ހަބަރު

ފެނަކައިން 24 ރަށަކަށް ބޭނުންވާ ސިންކްރޮނައިޒިން ޕެނަލް ގެނެސްފި

ފެނަކަ ކޯޕަރޭޝަން އިން 24 ރަށެއްގައި ބޭނުން ކުރުމަށް ސިންކްރޮނައިޒިން ޕެނަލްތަކެއް ގެނެސްފި އެވެ. ސިންކްރޮނައިޒިން ޕެނަލަކީ އިންޖީނުތަކުން މެދުކެނޑުމެއް ނެތި މުޅި ރަށަށް ކަރަންޓު ފޯރުކޮށްދިނުމަށް އެހީވާ ސިސްޓަމެކެވެ.

ފެނަކައިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ މިދިޔަ އަހަރު ފަހުކޮޅު އޯޑަރު ކުރި 24 ރަށެއްގެ ސިންކްރޮނައިޒިން ޕެނަލް ރާއްޖެ ގެނެސްފައިވާ ކަމަށާއި މިއަދުގެ ވަގުތެއްގައި 24 ރަށަކަށް ފޮނުވުމަށް އެތަކެތި ތައްޔާރުކޮށްފައިވާ ކަމަށެވެ. އަދި އެ ޕެނަލްތަކުން ރަށްރަށަށް ކަރަންޓު ފޯރުކޮށްދިނުމުގެ ފެންވަރު ރަނގަޅުވެ އެއް އިންޖީނުން އަނެއް އިންޖީނަށް ބަދަލު ކުރާއިރު ދިމާވާ ދަތިތައް ހައްލުވެގެން ދާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ބައެއް ރަށްރަށުގައި އެއް އިންޖީނުން އަނެއް އިންޖީނަށް ބަދަލުކޮށްލާ އިރުގަ ގޭގޭގައި ހުންނަ ކަރަންޓު ސާމާނު ހަލާކުވުން ފަދަ މައްސަލަތައް ދިމާވޭ. ނަމަވެސް މި ޕެނަލްތައް ހަރުކޮށް ހިދުމަތް ފެށުމުން އެ މައްސަލަތައް ވެސް ހައްލުވާނެ. އެ ރަށެއްގައި ހުރި ހުރިހާ ޖެނަރޭޓަރުތައް ހުންނާނި އެއް ޕެނަލްއަކާ ގުޅާލާފައި ސިންކްރޮނައިޒް ކުރެވިފައި،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ޕެނަލްތައް މިއަދު ރަށްރަށް ފޮނުވުން ނަމަވެސް އެތަކެތި އިންސްޓޯލްކޮށް ހިދުމަތް ފެށުމަށް ހަފްތާއެއްހާ ދުވަސް ނާގާނެ ކަމަށެވެ. އަދި އެ ކުންފުނިން 148 ރަށެއްގެ އިންޖީނުގެ ބަލަހައްޓަމުން އަންނަ އިރު 49 ރަށަކަށް ސިންކްރޮނައިޒިން ޕެނަލް އިތުރަށް ހޯދަން ޖެހޭ ކަމަށެވެ.

ސިންކްރޮނައިޒިން ޕެނަލް ބަހައްޓާ ރަށްތައް:

  • ހއ. ވަށަފަރު
  • ށ. ފީވަށް
  • ނ ގޮއިދޫ
  • ށ. ޅައިމަގު
  • ށ. މާއުނގޫދޫ
  • ނ. ކުޑަފަރީ
  • ނ. މާޅެންދޫ
  • ނ. ވެލިދޫ
  • ރ. ރަސްމާދޫ
  • ބ. ހިތާދޫ
  • ޅ. އޮޅުވެލިފުށި
  • މ. މަޑުއްވަރޫ
  • މ. މުލި
  • ފ. ދަރަނބޫދޫ
  • ފ. ފީއަލީ
  • ދ. ހުޅުދެލި
  • ދ. ކުޑަހުވަދޫ
  • ދ. މާއެނބޫދޫ
  • ތ. ގާދިއްފުށި
  • ލ. ހިތަދޫ
  • ލ. އިސްދޫ
  • ގދ. މަޑަވެލި
  • ގދ. ރަތަފަންދޫ
  • ސ. ހުޅުދޫ