ކުޅިވަރު

މާޔޫސްކަން ފިލުވާލަން ނިއުއަށް ބޭނުން ވަނީ މޮޅެއް

Jun 23, 2017

ލީގް މެދުކަނޑާ ލުމުގެ ކުރިން، ނިއު ބަލިވީ، ފުރަތަމަ ޑިވީޝަންގައި އަލަށް ވާދަ ކުރާ ގްރީންސް ސްޓްރީޓް އަތުން ނެވެ. ގްރީން އަތުން 3-0 ން ނިއު ބަލިވި މެޗަކީ، މި ސީޒަންގައި އެޓީމު ބަލިވި އެންމެ ތަފާތު ބޮޑު ނަތީޖާވެސް މެއެވެ. ނިއުގެ ކޯޗް، ޕޯޗްގަލްގެ ބެނޭޑޯ ޓެވަރޭސް ބުނީ، އެ މަޗަށް ފަހު މޮޅެއް ހޯދަން ނިއު އޮތީ ކެތް މަދުވެފައި ކަމަށާއި އެކަމަށްޓަކައި ގާތްގަނޑަކަށް އެއް މަސް ވަންދެން މަޑު ކުރެވިއްޖެ ކަމަށެވެ.

އޭނާ ބުނީ، ގްރީން އަތުން ބަލިވުމުން، ވަރަށް ބޮޑަށް މާޔޫސްވި ކަމަށާއި އަދި އެއަށްފަހު އައި ބްރޭކް މާބޮޑަށް ދިގު ވުމުން ކުޅުންތެރިންގެ ހިތްވަރަށް އަސަރު ކުރި ކަމަށެވެ. މިރޭ ޓީސީއާ ދެކޮޅަށް ކުޅޭ މެޗުގައި، ދެ މެޗުގެ ސަސްޕެޝަންގެ ފިޔަވަޅު އެޅި، ނިއުގެ އެޑްރިއަން ގަލޯޑޯ އާއި ކެޕްޓަން އަދި ގޯލް ކީޕަރު އިމްރާން މުހައްމަދު މިރޭގެ މެޗުން ފެންނާނެ އެވެ. ނަމަވެސް ދެ ކާޑު ހަމަވުމުގެ ސަބަބުން ބައެއް އެހެން ކުޅުންތެރިން ސަސްޕެންޑް ވެފައި ވުމުން އެކަމުގެ ކަންބޮޑުވުން ޓެވަރޭސް ފާހަގަ ކުރި އެވެ.

"އެންމެ ފަހު މެޗު (ގްރީން ސްޓްރީޓް މެޗް) ގައި ބަލިވުމުން އަހަރެމެން ވަރަށް ބޮޑަށް މާޔޫސްވި، އެ މެޗުގައި ނުފެނުނު ރޫހް (މިރޭގެ) ގެ މެޗުގައި ފެނިގެންދާނެ މޮޅު ވެއްޖެއްޔާ އާ ހިތްވަރެއް ލިބިގެންދާނެ." ޓެވަރޭސް ބުންޏެވެ.

އޭނާ ބުނީ ޖުލައިގެ ފަހުން، ނިއުގެ ޓީމަށް ބަދަލުތައް ގެނެސް، ތަފާތު ފެނިގެންދާނެ ކަމަށެވެ.

"ޖުލައިގައި ކުޅުންތެރިންނަށް ބަދަލު ގެނެސް ތަފާތެއް ފެނިގެންދާނެ ކަން ޔަގީން، ޓީމު އިތުރަށް ކޮލިޓީ ވެގެންދާނެ، މިހާރު އޮތް ޓީމުގައި ބޮޑެތި ތަފާތު ތަކެއް އެބަހުރި، ނަމަވެސް ޖުލައި އަށްފަހު ވަރަށް ބޮޑަށް ބަދަލު ވެގެންދާނެ.

އޭނާ ބުނީ، ގައުމީ ޓީމުގައި ނިއުގެ ހަތަރަު ކުޅުންތެރިން ހިމެނުނަސް، އެންމެ ފަހުން އެކުލަވާލި، ސްކޮޑްގައި ނިއުގެ ކުޅުންތެރިންގެ އަދަދު އިތުރުވުމަކީ، ޓީމުން ކުރަމުން އަންނަ މަސައްކަތް އަންގައިދޭ ހެއްކެއް ކަމަށާއި ގައުމީ ޓީމަށް އަރާވަރުގެ އިތުރު ކުޅުންތެރިންވެސް ނިއުގައި އެބަތިބި ކަމަށެވެ.