ރާއްޖެ ކުޅިވަރު

އީގަލްސް އިން މާޒިޔާ ލަދުގަންނަވާލައިފި

Jun 23, 2017

އަހުމަދު ރިޒުވާން (ރިޒޭ)ގެ ހެޓްރިކާއެކު އެސްޓީއޯ މާލޭ ލީގުގައި މިރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 4-0 އިން މޮޅުވެ، ކްލަބް އީގަލްސް އިން މުހިންމު ތިން ޕޮއިންޓް ހޯދައިފި އެވެ. މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ ކްލަބެއް އަތުން މާޒިޔާ އެންމެ ތަފާތު ބޮޑުކޮށް ބަލިވި އެއް މެޗެވެ.

މި މެޗުން މޮޅުވެ، ކްލަބް އީގަލްސް ވަނީ 16 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނަ އަށް އަރައިފަ އެވެ.

ތާވަލްގެ އެއްވަނައިގައި އޮތް މާޒިޔާ މި މެޗުން ބަލިވުމުން، ލީގުގައި މާދަމާ ރޭ ޓީސީ ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ނިއު ރޭޑިއަންޓަށް ޕޮއިންޓްގެ ގޮތުން މާޒިޔާއާ އެއްވަރުކުރެވޭނެ އެވެ. އެކަމަކު މާޒިޔާ އަށް އިތުރު އެއް މެޗު އޮންނާނެ އެވެ.

ޑިފެންސަށް އިސްކަންދީގެން މުޅި މެޗުގައި ވެސް ކުޅުނު އީގަލްްސް އަށް މެޗުގެ 50 ވަނަ މިނިޓުގައި ލީޑު ނަގައިދިނީ ރިޒޭ އެވެ. ކައުންޓާ އެޓޭކެއްގައި ލިބުނު ބޯޅަ ރިޒޭ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލީ މާޒިޔާގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު އެވެ.

މެޗުގެ 74 ވަނަ މިނިޓުގައި ރިޒޭ އީގަލްސް އަށް ދެވަނަ ލަނޑެއް ކާމިޔާބުކޮށްދިނީ މާޒިޔާގެ ޑިފެންސް ލައިނަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައިގެނެވެ. މާޒިޔާގެ އައްސަދު އަލީ (އަޑުބަރޭ) ފަހަތަށް ޖައްސާލި ބޯޅައެއް އަތުލައި، ބޯޅަ ހިފައިގެން ރިޒޭ އޭރިޔާ ތެރެއަށް ވަތްއިރު، މާޒިޔާގެ ޑިފެންޑަރު ސަމޫހް އަލީ ވެސް އޭރިޔާ ތެރެއަށް ވަނެވެ. އެކަމަކު ސަމާހު ކަހާލައިގެން އޭރިޔާ ތެރެއަށް ވެއްޓުމުން، ފަސޭހަކަމާއެކު ރިޒޭ ގޯލަށް ބޯޅަ ފޮނުވާލި އެވެ.

މެޗުގެ 83 ވަނަ މިނިޓުގައި އީގަލްސްގެ ތިން ވަނަ ލަނޑު ޖެހީ މުހައްމަދު ނާއިމެވެ. ކުޅެން އެރިތާ މާގިނައިރުތަކެއް ނުވެ ލިބުނު ބޯޅައެއް، ނާއިމް ގޯލަށް އަމާޒުކޮށްލީ ޕެނަލްޓީ އޭރިޔާ ބޭރުންނެވެ.

އަދި ރިޒޭ ވަނީ މެޗު ނިމެންކައިރިވެފައިވަނިކޮށް ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅައެއް ގޯލަށް އަމާޒުކޮށް، އީގަލްސް އަށް ނަތީޖާގެ ފަރަތު ބޮޑުކޮށްދީފަ އެވެ.

އީގަލްސްގެ ހަތަރު ވަނަ ލަނޑުގެ ކުރިން މެޗު ހޫނުވެގެންދިޔަ އެވެ. އީގަލްސް އަށް އެ ޓީމުގެ ހާފު ތެރެއިން ލިބުނު ހިލޭ ޖެހުމެއް ޖެހުމުގައި އެ ޓީމުން ލަސްކުރި ކަމަށް ބަލައި، ރެފްރީ އަބްދުﷲ ޝާތިރު ރީނދޫ ކާޑު ދެއްކީ އީގަލްސްގެ ޑިފެންޑަރު މަގްދީއަށެވެ. މިއީ މަގްދީ އަށް މެޗުގައި ދެއްކި ދެވަނަ ރީނދޫކާޑެވެ. އެކަމަކު އެއީ މަގްދީ އަށް ދައްކަންޖެހޭ ކާޑެއް ނޫން ކަމަށާއި ލަސްކޮށްގެން ކާޑު ދައްކަންޖެހެންޏާ ކާޑު ދައްކަން ޖެހޭނީ އީގަލްސްގެ ކީޕަރު ސުޖަން ޕެރޭރާ އަށް ކަމަށް އީގަލްސްގެ ކުޅުންތެރިންނާއި އޮފިޝަލުން އެޕީލްކުރި އެވެ. އެ ވަގުތު ބަދަލު ރެފްރީ އަހުމަދު ޝިފާންއާ މަސްވަރާކުރުމަށް ފަހު، ރެފްރީ ޝާތިރު ވަނީ މަގްދީގެ ބަދަލުގައި ސުޖަން އަށް ރީނދޫ ކާޑު ދައްކައިފަ އެެވެ. މި ކަމާ ހިތްހަމަނުޖެހިން މާޒިޔާގެ ބައެއް އޮފިޝަލުން ބަދަލު ރެފްރީ ޝިފާންއާ ދިމާލަށް ދިޔަ އެވެ. އެކަމަކު ފުލުހުންނާއި ޓީމުގެ އޮފިޝަލުން ވަނީ އެކަން ހުއްޓުވައިފަ އެވެ.