބޯޅަ ވަކި ކުރުމަށް އެފްއޭއެމް އިން ފަށާފައިވާ މަސައްކަތް ނިމުމުން އެކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ. އޭނާ ބުނީ މި މައްސަލަ ކުރިމަތި ވެފައި ވަނީ ހަމައެކަނި އީގަލްސް އަކަށް ނުން ކަމަށާއި ބޮޑެތި ބައެއް ކުލަބުތަކަށްވެސް އެ މައްސަލަ ކުރިމަތި ވެފައިވާ ކަމަށެވެ.

"މީގައި އަލުގަނޑު ކުޅުންތެރިންވެސް ގޯހެއް ނުކުރަން، މީގަ ތިން ފަރާތުން، މުބާރަތް ބާއްވާ ފަރާތްތަކާއި އެފްއޭއެމް އާއި ކުޅުންތެރިންނަށް މިކަންތައްތަކުގައި ވަރުގަދަ ގަވައިދެއް ހެދިއްޖެޔާ މިކަންކަން ހައްލުވާނެ." ސާންތީ ބުންޏެވެ.

ސާންތީ ބުނީ ފުރަތަމަ ޑިވިޝަން ޓީމުތަކުގެ ކޯޗުންނަކީ، ފުޓްސަލް މުބާރާތްތަކަށް ކުޅުންތެރިން ފިޓްކޮށް ތައްޔާރު ކުރާ ބަޔަކަށް ވެގެން ފުޓްބޮޅަ ކުރި ނާރާނެ ކަމަށެވެ.

މުއްކި ވަނީ ރެޑްބުލްގެ ނޭމާ ޖޭއާރް ރާއްޖޭގެ މުބާރާތް ކާމިޔާބު ކުރި ޓީނޭޖްގައި ހިމެނިފަ އެވެ. އަދި އެޓީމަށް ވަނީ ބްރެޒިލްގައި އޮންނަ ބައިނަލްއަގްވާމީ ފުޓްސަލް މުބާރާރތތަށް ދާން ފުރުސަތު ލިބިފަ އެވެ.