ފިނިޕޭޖް

ޔާމީންގެ ވަރުގަދަ އަޑުން ހިތްގައިމު ލަވަތަކެއް

ހުނަރުން ފުރިފައިވާ އަޑެއްގެ ވެރި، ޔާމީން ރަޝީދަކީ ކަވާ ލަވަތަކުން އެންމެ މަގުބޫލު ފިރިހެން އަޑެވެ. އޭނާގެ އަޑުން މީގެކުރިން އިވިގެން ގޮސްފައިވާ ކަވާ ލަވަތަކީ ވަރަށް ހިތްގައިމު، ގިނަ ބަޔަކަށް އެންމެ ރީތިވި ލަވަތަކެވެ. އަނެއްކާވެސް ޔާމީންގެ އަޑުން މިވަނީ ރީތި ކަވާ ލަވަތަކެއް އޭނާގެ ސަޕޯޓަރުންނަށް ދޫކޮށްލާފަ އެވެ.

އަވަސް އާއި ޗެނަލް 13 ގުޅިގެން މުޅިން އަލަށް ގެނެސްދޭން ފެށި، "ރިދަމް" ޝޯގެ ހަތަރުވަނަ އެޕިސޯޑުގައި މިރޭ ގެނެސްދިނީ ޔާމީން ރަޝީދުގެ ލަވަތަކެވެ. ޔާމީން ހުށަހަޅާފައިވަނީ އޭނާ އެންމެ ކިޔާލަން ބޭނުންވި ލަވަތަކެވެ. އެގޮތުން އޭނާ ހުށަހަޅައިދީފައިވަނީ، "ކީއްވެހޭ ނިވާވަމުން" އާއި އީސަގެ "ރޯބުހުތާން" އަދި "ބުނަން ނުކެރިފާ" އެވެ.

"ކީއްވެހޭ ނިވާވަމުން" އެ ލަވަ ޔާމީން ކިޔާފައިވަނީ އެ ލަވައަކީ ވަރަށް ރީތި އަދި ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް މަޝްހޫރުވެގެން ދިޔަ ލަވައަކަށްވާތީ އެވެ.

"ދިވެހިންގެ ތެރޭގައި ވަރަށް މަޝްހޫރުވި ލަވައެއް މީ، މިފަހަކަށް އައިސް ވަރަށް އަޑު ނީވެ، ދެން އެހެންވީމަ ހިތަށް އެރީ މި ލަވަ ކިޔާލާނަމޭ، ކުރީގަ އިން ލަވައާ ކުޑަކޮށް ތަފާތުކޮށްލައިގެން މި ކިޔަނީ، ވަރަށް އުއްމީދުކުރަން މި ލަވަ ވެސް ކަމުދާނެ ކަމަށް،" ޔާމީން ބުންޏެވެ.

ދެވަނައަށް ޔާމީން ކިޔާފައިވަނީ ރާއްޖޭގައި އުފެދުނު އެންމެ އަދާޔާ ހިލާފު ލަވަކިޔުންތެރިޔާ ކަމަށްވާ އީސަގެ "ރޯބުހުތާން" އެވެ. އެ ލަވަ ޔާމީން ކިޔާފައިވަނީ ވަރަށް ތަފާތު ލަވައަކަށްވާތީ އެވެ. ލަވައިގެ ޅެން ވެސް މޮޅުވީމަ އެވެ.

"އެއް ބައި ފަހަރަށް މިކިޔާ އެއްޗެހި އޮޅުން ނުފިލާތީ އީސަ ކައިރިއަށް ވެސް ދިޔައިން، އީސަ ވެސް ކިޔައިދިން މީގަ މިކިޔާ އެއްޗެހި، ފުދޭވަރަކަށް ތަފާތު ލަވައަކަށްވާތީ ހިތަށް އެރީ ބޭންޑް ކުދިންނާ ވެސް ވާހަކަ ދައްކާލާފަ މި ލަވަ ކިޔާލަން،" އެ ލަވަކީ ސަބަބު ހާމަކޮށް ޔާމީން ބުންޏެވެ.

އެންމެފަހު ލަވައެއްގެ ގޮތުގައި ޔާމީން ކިޔާފައިވަނީ "ބުނަން ނުކެރިފާ" އެވެ. އެ ލަވައަކީ ވަރަށް ކުރީންސުރެ ޔާމީނަށް ރަހުމަތްތެރިއެއްގެ ބޭބެގެ ފަރާތުން އިވޭ ލަވައެކެވެ. މުޅިން ވެސް އޭނާ އަޑުއިވިފައި އޮތީ ލަވައިގެ މައިގަނޑެވެ. އެހެންކަމުން މިފަހަރު އެ ލަވަ ކިޔާފައިވަނީ އަމިއްލަ ކަޑިތަކެއް ލަވައަށް އިތުރުކޮށް ލަވަ އެއްކޮށް ފުރިހަމަކޮށްގެންނެވެ.

"މުޅިން ވެސް މައިގަނޑު އިވިފައި އޮތީ، ދެން ހިތަށް އެރީ މި ޝޯއިން ފުރުސަތު ލިބުނީމަ، އަޅުގަނޑުމެން އަމިއްލައަށް މީތި ކޮންޕްލީޓްކޮށްލައިގެން ބެލުންތެރިންނާ ހަމައަށް ގެނެސްދޭނަމޭ، އެހެންވީމަ އަމިއްލައަށް ކަޑިތަކަކާ އެއްޗެހި ހަދާލައިގެން މި ލަވަ ނިންމާލައިގެން މި ޝޯއަށް ތައްޔާރުކޮށްފަ މިއިނީ، ވަރަށް އުއްމީދުކުރަން މި ލަވަ ކަމުދާނެ ކަމަށް،" ޔާމީން ބުންޏެވެ.

ޔާމީންގެ ހިތްގައިމު އަޑުން އިވިގެން ދިޔަ މި މި ލަވަތައް ކޮންމެހެންވެސް ބަލައިލަން ވާނެ އެވެ. ޔޫޓިއުބުން މިހާރު ބަލައިލެވޭނެ އެވެ.