ހަބަރު

އައްޑޫގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކު ސީރިއަސް ހާލަތުގައި

އައްޑޫ ސިޓީގައި މިއަދު ހަވީރު އެކްސިޑެންޓެއް ހިނގައި، ދެ މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ. އޭގެ ތެރެއިން އެކަކު މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ، އައްޑޫ ބޮޑުމަގުން ދުއްވާފައިދިޔަ ސައިކަލެއް ގޯޅިއަކުން ނުކުތް ޕިކަޕެއްގައި ޖެހިގެނެވެ. އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލްގައި ތިބި ދެ ފިރިހެނުންނަށެވެ.

ސީރިއަސްވި ދެމީހުންގެ ތެރެއިން އެކަކު ވައިމަގުން މާލެ ގެނައުމުގެ އިންތިޒާމް މިހާރު އާސަންދައިން ވަނީ ހަމަޖައްސާފަ އެވެ. އެމީހާއަށް މިހާރު ފަރުވާދެމުން އަންނަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ.

ދެވަނަ މީހާއަށް އެ ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓާގައި ފަރުވާދެމުންދާއިރު، އޭނާ މާލެ ގެންނަން ޖެހިއްޖެނަމަ، އެ އިންތިޒާމް ވެސް ވީއެންމެ އަވަހަކަށް ހަމަޖައްސައިދޭނެ ކަމަށް އާސަންދައިން ބުންޏެވެ. ދެ މީހުންގެ ވެސް ބޮލަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ.