ވިޔަފާރި

"ހިއްސާ ވިއްކުމާއެކު އުރީދޫގެ މިލްކުވެރިން ރާއްޖެއަށް ބަހާ ލެއްވިއްޖެ"

އުރީދޫ މޯލްޑިވްސްގެ ހިއްސާ ވިއްކުމުގެ ސަބަބުން އެ ކުންފުނީގެ މިލްކު ވެރިކަން މުޅިރާއްޖެއަށް ބަހާލެވިފައިވާ ކަމަށް ޑިރެކްޓަރު ދީނާ ހުސައިން ވިދާޅުވެއްޖެ އެވެ.

އުރީދޫގެ ހިދުމަތް ރާއްޖޭގައި ފެށުނީއްސުރެ ޑިރެކްޓަރުގެ ބޯޑުގައި ހިމެނި ވަޑައި ގަންނަވާ، ދީނާ ވިދާޅުވީ އައިޕީއޯގެ މައިގަނޑު އެއް މަގްސަދަކީ، އުރީދޫ މޯލްޑިވްސްގެ މިލްކުވެރިކަން ރާއްޖޭގެ އެކި ހިސާބުތަކަށް ބަހާލެވި، އިންވެސްޓްމަންޓް އަދި ފަހަށް ރައްކާކުރުމަށް ރާއްޖޭގައި ހުރި ފުރުސަތުތަކާއި މެދު ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ.

"ރާއްޖޭގެ 20 އަތޮޅުގެ ތެރެއިން އާބާދީ ބޮޑު ސަރަހައްދުތަކުގައި ބޭއްވުނު އެތައް އިވެންޓަކަށް ފަހު މިކަން ހާސިލް ކުރެވުނީތީ އުރީދޫ މޯލްޑިވްސް އިން އުފާކުރަން. މި ލަނޑުދަނޑި ހާސިލް ކުރުމުގައި އެކި ރަށްރަށުން ލިބުނު ތަރުހީބަށާއި، އެބޭފުޅުން އުރީދޫ މޯލްޑިވްސްގެ ކުރިއެރުމަށް ދެއްވާ އިތުބާރާއި ޔަގީންކަމަށް ޝުކުރު އަދާކުރަން،" ދީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަސައްކަތުގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

"ރެޖިސްޓްރާ އޮފް ކޮމްފެނީސް، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ކޮމިޔުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް، ދަ މޯލްޑިވްސް ސްޓޮކް އެކްސްޖޭންޗް އަދި އައިޕީއޯ ގެ މަސައްކަތްތައް ކަނޑައެޅިފައިވާ ދުވަސްތަކަށް ނިންމުމަށް މަސައްކަތް ކުރުމުގައި ކެނޑިނޭޅި އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް ވެސް ޝުކުރު ދަންނަވަން. މީގެ އިތުރުން، އަޅުގަނޑުމެންގެ ލީޑް އެޑްވައިސާ އެންޑީބީ އިންވެސްޓްމަންޓް ބޭންކް، ސްރީލަންކާ އެންޑް ޕްރެމިޔާ ޗެމްބަސް [އޮފަގެ ލޯޔަރުން]، ބޭންކް އޮފް މޯލްޑިވްސް، ސްޓޭޓް ބޭންކް އޮފް އިންޑިޔާ އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފަރާތުން އައިޕީއޯ ކާމިޔާބު ކަމާއިއެކު ކުރިޔަށް ގެންދިޔުމަށް ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރުދަންނަވަން،"

އުރީދޫ މޯލްޑިވްސްއިން ބުނީ އެ ކުންފުނީގެ އައިޕީއޯއަށް އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށެވެ.

އެ ކުންފުނީގެ ސީއީއޯ ނަޖީބު ހާން ވިދާޅުވީ އައިޕީއޯ އަށް އާންމުންގެ ފަރާތުން ލިބުނު ތަރުހީބާއި ބައިވެރިވުމާއެކު ރާއްޖޭގެ ވަރަށް ބޮޑު އިންވެސްޓާ ބޭސް އެއް ލިބިގެން ދިއުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި ވަރުގެ ބައިވެރިވުމެއް އާންމުންގެ ފަރާތުން ލިބުމުން ދައްކުވައިދެނީ، އުރީދޫ މޯލްޑިވްސްގެ ކުރިއެރުމާއި މެދު އިންވެސްޓަރުންނަށް އިތުބާރުއޮތްކަން. ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސް، މުވާސަލާތީ ދާއިރާގައި އަޅުގަނޑުމެންގެ ކުރިއެރުމުގެ ދެން އޮތް ހަރުފަތަށް ވާސިލްވުމަށް ކުރާ ދަތުރުގައި، އެންމެހައި ހިއްސާދާރުންނަށް އުރީދޫ ޓީމް ގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން،" ނަޖީބު ވިދާޅުވި އެވެ.

އުރީދޫ ބުނެފައިވާ ގޮތުގައި 8219 ހިއްސާދާރުންނަށް 14،044،870 ހިއްސާ (ޖުމްލަ 421،346،100 ރުފިޔާ) ވިއްކާފައިވާ އެވެ. މިއީ ދޫކުރެވިފައިވާ ހިއްސާގެ 9.5 ޕަސެންޓެވެ.

އުރީދޫން ވިއްކަން ހުޅުވާލާފައިވަނީ ހިއްސާ އަކަށް 30 ރުފިޔާގެ ރޭޓުންނެވެ. ފުރަތަމަ ވިއްކަން ހުޅުވައިލީ ހިއްސާގެ 15 ޕަސެންޓް ކަމަށްވާ 22,170,060 ހިއްސާ އެވެ. އަދި ދޫކޮށްފައިވާ އާންމު ހިއްސާގެ 15 ޕަސެންޓަށް ވުރެ އިތުރަށް ހިއްސާ ގަންނަން ހުށަހައިފިނަމަ ގިނަވެގެން 40 ޕަސެންޓް ( 59,120,160 އާންމު ހިއްސާ) ވިއްކާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.