ކުޅިވަރު

ކަމާލް ކަޕްގައި އޮތް ރޫހް ޓީސީއަށް އަތުވެއްޖެ

Jun 24, 2017

ބަންގުލަދޭޝްގައި، މިއަހަރު ބޭއްވި، ޝައިހް ކަމާލް ކުލަބު ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރިިއިރު އޮތް ރޫހް، ބޭރޭކަށްފަހު ޓީސީއަށް އަތުވެއްޖެ ކަމަށް، ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނެފި އެވެ.

ޝައިހް ކަމާލް ކަޕްގެ ކާމިޔާބަށް ފަހު، މާލޭ ލީގް މެޗުތަކާ ޓީސީ ކުރިމަތިލި ނަމަވެސް، ލީގްގައި އެޓީމަށް މައްސަލަ ކުރިމަތިވި އެވެ. ނަމަވެސް، ގައުމީ ޓީމު އަފްގާނިސްތާނާއި، ބޫޓާނާ ދެކޮޅަށް ކުޅެން އޮތް ދެމެޗަށް، މެދުކަނޑާލި ވަގުތު ޓީސީ ދިޔައީ ފޯމަށް އެޅުމުން ނެވެ.

ނިޒާމް ބުނީ، ބްރޭކް ގެންދިޔައީ، ޕްރީ ސީޒަނެއް ހެން ކަމަށާއި ޓްރެއިނިންގައި ގިނަ ކަންކަމަށް ސަމާލުކަން ދީގެން ގެންދެވުނު ކަމަށެވެ. އަދި ޓީމުގެ ޒުވާން ކުޅުންތެރިންނަށް ވަރަށް ބޮޑު ކުރިއެރުމެއް އައިސްފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

"އެހެންޏާ ވާގޮތަކީ، ވަރަށް ބައިވަރު މެޗުތަކެއް ކުޅެފައި ލޮޑު ވެފައި އޮންނަ ވަގުތު ބްރޭކް އަންނަނީ، އެހެންވީމަ ވަރަށް އުނދަގޫ، މިފަހަރު ބްރޭކް ވަރަށް ރަނގަޅަށް ބޭނުން ކުރެވުނު، ސީޒަން ފެށިއިރު އޮތް ފޯމަށް މިހާރު އެޅިއްޖެ،" ނިޒާމް ބުންޏެވެ.

ލީގްގައި މިރޭ ޓީސީ އަށް އޮތީ ނިއުރޭޑިއަންޓެވެ. ފުރަތަމަ ބުރުގައި، ނިއު އަތުން ޓީސީ ބަލިވީ، 2-1 ން ނެވެ. ނިޒާމް ބުނީ، އެރު ޓީސީއަށް ދިމާވީ، ބޭރުގެ މުބާރާތް ކާމިޔާބު ކުރުމަށްފަހު، ރަނަގަޅު ފޯމެއްގައި އޮއްވައި ބްރޭކް އައުމުން، އަލުން ފަށައި ޓީސީ ފޯމަކަށް ގެންނަން އުނދަގޫވި ކަމަށެވެ.

"އެ މެޗު [ނިއުއާ ދެކޮޅަށް ކުޅުނު މެޗް] ކޮންމެ ގޮތަކަށް ދިޔަޔަސް، މެޗުގެ 90 ޕަސަންޓް ޑޮމިނޭޓް ކޮށްގެންގެން ކުޅެފައި އޮތީ ޓީސީ ނިއުއާ ދެކޮޅަށް (މިރޭ) ނިކުންނައިރު އެއީ ވަރަށް ބޮޑު ކޮންފިޑެންސެއް ޓީމަށް ލިބޭ،"

އޭނާ ބުނީ އޭރާއި މިހާރާ އަޅާ ބަލާއިރު ޓީސީގެ ގޭމް އާއި ސްޓައިލަށް ބޮޑު ތަފާތެއް އަތުވެއްޖެ ކަމަށެވެ. އަދި ނިއުއާ ދެކޮޅަށް ފެނިގެންދާނީ ވަރަށް ތަފާތު ގޭމެއް ކަމަށެވެ.

"ނިއުއާ ދެކޮޅަށް ނިކުތުމަކީ ޕްރެޝަރެއް ނޫން، ނަމަވެސް އެއީ ޗެލެންޖެއް، އެއީ އެޓީމަކީ ރާއްޖޭގެ ބޮޑު ކުލަބަކަށް ކިޔާ ޓީމެއް، އެއަށްވުރެ މާ ޕްރެޝާ ބޮޑު ކަންނޭންގެ ނިއުރޭޑިއަންޓަށް، ކުލަބެއްގެ ގޮތުން އެ މީހުން ސީޒަނަށް ތައްޔާރު ވެގެން އައި ގޮތާއި ކުރަމުން އައި މަސައްކަތާ ބަލާފައި، ގްރީންސްޓްރީޓް އެއިނީ އެމީހުންގެ މައްޗަށް ކުރި ހޯދާފަ އެއީ ޕްރެޝަރެއް ކަންނޭންގެ، އަނެއްކާ ޓީސީ އެމީހުންގެ މައްޗަށް ކުރި ހޯދައިފިއްޔާ އިތުރަށް ޕްރެޝާ ބޮޑުވާނެ."

ނިޒާމް އަށް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ގައުމީ ޓީމު ސްކޮޑްގައި ހިމެނުމަށްފަހު، އަނިޔާއާ ގުޅިގެން ޓީމުން ބާކީ ކުރި މުހައްމަދު އައްޒާމް މުޅިން ފިޓްވެފައި ހުރުމެވެ. ޓީސީއާ ނިއު ކުޅޭ މެޗު ފަށީނީ މިރޭ 10:00 ގަ އެވެ.