ހަބަރު

ކަރަންޓުގެ އަގަށް އަންނަ ބަދަލު އީދު ފަހުން ހާމަ ކުރާނެ

ކުރިޔަށް އޮތް ފިތުރު އީދުގެ ބަންދަށް ފަހު ކަރަންޓުގެ އަގަށް އަންނަ ބަދަލުތައް އިއުލާން ކުރާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ. ޝަރީފް މިހެން ވިދާޅުވީ ތެލުގެ ޑިއުޓީ ކުޑަ ކުރުމާއެކު، ޑީސަލް އާއި ޕެޓްރޯލްގެ އަގު އެސްްޓީއޯއިން ކުޑަ ކުރުމާ ގުޅިގެނެވެ.

ފެނަކަ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން ފެނަކައިން ދޭ ހިދުމަތުގެ ޓޭރިފްއަށް ވެސް ބަދަލު އަންނާނެ ކަމަށެވެ. އެގޮތުން ކަރަންޓުގެ އަގަށް ގެންނާނެ ބަދަލުތަކާ ގުޅޭ ގޮތުން އެންވާރަމަންޓް މިނިސްޓްރީއާއި ސްޓެލްކޯ އަދި ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ބަންދަށް ފަހު ސަރުކާރު ހުޅުވުމުން އަގުތައް އިއުލާން ކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނެއް ކަރަންޓުގެ އަގުތަކަށް ގެންނާނެ ބަދަލުތަކެއް އަދި ނުނިންމަން. ނަމަވެސް ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށް އެ މަސައްކަތް ކުރަމުން މި ގެންދަނީ. މި ބަންދަށް ފަހު ހުޅުވޭ ހަފްތާ ތެރޭގައި އަގުތައް އިއުލާން ކުރާނަން،" ޝަރީފް ވިދާޅުވި އެވެ.

އެސްޓީއޯ އިން ވިއްކާ ޑީސަލް ލިޓަރަކުން 51ލ. އާއި ޕެޓްރޯލް ލިޓަރަކުން 30ލ. ވަނީ ހެެޔޮކޮށްފަ އެވެ. އެ ބަދަލާއެކު މިހާރު 8.95 ރުފިޔާ އަށް ވިއްކަމުން ގެންދާ ޑީސަލް ލިޓަރެއް ދެން ވިއްކާނީ 8.44 ރުފިޔާ އަށެވެ. އަދި މިހާރު 8.95 ރުފިޔާ އަށް ވިއްކާ ޕެޓްރޯލް ލިޓަރެއްގެ އަގު 8.65ރ. އަށް ހެޔޮ ވެގެންދާނެ އެވެ.